|
މަހުޖަނުންގެ ޕާޓީ ވުޖޫދަށް އައުމާއިއެކު އަންނި ރަޖާލައިފި

ރިޔާސީއިންތިޚާބު
ކުޑަތަންވެފައިވަނިކޮށް ރާއްޖޭގެ މަޝްހޫރު ފައިސާވެރިންތަކެއް
އިސްކޮށްތިބެގެން ރައްޔިތުން ގަނެލުމަށްޓަކައި އުފެއްދި ޖުމްހޫރީ
ޕާޓީގެ ސަބަބުން އެމްޑީޕީގެ ރިޔާސީކެނޑިޑޭޓުގެ ހިތަށް ނުތަނަވަސް
ކަންވެރިވެ ހަދާނެގޮތް ހުސްވެއްޖެ ކަން ހާމަވެއްޖެއެވެ. މިކަން
ހާމަވެގެން ދިޔައީ ހުކުރު ދުވަހު ދިއެފްއެމް ވަންޓުވަން
ޕުރޮގުރާމުގައި އަންނި ދެއްކި ވާހަކައިގެ ސަބަބުންނެވެ.
ރާއްޖޭގެ ގިނަ އަދަދެއްގެ ބޮޑެތި ވިޔަފާރިވެރިންތަކެއް އިސްކޮށް
ތިއްބަވައިގެން އުފައްދާފައިވާ ޖުމްހޫރީ ޕާޓީގެ ސަބަބުން އެމްޑީޕީ
އަށް ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށް އަންނި
ބުނެފައިވެއެވެ. ރާއްޖޭގެ ބައެއް ފައިސާވެރިންގެ ތައްޕާހުގައި
ނާށިގަނޑު ހިފައިގެން އުޅޭ އެމްޑީޕީގެ ފަރާތުން ވާހަކަދައްކަމުން
އަންނި ޖުމްހޫރީޕާޓީއަށް ފާޑުކިޔަންވެސް މަސައްކަތް ކޮށްފައި
ވެއެވެ.
ހުކުރުދުވަހު ދިއެފްއެމްގެ ވަންޓުވަން ޕްރޮގްރާމުގައި
ވާހަކަދައްކަމުން އަންނި އޭނާގެ މޮޅުކަން ހާމަކުރުމުގެ ގޮތުން
ބުނެފައިވަނީ އެމްޑީޕީންނާއި ޑީއާރްޕީން މެންބަރުން
ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައިވާއިރު،
މިކަން މިގޮތަށް ހިނގާނެކަން ކުރިންވެސް އެނގިފައިވާކަމަށެވެ.
ނާޝިދާއި ގާސިމުގެ ފަސްބައިގައި އެލިގެން މަސައްކަތްކުރަންފެށި
އެމްޑީޕީގެ މައްޗަށް އަންނި ބާރުފޯރުވާ ޚުދުމުޚުތާރު ގޮތްތަކެއް
ޢާންމު ކުރުމުގެ ސަބަބުން އެމްޑީޕީ ދޫކޮށް އެޕާޓީގައި އުޅުނު
ހުރިހާ ހަރުދަނާ މީހުން ވަނީ ގޮސްފައެވެ. މިއަދު އެމްޑީޕީގެ
އަވާމެންދުރުގައި ޖެހިފައިތިބި ގިނަމީހުންނަކީ ރައްޔިތުންގެ
ތެރެއިން ބޮޑެތި ޖަރީމާތައް ހިންގައި ޖަލުގައި އެތައް ދުވަސްތަކެއް
ހޭދަކޮށްފައި ތިބިބައެކެވެ.
