header
ގުޅޭ ލިޔުންތައް
 ޒަމާނީ ފިކުރީ މަޛްހަބުތައް (1)
އިސްމާޢީލު ރިޔާޟް، ތ. ކަނޑޫދޫ
02 11 2011
maxaahibpic

ފިކުރީ މަޛްހަބުތަކުގެ ތަޢުރީފު


މަޛްހަބުގެ ތަޢުރީފު:
ބަހުގެގޮތުން ބަލާއިރު، مذهب ނެގިފައިވަނީ ذهب އިންނެވެ. (ވަޤުތު) ހޭދަކުރުމާއި މަރުވުމާއި ނެތިކޮށްލުމާއި އަދި ތަވައްޖުހު (އެބަހީ: ޤަޞްދު) ކުރުމުގެ މާނާގައިވެސް ذهب ބޭނުންކުރެވެއެވެ. [1]  އަދި މަޛްހަބަކީ، ގޮތެވެ. އަދި ތިމާ އެގޮތަކަށް އިޢުތިޤާދުކުރާ އިޢުތިޤާދުކުރުމެވެ. [2]

އިޞްޠިލާޙީގޮތުން ބަލާއިރު، މަޛްހަބަކީ، "ޢިލްމީ އަދި ސުލޫކީ މައްސަލަތަކަކާގުޅިގެން، އިންސާނާ އެގޮތަކަށް ދެކޭ ނުވަތަ އިޢުތިޤާދުކުރާ ރައުޔުތަކާއި ފިކުރުތަކުގެ މަޖުމޫޢާއެކެވެ." [3]

ހަމައެހެންމެ، ބައެއް ބޭފުޅުން ވިދާޅުވާގޮތުން، މަޛްހަބަކީ، "އިންސާނާ އެގޮތަކަށް ދެކޭ އަދި އެއީ ރަނގަޅުގޮތްކަމުގައި އިޢުތިޤާދުކުރާ ގޮތެވެ. އެއީ، އޭނާއަށް އެދެކެވުނު ގޮތަކީ، ރަނގަޅުގޮތްކަމުގައިވިޔަސް ނުވަތަ ގޯސްގޮތްކަމުގައިވިޔަސްމެއެވެ. މީގެ މާނައަކީ، މަޛްހަބުތައް، އޭގެ މަޞްދަރުތައް ތަފާތުވުމުން ތަފާތުވެގެންދެއެވެ. އަދި އެއާމެދު މީސްތަކުންގެ މަފްހޫމުތައް [4]  ތަފާތުވުމުންވެސް ތަފާތުވެގެންދެއެވެ." [5]

ފިކުރުގެ ތަޢުރީފު:
ޢިލްމުވެރިން ފިކުރުގެ ތަޢުރީފު ތަފާތު އެތަކެއް ގޮތަށް ކުރައްވާފައިވެއެވެ. އޭގެ ތެރެއިން ބައެއް ތަޢުރީފުތައް މިތާނގައި ޛިކުރުކޮށްލާނަމެވެ. އެގޮތުން:
ފިކުރަކީ، މަޖުހޫލް [6]  ކަންތައްތައް ދެނެގަތުމާހަމައަށް ވާޞިލުވުމަށްޓަކައި މަޢުލޫމް [7]  ކަންތައްތަކުގައި ބުއްދި (ނުވަތަ ވިސްނުން) ބޭނުންކުރުމެވެ. [8]
ނުވަތަ، ފިކުރަކީ، އޭގެ ޛަރީޢާއިން އިންސާނާއަށް، އޭނާއަށް އެނގުމެއްނުވާ މައްސަލަތަކާއި އޭނާ ހޯދާބަލާ (ބަޙުޘްކުރާ) މައްސަލަތަކާއި އަދި އޭނާ ޙާޞިލުކުރުމަށް އުއްމީދުކުރާ މައްސަލަތައް ކަޝްފުކުރެވޭ ބުއްދީގެ ޙަރަކާތެއް (حركة عقلية) އަދި ދެނެގަތުމުގެ ބާރެކެވެ (قوة مدركة). [9]

ފިކުރީ މަޛްހަބުތަކުގެ މުރާދު:
ފިކުރީ މަޛްހަބުތަކަކީ، ވަޙީގެ މައްޗަށް ބިނާކުރުމެއްނެތި، އިންސާނާ އޭނާގެ އަމިއްލަ ފިކުރުން އުފަންކުރުވާ މަޛްހަބު ނުވަތަ ގޮތްތަކެވެ.

