header
ގުޅޭ ލިޔުންތައް
 ޒަމާނީ ފިކުރީ މަޛްހަބުތައް (3)
އިސްމާޢީލު ރިޔާޟް، ތ. ކަނޑޫދޫ
02 11 2011
maxaahibpic

ދެން ފަހެ، ޢަލްމާނިއްޔަތު ނުވަތަ ސެކިޔުލަރިޒަމްއަށް، ޣައިރު މުސްލިމުން ތަފާތު އެތަކެއް ތަޢުރީފެއް ދީފައިވެއެވެ. [1]  އޭގެތެރެއިން ބައެއް ތަޢުރީފުތައް މިތާނގައި ޛިކުރުކޮށްލާނަމެވެ. އެގޮތުން:
- އެންސައިކްލޮޕީޑިޔާ ބްރިޓޭނިކާގައިވާގޮތުން ސެކިޔުލަރިޒަމަކީ، "އާޚިރަތާއި (އެބަހީ: އާޚިރަތުގެ ކަންތައްތައް ޙާޞިލުކުރުމާއި) ދުރުކޮށް، ދުނިޔެވީ ދިރިއުޅުމަށް (މީސްތަކުންނަށް) މަގުދައްކައިދެވިފައިވާ، މުޖުތަމަޢުގައިވާ ޙަރަކާތެކެވެ... އަދި ސެކިޔުލަރިޒަމްއަށް ގެންގޮސްދޭ ޙަރަކާތް، މިޒަމާނުގެ ތާރީޚުގެތެރޭގައި ކުރިއަރަމުންދެއެވެ. އަދި އެއާމެދު ޢާއްމުކޮށް ބެލެވިފައިވަނީ، އެއީ، ކްރިސްޓިއަންދީނާ ދެކޮޅު އަދި ދީނާދެކޮޅު ޙަރަކާތެއްގެގޮތުގައެވެ." [2]


- ވެބްސްޓަރގެ ނިއު ވޯލްޑް ޑިކްޝަނަރީގައި، ސެކިޔުލަރިޒަމްއާގުޅޭގޮތުން ބުނެފައިވާގޮތުން، އެއީ:
1. ދުނިޔެވީ ރޫޙު، ނުވަތަ ދުނިޔެވީ މަގުދެއްކުންތައް، އަދި މިފަދަ ކަންތައްތަކެވެ. އަދި ޚާއްޞަކޮށް، އީމާނާއި އަޅުކަމުގެ ވައްތަރުތަކުގެ ތެރެއިން ހުރިހާ ވައްތަރަކާއި ދެކޮޅުހަދާ އަސާސްތަކަކާއި ތަޠުބީޤުކުރުން (އެބަހީ: ތަންފީޒުކުރުން) ތަކަކުން (އެކުލެވިފައިވާ) ނިޒާމެކެވެ.
2. ދީނާއި ފައްޅިއާގުޅޭ ކަންތައްތައް، ދައުލަތާގުޅޭ ކަންތައްތަކުގެ ތެރެއަށް ނުވަންނާނެކަމަށް އަދި ޚާއްޞަކޮށް ޢާއްމު ތަރުބިޔަތުގެތެރެއަށް ނުވަންނާނެކަމަށް ޤަބޫލުކުރުމެވެ. [3]


