header
ގުޅޭ ލިޔުންތައް
 ޒަމާނީ ފިކުރީ މަޛްހަބުތައް (2)
އިސްމާޢީލު ރިޔާޟް، ތ. ކަނޑޫދޫ
02 11 2011
maxaahibpic

ފުރަތަމަ މަޛްހަބު: ޢަލްމާނިއްޔަތު ނުވަތަ ސެކިޔުލަރިޒަމް


ޢަލްމާނިއްޔަތުގެ ތަޢުރީފު
ޢަލްމާނިއްޔަތަށް އިނގިރޭސިބަހުން ކިޔަނީ، Secularism  އެވެ. އަދި ފަރަންސޭސިބަހުން ކިޔަނީ، Secularite  ނުވަތަ Laique  އެވެ. [1]  އަދި ސެކިޔުލަރިޒަމް ނެގިފައިވަނީ، ލެޓިން ކަލިމައެއްކަމުގައިވާ Saeculum  އިންނެވެ. [2]  އަދި ޢަލްމާނިއްޔަތަކީ، ސެކިޔުލަރިޒަމްގެ (ޞައްޙަނޫން) ތަރުޖަމާއެކެވެ. ސެކިޔުލަރިޒަމްއަކީ، ޢަލްމާނިއްޔަތުގެ ތަރުޖަމާއެއް ނޫނެވެ. ވީމާ، މުޅި މައުޟޫޢުގެ އަޞްލަކީ، އިނގިރޭސި މުޞްޠަލަޙު [3]  އެކެވެ.
ޑރ. މުޙައްމަދު ޢަލީ އަލްބާރު ޛިކުރުކުރައްވާފައިވާގޮތުން، 'Secular ' މިމުޞްޠަލަޙު އެންމެ ފުރަތަމަ ބޭނުންކުރަން ފެށުނީ، ތިރީސް އަހަރުދުވަހުގެ ހަނގުރާމަ [4]  ނިމުމާއެކު، މީލާދީގޮތުން 1648 ވަނަ އަހަރުގެ ފަހުންނެވެ. [5]  އަދި އެންމެ ފުރަތަމަ ސެކިޔުލަރިޒަމްގެ މަފްހޫމް ބަޔާންކޮށްދިނީ، އިނގިރޭސި ލިޔުންތެރިއެއްކަމުގައިވާ George Jacob Holyoake[6]  އެވެ. [7]  އަދި ވިކިޕީޑިޔާގައިވާގޮތުން، 'Secularism ' މިމުޞްޠަލަޙު އެންމެ ފުރަތަމަ ބޭނުންކުރީ، 1851މ. ގައި George Jacob Holyoake  އެވެ. [8]  އަދި އެންމެ ފުރަތަމަ ބަސްފޮތެއްގައި (އެބަހީ: މުޢުޖަމް ނުވަތަ ޑިކްޝަނަރީ) މިލަފްޒު (އެބަހީ: ސެކިޔުލަރިޒަމް) ތަޢުބީރުކުރެވިގެން ވާރިދުވެފައިވަނީ، ކްރިސްޓިއަނެއްކަމުގައިވާ لويس بقطر المصري އެކުލަވާލި قاموسثنائي اللغة (فرنسي/عربي) ގައެވެ. މިބަސްފޮތުގެ ފުރަތަމަ ފޮތް ޗާޕުކުރެވިފައިވަނީ، مارس ގައި 1828މ. ގައެވެ. އަދި މިއަށްފަހު، މިކަލިމަ، ޢަރަބި ބަސްފޮތްތަކަށް ވަނެވެ. އަދި މިލަފްޒު ތަޢުބީރުކުރެވިގެން ވާރިދުވެފައިވާ ފުރަތަމަ ޢަރަބި ބަސްފޮތަކީ، ޤާހިރާގެ مجمع اللغةالعربية އިން ނެރުއްވާފައިވާ المعجم الوسيط އެވެ. 1960މ. ގައި ޗާޕުކުރެވުނު މިބަސްފޮތުގެ ފުރަތަމަ ޗާޕުގައިވަނީ، 'އަލްޢާލަމާނީ' މިފަދައިން 'އަލްޢަލްމު' އަށް ނިސްބަތްކުރެވި، 'އަލްޢާލަމް' ގެ މާނާގައެވެ. އަދި އޭގެ މުރާދަކީ، ދީނާ ޚިލާފެވެ. އަދި މިގޮތަށް، 1979މ. ގައި މިފޮތުގެ ދެވަނަ ޗާޕު ނުކުތްއިރުވެސް އޮތެވެ. އެހެންނަމަވެސް، 1985މ. ގައި ތިންވަނަ ޗާޕު ނުކުތްއިރު، އެކަލިމައަށްވަނީ ބަދަލުގެނެވި، ޢައިނުގައި އިބިފިލި ޖެހިފައެވެ. [9]

