ހަތަރު ވަޒީރަކު ސަރުކާރުން މިއަދު ވަކިވެވަޑައިގަންނަވާނެ

 

 

ބުރާސްފަތި ދުވަހު ތަސްދީޤު ކުރެއްވުމަށް ހަމަޖެހިފައިވާ އައު ޤާނޫނު އަސާސީގެ އުސޫލުތަކަށް ތާއީދު ކުރައްވައި ހަތަރު ވަޒީރަކު މަޤާމުން މިއަދު އިސްތިޢުފާ ދެއްވާނެއެވެ. މިހަތަރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ހައުސިންގ މިނިސްޓަރ އިބްރާހިމް ރަފީޤާއި، ޔޫތު މިނިސްޓަރ މުހައްމަދު ވަޙިއްދީނާއި، ޖަސްޓިސް މިނިސްޓަރ އަޙުމަދު މުޢިއްޒު އަދުނާނާއި، ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޙުސައިން ޙިލްމީއެވެ.

 

މިކަން ކަށަވަރުކޮށްދެއްވަމުން، ބުދަދުވަހުގެރޭ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ޒަޢީމުގެ ރަނިންގމޭޓަކަށް ނާއިބުޒަޢީމް އަހުމަދު ތަސްމީން ޢަލީ ހޮވުން އިޢުލާން ކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްކޮންފަރެންސްގައި ޕާޓީގެ ޒަޢީމް އަދި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވީ އެބޭފުޅުން ސަރުކާރުން ވަކިވެވަޑައިގަންނަވަނީ އާ ޤާނޫނުއަސާސީގައި ވަޒީރުންގެ މަޖިލީހުގައި ހުންނެވޭނީ، ޢަމަލީގޮތުން އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވެ ވަޑައި ނުގެންނެވޭ ބޭފުޅަކަށް ކަމަށް ކަނޑައެޅިފައިވާތީ، އެބޭފުޅުން މަޤާމުން ވަކިވެ ވަޑައި ގަންނަވަނީ، އެސަބަބަށްޓަކައި ކަމަށެވެ.

 

އެމަނިކުފާނު އިތުރަށްވިދާޅުވި ގޮތުގައި ''އެބޭފުޅުންނަކީ އަމިއްލަގޮތުން ވިޔަފާރީގައި ނޫޅުއްވައިފިނަމަ ބޮޑެތި ގެއްލުންތަކެއް ލިބިވަޑައިގަންނަވާނެ ކަމަށް އަޅުގަޑު ކައިރީގައި ވިދާޅުވެފައިވާ ބޭފުޅުން، އެބޭފުޅުން މާދަމާ (މިއަދު) މަޤާމުން ވަކިވެ ވަޑައިގަންނަވާނެ"

 

 

 
Copyright © 2006 - 2008 www.dhaala.com / contact us: admin.dhaala@gmail.com