- އޮކްސްފޯރޑް އެޑްވާންސްޑް ލަރނަރސް ޑިކްޝަނަރީގައިވާގޮތުން، ސެކިޔުލަރިޒަމަކީ:
1. ދުނިޔެވީ، ނުވަތަ މާއްދީ. ދީނީއެއް އަދި ރޫޙީއެއްވެސް ނޫން. މިޘާލަކަށް، ލާދީނީ ތަރުބިއްޔަތު، ލާދީނީ ފަންނާއި ލަވަ، ލާދީނީ އޮތޯރިޓީ، ފައްޅިއަށް ކިޔަމަންތެރިނުވާ ވެރިކަން.
2. ދީނަކީ، އަޚްލާޤާއި ތަރުބިޔަތުގެ އަސާސަށް ވެގެންނުވާނޭކަމަށް ބުނާ ރައުޔު. [4]
- އޮކްސްފޯރޑް އެޑްވާންސްޑް ލަރނަރސް އެންސައިކްލޮޕީޑިކް ޑިކްޝަނަރީގައިވާގޮތުން، ސެކިޔުލަރގެ މާނައަކީ، "ރޫޙީ ނުވަތަ ދީނީ ކަންތައްތަކާއި އަޅާނުލުން." އަދި ސެކިޔުލަރިޒަމަކީ، "އަޚްލާޤާއި ތަރުބިޔަތު އަދި މިނޫންވެސް (މިފަދަ) ކަންތައްތައް ދީނުގެ މައްޗަށް ބިނާކުރެވިގެން ނުވާނޭކަމަށް ޤަބޫލުކުރުން." [5]
- ކޭމްބްރިޖް އެޑްވާންސްޑް ލަރނަރސް ޑިކްޝަނަރީގައިވާގޮތުން، ސެކިޔުލަރިޒަމަކީ، "ޤައުމެއްގެ އިޖުތިމާޢީ އަދި ސިޔާސީ [6]  ޙަރަކާތްތަކުގައި ދީން ހިމެނިގެންނުވާނެކަމަށް (އެބަހީ: ދީނީ ޙުކުމްތައް އެއަށް ވައްދައިގެން ނުވާނެކަމަށް) ޤަބޫލުކުރުން." އަދި ސެކިޔުލަރއަކީ، "ދީނާ އެއްވެސް ގުޅުމެއް ނެތުން." މިއެވެ. [7]
- ވެބްސްޓަރގެ ތަރޑް ނިއު އިންޓަރނޭޝަނަލް ޑިކްޝަނަރީގައިވާގޮތުން، ސެކިޔުލަރިޒަމަކީ، "ދީނަށް ބެލުމެއްނެތި، ޒަމާނީ ދިރިއުޅުމާއި އިޖުތިމާޢީ ގުޅުމުގެ އިޢުތިބާރުތަކުގެ މައްޗަށް ސުލޫކީ އަދި އަޚްލާޤީ ޤިޔަމުތައް ޤާއިމުކުރުން ވާޖިބުކަމުގެ ފިކުރުގެ މައްޗަށް އުފަންކުރެވިފައިވާ، އިޖުތިމާޢީ ނިޒާމެކެވެ." [8]
- ޢަލްމާނިއްޔަތަކީ، "ތިމާގެ ޙަޔާތުގެ ތެރެއަށް ވަދެގަންނަން މަސައްކަތްކުރާ، ދީނުގައިވާ ތަޝްރީޢީ ނުވަތަ ތަންފީޛީ ކޮންމެ ބާރަކާ ދެކޮޅުހެދުމެވެ. ފަހެ، ޢަލްމާނިއްޔަތުގައި، މިސްކިތުން ނުވަތަ ފައްޅިން ތިމާ ނުކުތުމާއެކު ދީނާގުޅޭ ކަންތައްތައް ނިމިގެންދާނެއެވެ." [9]
މިތަޢުރީފުތަކާއި އަދި މިނޫންވެސް ހުރިހާ ތަޢުރީފުތަކަކުން އެނގި ހާމަވެގެންދަނީ، ޢަލްމާނިއްޔަތަކީ، "ދީނާނުލާ ދިރިއުޅުން ވޭތުކުރުން" [10]  ކަމެވެ. ނުވަތަ "ދިރިއުޅުމުން ދީން ވަކިކުރުމާއި، ދިރިއުޅުން ދީނާ ދުރުހެލިކުރުން" [11]  ކަމެވެ. ނުވަތަ "ދީނާއި ދިރިއުޅުން ފުރިހަމައަށް ވަކިކޮށްލުން" [12]  ކަމެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންނަށް ވިސްނިވަޑައިގެންފައިވާގޮތަށް އަދި އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން ޞައްޙަކަމަށްދެކި އިތުބާރުކުރާ ވިކިޕީޑިޔާގައިވާގޮތަށް [13] ، އެއީ ހަމައެކަނި "ދީނާއި ދައުލަތް ވަކިކޮށްލުން" ނޫންކަމެވެ.

(ނުނިމޭ)


[1]  انظر: العلمانية – رسالة ماجستير - للدكتور سفر بن عبد الرحمن الحوالي، ص 22-23
[2]  See: The New Encyclopedia Britannica, 10/594
[3]  انظر: العلمانية – رسالة ماجستير - للدكتور سفر بن عبد الرحمن الحوالي، ص 22. نقلا من: (Webster’s New World Dictionary, 128B )
[4]  انظر: العلمانية – رسالة ماجستير - للدكتور سفر بن عبد الرحمن الحوالي، ص 22-23. نقلا من: (Oxford Advanced Learner’s Dictionary of current English, 785 )
[5]  See: Oxford Advanced Learner’s Encyclopedic Dictionary, pg: 820
[6]  ނޯޓު: ބަހުގެގޮތުން، ސިޔާސަތަކީ، ކަމެއް އެއަށް ފައިދާހުރި ގޮތުގައި ކުރުމެވެ. انظر: مدارك النظر في السياسة بين التطبيقات الشرعية والانفعالات الحماسية للشيخ عبد المالك بن أحمد رمضاني، ص 142 بتصرف. އަދި އިޞްޠިލާޙީގޮތުން، ސިޔާސަތަކީ، އުއްމަތުގެ (އަހުލުވެރިންގެ) ޙަޔާތުގެ ކަންތައްތައް ކަނޑައަޅައިދޭ ޤަވާޢިދުތަކޭ ބުނެވިދާނެއެވެ. انظر: ردا على الملاحدة والعلمانيين – حوار مع الشيخ محمد متولى الشعراوي - إعداد: عطية الدسوقي عمر ومحمد عبد الله، ص 14
[7]  See: Cambridge Advanced Learner’s Dictionary, Second Edition, Cambridge University Press, pg: 1146
[8]  انظر: العلمانية – رسالة ماجستير - للدكتور سفر بن عبد الرحمن الحوالي، ص 23. نقلا من: (Webster’s New World Dictionary, 128B )
[9]  انظر: مفاهيم أساسية في الديمقراطية لجرجس هنري، ص 6
[10]  انظر: العلمانية – رسالة ماجستير - للدكتور سفر بن عبد الرحمن الحوالي، ص 24
[11]  انظر: المذاهب الفكرية المعاصرة للدكتور غالب بن علي عواجي، ص 683
[12]  انظر: مذاهب فكرية معاصرة للشيخ محمد قطب، ص 445
[13]  http://en.wikipedia.org/wiki/Secularism (visited: 31-07-2011)

 
 ޒަމާނީ ފިކުރީ މަޛްހަބުތައް (2)
 ޒަމާނީ ފިކުރީ މަޛްހަބުތައް (1)
 
 
 
މިވެބްސއިޓްގައިވާ ލިޔުންތައް އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވަންވާނީ ދާލަގެ ހުއްދަ ލިބިގެންނެވެ.
Copyright © 2011 Dhaala. All rights reserved.