ޢަރަބިބަހަށް ސެކިޔުލަރިޒަމް ތަރުޖަމާކޮށްގެން ކިޔާއިރު، ތިންގޮތަކަށް ކިޔައިއުޅެއެވެ. ބައެއް ފަރާތްތަކުން، ޢައިނުގައި އަބަފިލި ޖަހައިގެން، 'ޢަލްމާނިއްޔަތު' އޭ ކިޔައިއުޅެއެވެ. [10]  އަނެއްބައި ފަރާތްތަކުން، ޢައިނުގައި އިބިފިލިޖަހައިގެން، 'ޢިލްމާނިއްޔަތު' އޭ ކިޔައިއުޅެއެވެ. އަނެއްބައި ފަރާތްތަކުން، 'ލާދީނިއްޔަތު' އޭ ކިޔައިއުޅެއެވެ.


'ޢަލްމާނިއްޔަތު' އޭ ކިޔާ ފަރާތްތަކުން، އެގޮތަށް ކިޔަނީ، 'ޢަލްމާނިއްޔަތު' ނެގިފައިވަނީ 'ޢާލަމް' އިންކަމުގައި ދެކިގެންނެވެ. އަދި ސެކިޔުލަރިޒަމް ކިޔާއިރު، 'ޢިލްމާނިއްޔަތު' އޭ ކިޔުމީ، ކުށެއްކަމުގައި މިބޭފުޅުން ބަޔާންކުރައްވަތެވެ. [11]  އަދި ޢިލްމާނިއްޔަތުގެ ޙަޤީޤަތް އޮޅުމާއި އޭގެ އަނދިރިފަރާތާމެދު ވަހުމް އުފައްދައިދިން ކަމެއްގެގޮތުގައި (މީގެތެރެއިން ބައެއް ފަރާތްތަކުން) މިކަންތައް ފާހަގަކުރެއެވެ. [12]  ދެން، 'ޢިލްމާނިއްޔަތު' އޭ ކިޔާ ފަރާތްތަކުގެ ތެރެއިން އެއްބައި ފަރާތްތަކުން މިގޮތަށް ކިޔަނީ، 'ޢަލްމާނިއްޔަތު' ނެގިފައިވަނީ 'ޢިލްމު' އިންކަމުގައި ދެކިގެންނެވެ. އަދި އަނެއްބައި ފަރާތްތަކުން މިގޮތަށް ކިޔަނީ،'ޢަލްމާނިއްޔަތު'، 'ޢާލަމް' އިންވެސް އަދި 'ޢިލްމު' އިންވެސް ނެގިފައިނުވާކަމަށް ދެކި، އެހެންނަމަވެސް، 'ޢަލްމާނިއްޔަތު' ނިސްބަތްވެފައިވަނީ 'ޢިލްމު' އަށްކަމުގައި ދެކިގެންނެވެ. އަދި 'ޢިލްމާނިއްޔަތު' އޭ ވިދާޅުވާ ބައެއް ބޭފުޅުން ވިދާޅުވަނީ، އެގޮތަށް އެބޭފުޅުން ވިދާޅުވާ އެއް ސަބަބަކީ، 'ޢަލްމާނިއްޔަތު' އޭ ވިދާޅުވާ ބޭފުޅުން ވިދާޅުވާގޮތަށް، ޢަލްމާނިއްޔަތު ނިސްބަތްކުރެވިފައިވަނީ 'ޢާލަމް' އަށްކަމުގައިވަނީނަމަ، އަޞްލު ކިޔަންވާނީ، 'ޢާލަމާނިއްޔަތު' [13] މިފަދައިންކަމުގައިވުމެވެ. [14]  އަދި އަނެއް ސަބަބަކީ، ސެކިޔުލަރިޒަމް ޢަރަބިބަހަށް ތަރުޖަމާކުރި ފަރާތްތަކަށް، ދީނާއި ޢިލްމު ފަހުމްވެފައިވަނީ، ހުޅަނގުގެ ކްރިސްޓިއަން ފަރާތްތަކަށް ފަހުމްވެފައިވާގޮތަށްކަމުގައިވުމުންނެވެ. އަދި (އެހެނެއްކަމަކު) ހުޅަނގުގެ (އެހެނިހެން) މީހުންގެ ގާތުގައި ދީނާއި ޢިލްމަކީ، އިދިކޮޅު މާނަ ދޭހަކޮށްދޭ، އެކަތި އަނެކައްޗާ ފުށުއަރާ ދެލަފްޒެކެވެ. ދީނީވެއްޖެނަމަ، ޢިލްމީއެއް ނުވެވޭނެއެވެ. ޢިލްމީވެއްޖެނަމަ، ދީނީއެއް ނުވެވޭނެއެވެ. އަދި ޢިލްމާއި ބުއްދިވަނީ، ދީނުގެ މުޤާބިލު (އެބަހީ: އިދިކޮޅު) ގައެވެ. އަދި ޢިލްމާނިއްޔަތާއި ޢުޤަލާނިއްޔަތު [15]  ވަނީ، ދީނާ އިދިކޮޅު ސަފުގައެވެ. [16]  ކޮންމެއަކަސް، ކުރިންވެސް އިޝާރާތްކުރެވުނުފަދައިން، ވަރަށް ނާދިރު ޢިލްމުވެރިއެއް ފިޔަވައި، މިދެބައިގެ ހުރިހާ ޢިލްމުވެރިންވެސް ޤަބޫލުކުރައްވާގޮތުގައި، ސެކިޔުލަރިޒަމްއާ، 'ޢިލްމު' ނުވަތަ ޢިލްމުން ނެގިފައިވާ ލަފްޒަކާ އެއްވެސް ގުޅުމެއް ނުވެއެވެ. [17]  އަދި އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި، މިމައްސަލައިގައި 'އެކަށީގެންނުވާވަރަށް' ބަޙުޘްކޮށް އަރާރުންވުމުގެ މާބޮޑު ފައިދާއެއް ނެތެވެ. އެހެނީ، ނަމުގެ އެންމެ މުހިއްމު ބޭނުމަކީ، އެއިން އެއެއްޗެއް އެހެނިހެން އެއްޗެއްސާއި ފަރަޤުކުރުމެވެ. އަދި އެއީ، ކޮންއެއްޗެއްކަން އެނގިގެންދިޔުމެވެ. އެހެންކަމުން، މިތަނުން ކޮންމެ ނަމެއް ކިޔަސް މަޤްޞަދު އެބަ ޙާޞިލުވެއެވެ.