މިމަޛްހަބުތައް ފިކުރަށް ނިސްބަތްކުރެވުނު ސަބަބު:
މިމަޛްހަބުތައް ފިކުރަށް ނިސްބަތްކުރެވުނީ، މިމަޛްހަބުތައް އައިސްފައިވަނީ ފިކުރުންކަމުގައިވާތީއެވެ. [10]

ޒަމާނީ ފިކުރީ މަޛްހަބުތައް އުނގެނުމުގެ ބޭނުމާއި އޭގެ ފައިދާތައް
ޒަމާނީ ފިކުރީ މަޛްހަބުތައް އުނގެނުމުގެ ބޭނުމާއި އޭގެ ފައިދާތައް ގިނަގުނަވެގެންވެއެވެ. އޭގެތެރެއިން ބައެއް ކަންތައްތައް ޚުލާޞާގޮތެއްގައި ޛިކުރުކޮށްލާނަމެވެ.
- އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ރެއާއި ދުވާލު ހިންގަމުންގެންދާ މުއާމަރާތުތައް ކަޝްފުކޮށްދިނުން. [11]
- މިއިން މަޛްހަބެއްގެ ފިކުރަށް ލެނބިފައިވާނަމަ، އެފިކުރު ދޫކޮށް، ޙައްޤަށް ރުޖޫޢަވުން. އަދި މިމަޛްހަބުތަކާމެދު ސަމާލުވެތިބުމަށް މުސްލިމު އަޚުންނާއި އުޚުތުންނަށް ނަސޭހަތްތެރިވުން. އެހެނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "الدين النصيحة" [12] މާނައީ: ދީނަކީ، ނަސޭހަތްތެރިވުމެކެވެ. [13]
- މިފަދަ ފިކުރުތަކުން ސަލާމަތްވެތިބުމުގެ ސަބަބުން، އަޅުގަނޑުމެންގެ އިހުގެ މީހުންނަށް ލިބުނު ޢިއްޒަތާއި ކަރާމާތް ހާމަކޮށްދިނުން. އަދި މިފަދަ ފިކުރުތަކުގެ ސަބަބުން، އަޅުގަނޑުމެން މުސްލިމުންނަށް މިއަދު ޖެހިފައިވާ ޙާލު ހާމަކޮށްދިނުން. [14]
- މިމާއްދާއަކީ މިމާއްދާ އުނގެނޭ ފަރާތްތަކަށް އޮތް ޓްރެއިނިންގއެއްކަމުގައިވެ، މީހާ ބުނާ، މިމަޛްހަބުތަކުގައި ޝާމިލުވެ ހިމެނިފައިވާ ޢިބާރާތްތަކުންނާއި ރައްދުކުރާ ފިކުރުތަކުން، އޭނާގެ އިއްތިޖާހު (އެބަހީ: ކުރިމަތިލާގޮތް، ކުރިޔަށްދާމަގު) ދެނެގަތުމުގެ ކުޅަދާނަކަން ލިބުން. [15]
- މިމަޛްހަބުތައް އުނގެނުމުން ލިއްބައިދޭ ޢިބުރަތްތަކާއި وَعْظُ ތަކުން، މުސްލިމްމީހާއަށް އޭނާގެ ދީނާމެދު ޔަޤީންކަން ބޮޑުވެ، އީމާންކަން އިތުރުވެގެންދިޔުން. [16]
މިފަދަ މާއްދާތަކަކީ، ކޮންމެފަދަ ތަޢުލީމީ އަދި އިޖުތިމާޢީ ދަރަޖައެއްގައި އުޅޭ މުސްލިމަކަށްވެސް އެނގުން ނުހަނު ބޭނުންތެރި މާއްދާތަކެކެވެ. އެހެންނަމަވެސް، ފެންނަ ފެނުމުގައި އިސްލާމީ މަދްރަސާތަކުގައި މިމާއްދާއަށް އެހާބޮޑު ނުވަތަ އެއްވެސް އަހައްމިއްޔަތުކަމެއް ދީފައެއް ނުވެއެވެ.
އެހެންނަމަވެސް، ޙަޤީޤަތަކީ، މިފަދަ މާއްދާތައް ކިޔަވައިދިނުމީ، މަދްރަސާތަކުގައިވެސް އަދި އެނޫން ތަންތާނގައިވެސް ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. [17]

