|
26th August 2008
2004 ނޮވެމްބަރ 22 ގައި ޤާސިމް އިބްރާހީމް (ބުރުމާ) ރައީސް
މައުމޫނަށް ފޮނުއްވި ސިޓީގެ ކޮޕީގެ ނަކަލެއް

މ.މާފަންނުވިލާ،
މާލެ – ދިވެހިރާއްޖެ
ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމުގެ މާތް
އަރިއަހަށް
ވެދުން ސަލާމް ދެންނެވުމަށް ފަހު އަދަބުވެރިކަމާއެކު ދަންނަވަމެވެ.
އަޅުގަނޑު ޤާސިމު އިބްރާހީމް މިސިޓީ މަނިކުފާނުގެ އަރިއަހަށް މިލިޔަނީ
ވަރަށް އަދަބުވެރިކަމާއެކު އަޅުގަނޑުގެ ހާލަތުގެ ވާހަކައިން ދަންނަވައި
އަޅުގަޑަށް ދިމާވެ ފައިވާ މިބޮޑު މުސީބާތުން ސަލާމަތް ކޮށްދެއްވާތޯ
އާދޭސްދެން ނެވުމަށެވެ. މިކަމަށްޓަކައި މާތް ﷲ ނޫން ދެވަނަ ފަރާތަކުން
އެހީއަކަށް އެދުމުގައި މަނިކުފާނުފިޔަވައި އެހެން އެއްވެސް ފަރާތެއް
ނެތްކަން އަޅުގަޑަށް ޤަބޫލުކުރެވޭތީ މަނިކުފާނުގެ އޯގާވެރި ކަމާ ރަހުމަށް
އެދި ދެންނެވުމަށެވެ.
އިއްޒަތްތެރި ރައީސެވެ. ކުށް ކުރެވެނީ އިންސާނުންނަށެވެ. ﷲ ދެއްވާ ނިޢުމަތް
ތަކުގެ ސަބަބުން އުޅެންވީ މަގު ހަދާންނެތި ދުނިޔޭގައި އެމީހެއްގެ މަޤާމް
އޮޅެނީވެސް ހަމައިންސާނުންނަށެވެ. އަޅުގަޑަކީވެސް މިދެންނެވިފަދަ ގޮތް
ތަކެއް ދިމާވެފައިވާ އިންސާނެކެވެ. އަޅުގަޑަކީވެސް އުޅެންވީމަގު ހދާންނެތި
އަޅުގަޑުގެ މަޤާމު އޮޅިގެންއުޅެވުނު އިންސާނެކެވެ. މިއަދު އަޅުގަޑަށް
އެކަން ހަމަރަޅަށް އިޙުސާސް ކުރެވެމުން ދެއެވެ. މިއަދު އަޅުގަޑު އެދެނީ
އެކަންކަމުން ތައުބާވެ ހެޔޮ ގޮތުގައި ދިރިއުޅުން ކުރިއަށް ގެންދިއުމުގެ
ފުރުސަތު އަޅުގަޑަށް ލިބުމެވެ.
އޯގާތެރި ރައީސްއެވެ. އަޅުގަޑުގެ ޙަޔާތުގައި މަނިކުފާނުގެ އަރިހުގައި
އުޅެންދިމާވި ތަފާތު ދުވަސް ތަކުގައި މަނިކުފާނު އަޅުގަޑާމެދު ބެހެއްޓެވި
އޯގާވެރި ކަމާއި ހެޔޮފުޅުކަން އަޅުގަޑު އަބަދުވެސް ހަދާންކުރަމެވެ.
އެއްގެއެއްގެ މީހެއްގެގޮތުން އެއް ޢާއިލާއެއްގެ މީހެއްގެގޮތުން އަޅުގަޑާ
ދޭތެރޭގައި ބަހައްޓަވާ ގާތްކަން އަބަދުވެސް ހިތުގައި އޮވެއެވެ. އަދި
ސަރުކާރުގެ އެންމެއިސް ވެރިއެއްގެ މަޤާމު ލިބި ވަޑައި ގަތުމަށްފަހުވެސް
އެގާތްކަން ބަހައްޓަވަމުން ގެންދަވާކަން ހިތުގެ އަޑިން ޤަބޫލުކުރަމެވެ.
އޭގެ އިތުރަށް އަޅުގަޑުގެ ވިޔަފާރީގެ މަސައްކަތް ތަކުގައި ރަސްމީގޮތުން
ވެދެއްވަމުން ގެންދަވާފައިވާ އެހީފުޅުތައްވެސް އަބަދުވެސް އަޅުގަޑަށް
ވަޒަންކުރެވެއެވެ.
މިހެންކަން ހުރުމާއެކު މިއަދު އަޅުގަޑު މަނިކުފާނުގެ އަރިއަހަށް މިފަދަ
އާދޭހުގެ ސިޓީއެއް މިލިޔަނީ ވަރަށް ލަދުން ހުރެއެވެ. ވަރަށް ނިކަމެތިވެ
ހުރެމެއެވެ. ނަމަވެސް ކުރީންވެސް ދެންނެވި ފަދައިން މަނިކުފާނުގެ ހެޔޮފުޅު
ކަމާއި ހިތްޕުޅުގެ ރަހުމުގެ ސަބަބުން އަޅުގަޑަށް މިސިޓީފޮނުވައި އާދޭސް
ދަންނަވަން ކެރުނީއެވެ.