ކޮންމެއަކަސް، ޢިލްމާނިއްޔަތު ނުވަތަ ޢަލްމާނިއްޔަތަކީ، ސެކިޔުލަރިޒަމްގެ ޞައްޙަ ތަރުޖަމާއެއް ނޫންކަމަށް ޑރ. ޔޫސުފުލްޤަރަޟާވީ ވިދާޅުވެފައިވެއެވެ. [18] މިއާއެކު، އެބޭފުޅާއާއި [19]  ޑރ. ސަފަރުލްޙަވާލީއާއި [20]  ޑރ. ޣާލިބު ބިން ޢިވާޖީ [21]  އަދި ޑރ. ޞަލާޙުއްޞާވީފަދަ [22]  ބޭފުޅުން ވިދާޅުވަނީ، މިކަލިމައިގެ ޞައްޙަ ތަރުޖަމާއަކީ، 'ލާދީނީ' ނުވަތަ 'ދުނިޔަވީ' ކަމުގައެވެ. އަދި الموسوعة الميسرة ގައިވެސްވަނީ މިފަދައިންނެވެ. [23]  އަދި އައްޝައިޚް މުޙައްމަދު ޝާކިރު އައްޝަރީފް ވިދާޅުވަނީ، މިއަށް 'ލާދީނީ' އޭ ބުނެވިއްޖެނަމަ، އެވާނީ، ތަޢުބީރުގެގޮތުން އެންމެ ކަވި، އަދި އެންމެ ތެދުވެރި ލަފްޒުކަމުގައެވެ. [24]  އެހެންކަމުން، އަޅުގަނޑުގެ ނަޒަރުގައި، މިއަށް "ލާދީނީ ފިކުރު" ނުވަތަ "ލާދީނީ ގޮތް" މިފަދައިން ކިޔުމީ އެންމެ އެކަށޭނަ އެންމެ ކަމުދާ އެންމެ ރަނގަޅު ގޮތެވެ. [25]  އެހެނީ، ދީންވެރިވެފައި ނުވަތަ ދީނީ ފިކުރު ގެންގުޅެމުން ސެކިޔުލަރއެއް ނުވެވޭނެއެވެ. [26]
(ނުނިމޭ)

 