ފިކުރީ މަޛްހަބުތައް އުފެދުނު ސަބަބުތައް
ފިކުރީ މަޛްހަބުތަކަކީ، ޔޫރަޕުގައި އުފެދި ތަރައްޤީވި މަޛްހަބުތަކެކެވެ. މިމަޛްހަބުތައް އުފެދެން މެދުވެރިވި ސަބަބުތައް ވަރަށްވެސް ގިނައެވެ. އޭގެތެރޭގައި:
- ތިމާމެންގެ ނުފޫޒު ފޯރުވޭ ތަންތަން އިތުރުކުރުމަށް ލޯބިކުރުން.
- ތިމާމެންގެ ބާރުގެ ދަށުގައިވާ ތަންތަން އިތުރަށް ފުޅާކުރުމަށް ލޯބިކުރުން.
- ވެރިކަމާއި ބާރުވެރިކަމަށް ލޯބިކުރުން.
- ނަޞާރާއިންގެ ދީނީމީހުން ޤާއިމުކޮށްފައިވާ ހުރަސްތަކުންނާއި އެބައިމީހުންގެ ޚުރާފާތްތަކުން ވީއްލިގަތުމަށް ބޭނުންވުން.
- ފައްޅީގެ އަހުލުވެރިންގެ ސަބަބުން މުޖުތަމަޢުގައި ފެތުރިފައިވާ ޖާހިލުކަމުން ހަށިފޮޅައިލުން.
- ފައްޅީގެ އަހުލުވެރިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ބޭނުންވުން. ފައްޅީގެ އަހުލުވެރިންގެ އަނިޔާވެރިކަމުގެ ތެރޭގައި ހިމެނުނު ބައެއް ކަންތައްތަކަކީ:

1)      އެބައިމީހުންނާ ދެކޮޅުވެރިވާ މީހުންގެ ލޭ ހުއްދަކޮށްގަތުމަށްޓަކައި ފާޑުފާޑުގެ ނަންތައް އުފައްދައި އެބައިމީހުންނަށް އެނަންތައް ނިސްބަތްކުރުން. މިފަދަ ނަންތަކުގެ ތެރޭގައި الهَرْطَقَة ހިމެނެއެވެ.
2)      ފައްޅިތަކުގެ ދީނީމީހުން ދުންޔަވީ އަދި އުޚްރަވީ ހުރިހާ ކަމެއް އެބައިމީހުންގެ އަތްދަށުލުން. އަދި އެބައިމީހުންގެ ރުހުމެއް އެބައިމީހުންނަށް ކިޔަމަންތެރިވުމެއްނެތި، ﷲ ތަޢާލާގެ ޙަޟްރަތުގައިވާކަމެއް ޙާޞިލު ނުކުރެވޭގޮތް ހެދުން.
3)      'ލޯމަރައިލައިގެން' ތިބޭ ޙާލު ފައްޅިތަކުގެ ދީނީމީހުންނަށް އިޙްތިރާމުކުރުމާއި ކިޔަމަންތެރިކަން އަދާކުރުމަށް މީސްތަކުންގެ މައްޗަށް ފަރުޟުކުރުން. އަދި އެބައިމީހުން ކުރާ އެއްވެސް ކަމަކަށް އިޢުތިރާޟުނުކުރުން.
4)      މެދުވެރިއަކާނުލައި ﷲ ތަޢާލާގެ މަލަކޫތަށް އެއްވެސް އިންސާނަކަށް ވާޞިލުނުވެވޭނެކަމަށް ކަނޑައެޅުން. އަދި އެމެދުވެރިޔަކީ، ދީނީމީހުންގެ ތެރެއިން ފާދިރީން (ޕޯޕުން) ކަން.
5)      ޕޯޕުގެ މަޖިލިސްގެ މެމްބަރަކުކަމުގައިނުވާނަމަ، އެބައިމީހުންގެ މުޤައްދަސްފޮތް (އަލްކިތާބުލްމުޤައްދަސް) ތަފްސީރުނުކުރެވުން. އެމީހަކީ، ކިތަންމެ ވިސްނުންތޫނު ޢިލްމުވެރިއެއްކަމުގައިވިޔަސްމެއެވެ.
6)      (އެބައިމީހުން ޤަބޫލުކުރާ) ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ އަޅުކަމުގެ ރަސްމުތަކާއި ތައުބާ ޤަބޫލުވެވުމުގެ މަގުކަމުގައިވާ ކުށަށް އިޢުތިރާފުވުން، ކާހިނުގެ ކުރިމަތީގައި ކުރުމަށް ކަނޑައެޅުން.
7)      صُكُوكُ الغُفْرَان ގެ ފިކުރު އުފަންކުރުވުން. އަދި އެއީ، އުޚުރަވީ ޙަޔާތުގެ މުސްތަޤުބަލައްޓަކައި އެއާމެދު މީހާ ފިކުރުކުރުން އެންމެ މުހިއްމުކަންތައްކަމުގައި ހެދުން.
8)      السُخرة އާއި العشور ގެ ނިޒާމު މީސްތަކުންގެ މައްޗަށް ފަރުޟުކުރުން.
9)      ޢިލްމާއި އޭގެ نَظَرِي އަދި تَجْرِيْبِي ޙަޤީޤަތްތަކާ ދެކޮޅަށް، ފައްޅިތަކުގެ ދީނީމީހުން ތިބުން.
10)   ޖިއޮގްރަފީއާއި މެޑިސިންއާއި ބަޔޮލޮޖީ އަދި މިނޫންވެސް ޢިލްމުތަކުގެ ނަޒަރިއްޔާތަކާއި ފިކުރުތައް ފައްޅިތަކުން އުފެއްދުން. އަދި އެކަންތައްތައް މަތިވެރިކުރުން. އޭގެ ސަބަބުން، އެއްވެސް މީހަކަށް އެއާޚިލާފު ނުވެވުން. އަދި އެއާޚިލާފުވާ ފަރާތްތަކަކީ، ކާފިރުންކަމާއި މުލްޙިދުންކަމާއި [18]  އަދި ލޭހުއްދަ ބައެއްކަމުގައި ޙުކުމްކުރުން.
11)   مَحَاكِمُ التفتيش އުފަންކުރުވުން.
- ހުޅަނގުގެ މުފައްކިރުން، ޔޫނާނީ ފަލްސަފާ ދިރުވައި، އާނަޒަރިއްޔާތަކާއި މަފްހޫމްތައް ޤާއިމުކުރުމަށްޓަކައި އެއިން ފައިދާ ޙާޞިލުކުރުން. މީގެ މައިގަނޑު މަޤްޞަދަކީ، ފައްޅިއާ ދުރަށްދިއުން. [19]
ކޮންމެއަކަސް، މިހުރިހާ މަޛްހަބުތަކެއްވެސް އުފަންވެފައިވަނީ ގާތްގަނޑަކަށް އެއްދުވަސްވަރެއްގައެވެ. އެއީ، (މަތީގައިވެސް އިޝާރާތްކުރެވިފައިވާފަދައިން) ފައްޅިތަކުގެ އަހުލުވެރިންގެ ނުބައިކަމާއި އަނިޔާވެރިކަމުން ސަލާމަތްވުމަށް އެތާނގެ އަހުލުވެރިން މަސައްކަތްކުރި ދުވަސްވަރުގައެވެ.
އެބައިމީހުންގެ އޮޅުވައިލެވި ބަދަލުކުރެވިފައިވާ ނަޞާރާދީނަށްވުރެ، ހުރިހާ ގޮތަކުންވެސް ބަރާބަރު ދީނެއް (އެބަހީ: އިސްލާމްދީން) ކުރިމަތީގައި އަތްފޯރާފަށުގައި ފެންނަންއޮތުމާއެކުގައިވެސް އެދީނަށް ވަންނާކަށް އެބައިމީހުން ބޭނުމެއް ނުވިއެވެ. ސަބަބެއްކަމުގައިވަނީ، މުސްލިމުންނާމެދު އޮންނަ ނަފުރަތްތެރިކަމާއި ޞަލީީބީ ހަނގުރާމަތަކުން އެބައިމީހުންނަށް ލިބުނު ނާކާމިޔާބާހެދި މުސްލިމުންނާ ނުނިޔަތްލުމުގައި ދެމިތިބުމެވެ.
ކޮންމެއަކަސް، އެބައިމީހުން ބޭނުންވީ، އެބައިމީހުންގެ އަމިއްލަ ފިކުރުން، އެބައިމީހުން އުޅޭންވީ މަގު ނުވަތަ ނިޒާމު އުފަންކުރުވާށެވެ. އެނގިވަޑައިގަންނަވާނޭފަދައިން، އެކި މީހުންގެ ވިސްނުމާއި ފިކުރު ތަފާތު ވާނެއެވެ. މިތަފާތާއެކު، އޭރުގެ އެކި މުފައްކިރުންނާއި ފަލްސަފާވެރިންނަށް އުފަންކުރެވުނީވެސް ތަފާތު އެކި ފިކުރުތަކެވެ. މިފިކުރުތަކަކީ، އަޅުގަނޑުމެން މިއަދު މިކިޔައިއުޅޭ 'ފިކުރީ މަޛްހަބު' ތަކެވެ. ބައެއް ބޭފުޅުން، މިއީ ފިކުރީ މަޛްހަބުތަކެއްގެ އިތުރުން، ދިރިއުޅުމުގެ ނިޒާމެއްގެގޮތުގައި ޔޫރަޕުގެ އަހުލުވެރިން ބަލައިގެންފައިވާތީ، މިއަށް، 'ޖާހިލިއްޔަތުގެ ދީންތަކެކޭ' (أديانجاهلية) ވެސް ވިދާޅުވެއެވެ