ޢިއްޒަތްތރި ރައީސްއެވެ. އަޅުގަޑު ނުހަނު އާދޭހާއެކު މިދަންނަވަނީ
އަޅުގަޑަށް ކުރެވިފައިވާ މަނިކުފާނު ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާ
އެންމެހާ ކަންތައް ތަކަށް އަޅުގަޑަށް މަޢާފު ކޮށްދެއްވާށެވެ. އަޅުގަޑުގެ
މައްސަލަ ޝަރީޢަތަށް ނުފޮނުއްވައި މައާފުކޮށް ދެއްވާށެވެ. އަދި އަޅުގަޑަށް
ޖެހިފައިވާ ބައްޔަށް ފަރުވާ ލިބިގަތުމަށް ޖަރުމަނަށް ދިއުމަށް އަޅުގަޑުވަނީ
ކޮންމެހެން ބޭނުންވެފައެވެ. ވީހާވެސް އަވަހަކަށެވެ. އަޅުގަޑަށް –
މަނިކުފާނަށާއި ދިވެހިޤައުމަށް ތެދުވެރިކަމާއެކު ރައްޔިތުންނަށް
ޚިދުމަތްކުރުމުގައި ދެމިހުރެވޭނެގޮތް ހައްދަވައި ދެއްވުމަށެވެ.
ޢިއްޒަތްތެރި ރައީސްއެވެ. އަޅުގަޑަށް މަޢާފުކޮށް ދެއްވައިފިނަމަ އަޅުގަޑުގެ
ފަރާތުން ދެންއޮތްހާ ދުވަހަކު އަޅުގަޑު ހުންނާނީ ސިޔާސީ ހުރިހާ ކަމަކާ
ވަކިވެގެންކަން – މަނިކުފާނަށް ޔަގީންފުޅުކޮށް އަރުވަމެވެ. އަދި އަޅުގަޑުގެ
އާއިލާގެ މީހުންނާއި ތިމާގެމީހުންނާއި އަޅުގަޑުގެ މުވައްޒިފުންވެސް ސިޔާސީ
ކަންތައްތަކުގައި ބައިވެރިވުން މަނާކުރާނެ ކަމުގެ ޔަގީންކަންވެސް
މަނިކުފާނަށް އަރުވަމެވެ. އޭގެބަދަލުގައި އަޅުގަޑު ހުންނާނީ އިއްޒަތްތެރި
ރައީސް އެދިވަޑައިގެންނެވި ގޮތަކަށް ރައްޔިތުންނާއި ގައުމަށް ޚިދުމަތް
ކުރާށެވެ. އަބަދުވެސް މަނިކުފާނަށް އަދި މަނިކުފާނަށްފަހުވެސް ދެންހުންނަވާ
ވެރިއަކަށް އިޚްލާސްތެރިކަންމަތީ ޚިދުމަތް އަދާކުރުމުގައެވެ.
ޢިއްޒަތްތެރި ރައީސްއެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ އަށްފަހު މިއަދު
އަޅުގަޑުގެ ޙާލާއި މެދު ރަހުމަތްވެވަޑައިގެން ދެއްވޭނެ ފަރާތަކީ ހަމަ
ތިޔަމާތް މަނިކުފާނެއެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ފިޔަވައި އަޅުގަޑަށް
އެއްވެސް އެހީއެއް ދެއްވޭނެ ފަރާތަކީވެސް ހަމަ ތިޔަ ޢިއްޒަތްތެރި
މަނިކުފާނެވެ. އަޅުގަޑު މިސިޓީ މިއަރިސް ކުރަނީ އަޅުގަޑުގެ ޙަޔާތުގައި
ދިމާވި އެންމެ ނިކަމެތި ދުވަސްތަކުގައެވެ. އެހީއަކަށް އެދޭނެ އެއްވެސް
ފަރާތެއް ﷲ ފިޔަވާ ނެތް ވަގުތެއްގައެވެ. މިވަގުތު މަނިކުފާނު އަޅުގަޑާއި
މެދު ހަމްދަރުދީވެ ވަޑައިގެން ރަހުމް ނުކުރައްވައިފިނަމަ އަޅުގަޑުގެ ޙާލު
ވަރަށް ނިކަމެތި ވެގެންދާނެއެވެ.
މުވާއެކު، އަޅުގަޑުގެ މިއާދޭސް ގަބޫލު ކުރައްވާނެކަމުގެ އުއްމީދުގައި ﷲ ގެ
ހަޞްރަތަށް ދުޢާކުރާހާލު މިސިޓީ މަނިކުފާނުގެ އަރިއަހަށް ފޮނުވީމެވެ.
ސިޓީގައި ކުށެއްވާނަމަ މަޢާފަށް އެދެމެވެ.
އިހްތިރާމް ގަބޫލުކުރެއްވުން އެދެމެވެ.
2004-11-22
އަޅުގަޑީ ހެޔޮއެދޭ
ޤާސިމް އިބްރާހީމް
ތީމުގެ،
މާލެ، ދިވެހިރާއްޖެ |