[1]  انظر: الإسلام والعلمانية وجها لوجه للدكتور يوسف القرضاوي، ص 42
[2]  انظر: العلمانية من منظور مختلف للدكتور عزيز العظمة، ص 5
[3]  އެބަހީ: ވަކި ޚާއްޞަ މާނައެއް އެއިން ދޭހަކޮށްދޭ ލަފްޒެއް.
[4]  ތިރީސް އަހަރުދުވަހުގެ ހަނގުރާމަ ނުވަތަ حرب الثلاثين عاما: މިއީ، ކްރިސްޓިއަނުންގެ ކެތޮލިކް (catholic )
 މަޛްހަބާއި ޕްރޮޓެސްޓަންޓް (protestant ) މަޛްހަބާދެމެދު ހިނގި ދީނީ ހަނގުރާމަތަކުގެ ތެރެއިން އެންމެ ފަހު
 ހަނގުރާމައެވެ. މީލާދީގޮތުން 1618 ވަނަ އަހަރުން ފެށިގެން 1648 ވަނަ އަހަރާ ޖެހެންދެން މިހަނގުރާމަ ދެމިއޮތެވެ. انظر: العلمانية وجذورها وأصولها للدكتورمحمد علي البار، ص 30-31. މިއިން އެނގިގެންދަނީ،
 ކްރިސްޓިއަނުންގެ މަޛްހަބުތަކުގެ މެދުގައިވާ ޚިލާފުގެ ބޮޑުކަމާއި އެބައިމީހުންގެ މެދުގައިވާ ޢަދާވާތްތެރިކަމާއި ހަމަނުޖެހުމެވެ.
[5]  انظر: العلمانية وجذورها وأصولها للدكتور محمد علي البار، ص 30
[6]  އުފަންވީ: 1817މ. ގައެވެ. އަދި ނިޔާވީ 1906މ. ގައެވެ.
[7]  انظر: العلمانية وجذورها وأصولها للدكتور محمد علي البار، ص 32
    http://en.wikipedia.org/wiki/Secularism [8]
     (Referred to: Holyoake, G.J. (1896). 
The Origin and Nature of Secularism, London:
Watts and Co. p.51) (visited: 31-07-2011) 
 [9]  انظر: موقف الإسلام من العلمانية للدكتور صلاح الصاوي، ص 7 بتصرف
[10]  ނޯޓު: މިއީ، މިފޮތް ލިޔުމުގައި އަޅުގަނޑުވެސް އިޚްތިޔާރުކުރި ގޮތެވެ.
[11]  انظر: التيار العلماني الحديث وموقفه من تفسير القرآن الكريم عرض ونقد
 – رسالة ماجستير – للشيخة مُنى محمد بهيّ الدين الشافعي، ص 44؛
 العلمانية وجذورهاوأصولها للدكتور محمد علي البار، ص 26؛ 
موقف الإسلام من العلمانية للدكتور صلاح الصاوي، ص 7-8.
[12]  انظر: موقف الإسلام من العلمانية للدكتور صلاح الصاوي، ص 8
[13]  ނޯޓު: 'ޢަލްމާނިއްޔަތު' އޭ ވިދާޅުވާ ބައެއް ބޭފުޅުން ވިދާޅުވަނީ، މިގޮތަށް