.
ފިކުރީ މަޛްހަބުތަކުގެ ތެރޭގައި ވަރަށް ގިނަ މަޛްހަބު ހިމެނެއެވެ. އޭގެތެރެއިން ބައެއް މަޛްހަބުތަކަކީ:
- ރޭޝަނަލިޒަމް
- ސެކިޔުލަރިޒަމް
- ލިބެރަލިޒަމް
- ޑިމޮކްރަސީ
- އެތިޒަމް
- އޮރިއެންޓަލިޒަމް
- ފްރީ މޭސަންރީ
- ނޭޝަނަލިޒަމް
- ސޯޝަލިޒަމް
- ކެޕިޓަލިޒަމް
- ކޮމިޔުނިޒަމް
- ހިޔުމަނިޒަމް
- ވުޖޫދިއްޔާ
- ރޫޙިއްޔާ

އިސްލާމީ ދުނިޔޭގައި ފެތުރުނު ސަބަބުތައް
ފިކުރީ މަޛްހަބުތައް ޔޫރަޕުގައި ފެތުރި، އެންމެ ފަހުން، މިމަޛްހަބުތަކުގެ އަހުލުވެރިންނަށް ވެރިކަމާއި ބާރުލިބުމުގެ ނަތީޖާއެއްގެގޮތުން، މުސްލިމު ޤައުމުތަކަށް އިސްތިޢުމާރުގެ އެކިއެކި ކުލަކުލައިގައި އަރައި، މިމަޛްހަބުތައް ފަތުރަން ހުޅަނގުގެ އަހުލުވެރިން މަސައްކަތް ފެށިއެވެ. އަދި މިކަމުގައި، އެމީހުންނަށް ހެއްލިފައިވާ ބައެއް މުސްލިމުންވެސް ބޭނުންކުރިއެވެ. ދަންނަންޖެހޭ އަދި ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިމަސައްކަތުގެ (އެބަހީ: އިސްލާމީ ދުނިޔޭގައި މިމަޛްހަބުތައް ފެތުރުމުގެ) ވަރަށް ބޮޑު މިންވަރެއް ކާމިޔާބުވިކަމެވެ. ސަބަބުތައްވެސް މަދެއްނޫނެވެ. އޭގެތެރޭގައި އަންނަނިވި ސަބަބުތައް ހިމެނެއެވެ.

