ކާށިފޮއްޗަކާ ލައިގެން ކާލާނެ މަސްކޮޅެއްވެސްނެތް.
 

 

ދިވެހިރާއްޖެއަށް މިއައި ބަދަލުތަކާއި ކުރިއެރުންތަކުގެ ސަބަބުން ކައިރި ކުރިމަގެއްގައި އަންނަން މިއޮތީ އާދައިގެ ގޮތެއްގައި ހިތަށްވެސް ސިފަކުރަން ދަތިވާވަރުގެ މައްސަލަތަށް ގިނަވާނެ ދުވަސްތަކެކެވެ. މިއީ ކޮންމެ ގައުމަކަށްވެސް ތަރައްގީގެ މިދައުރުގައި އައިސް ބައްދަލުކުރާނެ ދުވަސްތަކެކެވެ. އަހަރުމެންނަށް މިދުވަސް މިއެނގެނީ ގިނަ ގައުމުތަކާއި ތަފާތުވެދާނެ ތަފާތު ޙާލަތެއްގައި ކަމަށްވެދާނެއެވެ. އެކަމަކު އަހަރުމެންނަށްވެސް ޖެހޭނީ މިއޮޅި ގިރާ ކުރާށެވެ. ދުނިޔޭގެ ސުންނަތާ އެއްގޮތަށް މިމައްސަލަތަކުގެ ތެރެއިން ގޮސް ނިކުންނާށެވެ.

އަންނަ ދުވަސްތަކޭ މިބުނަނީ މިފަހަކަށް އައިސް ދުނިޔެ ގަބޫލުކޮށްގެން މިއުޅޭ ޑިމޮކްރެސީއަށް ހޭނިލުމުގެ ދުވަސްވަރާއި ގިނަ ޕާޓީ ބައިވެރިވާ ހިންގުމުގައި ފުރަތަމަ ބާއްވާ ރިޔާސީ އިންތިޚާބާއި، އެއާ ވިދިގެން އަންނަ ދުވަސްތަކުގެ ވާހަކައެވެ. ވަކިވެގެންދާ ތިންބާރާއި އެބާރުތަށް ވަކިވުމުން ކަންތައްތަކަށް ވެގެންދާނެ ގޮތްތަށް ހިސާބަކަށް ވިސްނާލުމުން އިހްސާސްކޮށްލެވޭނެއެވެ. މައްސަލަތަކާއި ހުރަސްތަކާއި ޖެއްސުން ކުރުންތަކާއި ހަމަނުޖެހިގެން، ނުޖެއްސިގެން އުޅެންޖެހޭނެއެވެ. މިވީހާތަނަށް އަހަރުމެން އުޅެމުންއައިގޮތާއި ތަފާތު ގޮތަކަށް ވެރިކަން ހިންގުން ބައްޓަންވެގެން އައުމުން ރައްޔިތުންނަށްވެސް އޭގެ އަސަރު ތަފާތު ގޮތްގޮތުން ކުރާނެއެވެ. ހަދަންވީގޮތް ނޭނގި އޮޅިގެން އުޅޭ ދުވަސްތަކާއި ކުރިމަތިވާނެއެވެ.
 
މިފަދަ ދުވަސްތަކެއްގައި ވެރިކަމުގެ މައި ތަނބަކީ ފަސޭހައިން ރެބދުލައި ބިނދޭފަދަ އެއްޗަކަށް ވިޔަ ނުދޭން އަހަރެމެން ވިސްނަން އެބަޖެހެއެވެ. ވެރިކަމަކީ ކޮބައިކަމާއި ކުރެވެނީ ކީއްކަން ފިސާރިއެނގިގެން ވިސްނުމާ ފެންވަރާ އަދި ތަޖުރިބާވެސް ހުރެގެންނޫނީ މިއަންނަ ދުވަސްތަކުގައި މިރާއްޖޭގެ ގެރިކަމެއް ނުކުރެވޭނެކަން ޔަގީނެވެ. ތިމާގައި ފިސާރި ހިތްވަރާއި ފެންވަރު އަދި ތަޖުރިބާނެތް މީހަކު މިދުވަސްތަކުގައި ވެރިކަމަށް ޚިޔާލުކުރުންވެސް ރަނގަޅެއްނޫނެވެ. މިއަދު ރާއްޖޭގައި މިފެންނަ ސިޔާސި ޕާޓީތަކުން އިސްސަފުގައި ނިކުމެތިބި ވަކިވަކިމީސްމީހުންނަށް ބަލައިލާއިރު އެންމެ ފުރަތަމަ މިއަންނަ ދުވަސްތަކަކީ ކިހާ ވަރެއްގެ ދުވަސްތަކެއްކަން އިހްސާސްކުރެވުނީވެސް ދެމީހަކަށެވެ. އެކަކު އެވާހަކަ އެކަށީގެންވާ ތަފްސީލަކާއެކު ކިއާދެމުން އޭނާގެ ތަޖުރިބާއާ ހިކުމަތު ޢަމަލީ ސާބިތުކޮށްދީފައި ތިމަންނާ ދިވެހި ރައްޔިތުންނަށް އަދިވެސް މިދަނޑިވަޅުގައިވެސް މިހިރީ ތިކަން ކޮށްދޭށޭ ތިމަންނާއާ ވެރިކަން ހަވާލުކުރާށޭ ބުންޏެވެ. އެއީ ޑީއާރްޕީގެ ޒައީމް މައުމޫނެވެ.

އަނެކަކު ބުނީ އަންނަ ދުވަސްތަކަކީ ފިސާރި ހަމަނުޖެހުންބޮޑު ހަޅުތާލު ކުރާ ދުވަސްތަކަކަށް ވާނެ ވާހަކައެވެ. އެކަން ހަމަޖައްސަން އޭނާޔަށް އެނގޭނެ ވާހަކައެވެ. އެކަމަކު އެއީ ހަމައެކަނި ދުލުން ބުނި ބުނުމެކެވެ. އެއްވެސް ސާބިތު ހެއްކެތް ނެތެވެ. އެކަން ކުރެވިދާނެކަމަށް ގަބޫލުކުރެވޭވަރުގެ އެއްވެސް އަމަލެއް ފެންނާކަށްނެތެވެ. އެއީ އެމްޑީޕީގެ ނަޝީދެވެ.

ވެރިކަމާއިގެން ދެން އުޅޭ އެއްވެސް މީހަކަށް މިއަންނަ ދުވަސްތަކުގެ އިހްސާސެއްވެސް ނެތްކަހަލައެވެ. މެނިފެސްޓޯތަކާއި ސަޅިކެނޑުންތަށް ކުރިއަށްގެންދާއިރު ތިމާގެ ގައިގައި އުރަތްޕެއް ނެތްތަން ދިމާއަށް އެއޮންނަނީ ފެންނާށެވެ. ދިވެހި ގޮތަކަށް ބުނެވޭތޯ ބަލާނަމަ ބުނަންޖެހޭނީ ފޫކޮޅުގައި ކާށިފޮށްޗަކާ ލައިގެން ކާލާމެ މަސްކޮޅެއްވެސް ނެތްބަޔަކު ވެރިކަމަށް ފައިނަގާވާހަކައެވެ. އެވަރުގެ ބައަކު ވެރިކަމަށް ފައިނަގަނީ ކީއްވެބާވައެވެ.

 

 

 

 

 
Copyright © 2006 - 2008 www.dhaala.com / contact us: admin.dhaala@gmail.com