'ޢާލަމާނިއްޔަތު' އޭ ކުރިން ކިޔައިއުޅުނުކަމުގައެވެ. އަދި ފަހުން މިލަފްޒު ތަޙްރީފުކުރެވި ބަދަލުކުރެވުނީކަމުގައެވެ. انظر:العلمانية وجذورها وأصولها للدكتور محمد علي البار، ص 26 بتصرف
[14]  انظر: الإسلام والعلمانية وجها لوجه للدكتور يوسف القرضاوي، ص 42 (هامش)
[15]  ނޯޓު: މިއީވެސް، ފިކުރީ މަޛްހަބެކެވެ. ފަހުން މިމަޛްހަބުގެ ވާހަކަ ބަޔާންކުރެވޭނެތެވެ. އިންޝާ ﷲ.
[16]  انظر: الإسلام والعلمانية وجها لوجه للدكتور يوسف القرضاوي، ص 42-43
[17]  انظر: العلمانية  رسالة ماجستير  للدكتور سفر بن عبد الرحمن الحوالي، ص 21؛ 
العلمانية وثمارها الخبيثية للشيخ محمد شاكر الشريف، ص 8
[18]  انظر: الإسلام والعلمانية وجها لوجه للدكتور يوسف القرضاوي، ص 42
[19]  انظر: الإسلام والعلمانية وجها لوجه للدكتور يوسف القرضاوي، ص 42
[20]  انظر: العلمانية – رسالة ماجستير - للدكتور سفر بن عبد الرحمن الحوالي، ص 21
[21]  انظر: المذاهب الفكرية المعاصرة للدكتور غالب بن علي عواجي، ص 681
[22]  انظر: موقف الإسلام من العلمانية للدكتور صلاح الصاوي، ص 8
[23]  انظر: الموسوعة الميسرة في الأديان والمذاهب والأحزاب المعاصرة للندوة
 العالمية للشباب الإسلامي بإشراف الدكتور مانع بن حماد الجهني، ص 679
[24]  انظر: العلمانية وثمارها الخبيثية للشيخ محمد شاكر الشريف، ص 8
[25]  ނޯޓު: ސެކިޔުލަރިޒަމް ޤަބޫލުކުރާ ހުރިހާ އެންމެން ދީނާމެދު ދެކެނީ އެއްގޮތަކަށްނޫނެވެ. އޭގެތެރެއިން
 އެއްބައި މީހުންނަކީ، ދީނާ ދެކޮޅުވުމުގައި ހައްދުފަހަނަޅައިގޮސްފައިވާ މީހުންނެވެ. އަދި އަނެއްބައި މީހުންނަކީ،
 (އެބައިމީހުން ބުނާގޮތުން) ދީނާ ދެކޮޅު ބައެއް ނޫނެވެ. އަދި މިބައިމީހުން، ދީނަކީ، މިސްކިތާއި ފައްޅިފަދަ އެދީނެއްގެ
 އަހުލުވެރިން އަޅުކަންކުރާ ޚާއްޞަ ތަންތަނުގައި އޮންނަ އެއްޗެއްކަމުގައި ޤަބޫލުކުރެއެވެ. އެތަންތަނުން ބޭރުވުމުން
 ދީނަށް ބަލަން ނުޖެހޭކަމަށް މިމީހުން ދެކެއެވެ. އަދި މިމީހުން ދެކޭގޮތުގައި ދީނަކީ، ހަމައެކަނި ތިމާއާއި ތިމާ ހެއްދެވި