އަންނިއަށް ޖުމްހޫރީ ޕާޓީގެ ކައިރިން ސަލާމަތް ނުވެވޭނެ ކަމަށް
ގިނަބަޔަކު ގަބޫލްކުރެއެވެ. އެހެނީ ޖުމްހޫރީ ޕާޓީގައިވެސް ،
އެމްޑީޕީގައިވެސް ،އައިޑީޕީގައިވެސް ، ޢަދާލަތުގައިވެސް އެއުޅެނީ
އެއްބައެކެވެ. ޒަޢީމް މައުމޫނަށް ތާޢީދުކުރާ މީހުންތިބީ
އެމަނިކުފާނުގެ ފަހަތްޕުޅުގައެވެ. އެމަނިކުފާނާއި އެކުގައެވެ.
އަންނި ޖުމްހޫރީ ޕާޓީގެ އަގުވައްޓާލަން ހުކުރު ދުވަހު ދެއްކި
ވާހަކަތަކުގައި އާންމުކޮށް ވިޔަފާރި ކުރާ ބޭފުޅުންނަށް ސަރުކާރު
ހިންގުން ނުވަތަ ދައުލަތް އެބޭފުޅުންނަށް ލިބުމަކީ އެއްވެސް
ތަނެއްގައި ރަނގަޅު ސަރުކާރަކަށް ވެގެން ނުދާ ކަމަށެވެ. އަންނިގެ
މިވާހަކަތައް އެހިބައެއް ފަރާތްތަކުން ހާމަކޮށްފައިވަނީ
ވައްކަންކޮށްފައި ތިބޭ ޚިޔާނާތްތެރިން އެއްވެސް ތަނެއްގެ
ވެރިކަމުގައި ހުންނަނަމަ ހަމަޖެހޭ ގޮތަކަށް އެއްވެސް ކަމެއް ނުދާނެ
ކަމުގައެވެ.
“ މިއިންތިހާބުގައި ރައްޔިތުންގާތު މިއަހަނީ ތިބޭފުޅުން ބޭނުންވަނީ
ވިޔަފާރިވެރިންކޮޅެއްގެ އަތްމައްޗަށް ވެރިކަން
ދޫކޮށްލެއްވުމަށްތޯއޭ ނުވަތަ ތިބޭފުޅުން ބޭނުންވަނީ ސިޔާސީ
ކަންކަމުގައި އުޅޭ ސިޔާސީ މީހުންގެ އަތްމައްޗަށް ސިޔާސީ ކަންކަން
ހިންގަން ދޫކޮށްލަންތޯއޭ، އަޅުގަނޑުގެ ނަޒަރުގައި ދިވެހިރައްޔިތުން
ނިންމާނީ އެބޭފުޅުންނަށް އެންމެ ރަނގަޅު ގޮތަކަށް، އަޅުގަނޑަކަށް
ނުފެނޭ ރައްޔިތުން ވިޔަފާރިވެރިންނަށް ވެރިކަން ކުރަން ދިނުން
ނިންމާނެ ގޮތެއް” އަންނި ބުނެފައިވެއެވެ.
އަންނިގެ ވާހަކައިންވެސް މިހާރު މިގައުމުގެ ވެރިކަމަށް އެންމެ
އެކަށީގެންވާ މީހަކީ ޒަޢީމް މައުމޫންކަން ހާމަވެގެން ދެއެވެ.
އެހެނީ އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ސިޔާސަތު އެންމެ ރަނގަޅަށް
އެނގިވަޑައިގަންނަ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޒަޢީމުވެސް
މެއެވެ. އަދި މީގެ އިތުރުން ޤައުމުގެ ވެރިކަން އެންމެ ގިނަދުވަހު
ކުރި ފަރާތްވެސް މެއެވެ.
ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން
ހާމަކޮށްފައިވަނީ ރިޔާސީ އިންތިޚާބާއި ޖެހެންދެންވެސް އެމްޑީޕީ
ދުނިޔޭގައި އޮންނާނެ ކަމަށް ނުފެންނަ ކަމަށެވެ. އެހެންކަމަށް
ވާނަމަ އެމްޑީޕީ ވެގެންދާނީ މިފަހަކަށް އައިސް ރާއްޖޭގައި ދުނިޔެ
ދޫކުރި ފުރަތަމަ ޕާޓީއަށެވެ.
|