 ފަރާތާދެމެދު އޮންނަ އެއްޗެކެވެ. ތިމާއާ އެހެނިހެން މީސްތަކުންނާ އޮންނަ ގުޅުމުގެތެރެއަށް ދީން ވަދެގެން ނުވާނެއެވެ.
 (އެބަހީ: އެފަދަ ޙާލަތްތަކުގައި ދީނަކަށް ނުބެލެވޭނެއެވެ.) ކޮންމެއަކަސް، އިސްލާމީ ނަޒަރަކުން ބަލާއިރު،
މިދެބައިމީހުންނަކީވެސް ދީނާ ދެކޮޅު މީހުންނެވެ. އެހެނީ، އިސްލާމްދީނުގައި އޮންނަނީ، ދީންވެރިވުމެވެ. އެއްވެސްގޮތަކަށް
 ދީންވެރިނުވުމާއި ބައެއް ޙާލަތްތަކުގައި ދީންވެރިނުވުމީވެސް ހަމަ ލާދީނީވުމެވެ. انظر: لماذا نرفض العلمانيةلمحمد محمد بدري،
 ص 49 بتصرف
[26]  ނޯޓު: (http://sun.mv/9513 (visited: 31-07-2011) ) ގައި، އަޅުގަނޑުގެ އުސްތާޛެއްކަމުގައިވާ މުޙައްމަދު
 ޖަވާދު ޔޫސުފް ލިޔުއްވާފައިވާ ޚަބަރަކަށް، 'އަތަމަނަހުރާ' ގެ ނަމުގައި ކޮމެންޓުކުރަމުން ދިވެއްސަކު ލިޔެފައިވާގޮތުގައި
"...ދީންވެރިވެފައިވެސް ޢަލްމާނީ ވެވިދާނެ..." އެވެ. އެހެންނަމަވެސް، އެބޭފުޅާއަށް އަދި އެބޭފުޅާފަދައިން ވިސްނޭ ފަރާތްތަކަށް
އިޝާރާތްކޮށްލަންއޮތީ، ދިރިއުޅުމުގެ ވަކި ހިސާބަކުން ނުވަތަ ވަކި މައިދާނަކުން ނުވަތަ ވަކި ދާއިރާއަކުން ދީން އެއްފަރާތްކޮށްފައި،
 ތިމާ ހިތުހުރިގޮތަކަށްއުޅޭ މީހަކަށް، އެއީ، ދީންވެރިމީހެކޭ ސަލާމަތްބުއްދިހުރި އެއްވެސް މީހަކު ނުބުނާނެއެވެ. އަދި ހަމައެހެންމެ،
ޢަލްމާނިއްޔަތަކީ، ޑރ. ޣާލިބު ބިން ޢިވާޖީވެސް ވިދާޅުވެފައިވާފަދައިން (انظر: المذاهب الفكرية المعاصرة للدكتور غالب بن علي عواجي، ص 689)، ލާދީނީ އަސާސެއްގެ މައްޗަށް ބިނާވެފައިވާ
ފިކުރެއްކަމަށްވެފައި، އަދި އެފިކުރަކީ ފެށުނީއްސުރެ މިއަދާޖެހެންދެންވެސް ދީނާއި 'ހަނގުރާމަކުރަމުންދާ' ފިކުރެއްކަމުން،
އެފިކުރު ދީނީކުރެވޭނޭ އެއްވެސް ގޮތެއް ޙަޤީޤަތުގައި ނޯންނާނެއެވެ.


 

 
 ޒަމާނީ ފިކުރީ މަޛްހަބުތައް (3)
 ޒަމާނީ ފިކުރީ މަޛްހަބުތައް (1)
 
 
 
މިވެބްސއިޓްގައިވާ ލިޔުންތައް އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވަންވާނީ ދާލަގެ ހުއްދަ ލިބިގެންނެވެ.
Copyright © 2011 Dhaala. All rights reserved.