- އިސްލާމްދީނާމެދު ޖާހިލުވުން. އެގޮތުން، އިސްލާމްދީނުގެ ޝާމިލުކަން ނޭނގުން. މީގެ ސަބަބުތަކުގެ ތެރޭގައި، ނުބައިނުލަފާކަމާއި އަމިއްލަ އިހުމާލާއި ލިބިފައިވާ ތަރުބިޔަތާއި އެހެންމީހުންނާ އެކުވެ މަސްހުނިވުމާއި އަދި މިނޫންވެސް ސަބަބުތައްވެއެވެ.
- އެމަޛްހަބުތަކުގެ 'އަނދިރިފަރާތުގެ' ޙަޤީޤަތް ނޭނގުން.
- އަދަބު އަޚްލާޤުންނާއި ރިވެތި އާދަތަކުން އަދި މާތްކަންތައްތަކުން ވީއްލިގަނެ، ހިތަށް އެރިހާ ގޮތަކަށް އުޅެން ބޭނުންވުން.
- މުސްލިމުންގެ ހިތްތަކުގައި ހުޅަނގުގެ މީހުން އުޅޭ އުޅުމަށް ލޯބިޖެއްސުން. އަދި މުސްލިމުން އިސްލާމީ ދިރިއުޅުމާއި ދުރުހެލިކުރުން. [20]

ފިކުރީ މަޛްހަބުތަކުގެ ނުބައި އަޘަރު
ފިކުރީ މަޛްހަބުތައް އުފެދުނު ގޮތަށް ބަލާއިރު، އެމަޛްހަބުތަކުގެ ސަބަބުން، އެމަޛްހަބުތައް އުފެއްދި ފަރާތްތަކަށް ވަރަށް ބޮޑެތި ފައިދާތަކެއް ޙާޞިލުވިއެވެ. އެހެންނަމަވެސް، އެމަޛްހަބުތަކުގެ ފިކުރު ބިނާކުރެވިފައިވާގޮތުން، ފަހުން އެމަޛްހަބުތަކުން ފައިދާ ޙާޞިލުވެފައިވަނީ ވަކި ބަޔަކަށެވެ. ގިނަ މީހުންނަށް އެމަޛްހަބުތަކުގެ ސަބަބުން ލިބުނު މާބޮޑު ފައިދާއެއް ނެތެވެ. އަދި ކިޔެއްތަ! ގިނަ މީހުންނަށް އެހެންގޮތަކުން ގެއްލުންވަމުންދިޔައެވެ. މިދެންނެވީ ހުޅަނގުގެ އަހުލުވެރިންގެ ނިސްބަތުންނެވެ. އިސްލާމީ ދުނިޔޭގެ ނިސްބަތުންނަމަ، މިމަޛްހަބުތަކުގެ ސަބަބުން، މުސްލިމުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވިއެވެ. ދީނީގޮތުންނާއި އަޚްލާޤާއި ސުލޫކުގެގޮތުންނާއި އަދި މިނޫންވެސް އެކި ގޮތްގޮތުން ވަރަށް ނުބައި އަޘަރެއް ކުރިއެވެ. އެހެނީ، މުސްލިމުން ޙަޤީޤަތުގައި މިފަދަ އިންސާނާގެ އަމިއްލަ ސިކުނޑިން އުފައްދާފައިވާ ފިކުރުތަކަކަށް ބޭނުމެއް ނުވެއެވެ. އެބައިމީހުން ބޭނުންވަނީ، އިސްލާމީ ޝަރީޢަތުގައިވާގޮތަށް އެންމެންވެސް ޢަމަލުކޮށް، އެޝަރީޢަތް މުޅި ދިރިއުޅުމުގައި ތަންފީޒުކުރުމަށެވެ.

ކޮންމެއަކަސް، ކުރުކޮށް ދަންނަވަނީނަމަ، ފިކުރީ މަޛްހަބުތަކުގެ ނުބައި އަޘަރުތަކުގެ ތެރޭގައި:
- އެފިކުރުތަކުގެ ސަބަބުން އިސްލާމީ ޝަރީޢަތް ފުރިހަމައަށް (ނުވަތަ އެކީއެކައްޗަކަށް) ތަޠްބީޤު (ތަންފީޛު) ނުކުރެވުން.
- އަޚްލާޤާއި އުޅުން ފަސާދަވުން.
- އަންހެން ކަނބަލުން ބޭނުންކޮށްގެން ފަސާދަ އުފެއްދުން. [21]  ހިމެނެއެވެ.
ފަހަރުގައި، މިވާހަކަތައް ކިޔަމުންދާ ފަރާތުގެ ހިތަށް އަރައިފާނެއެވެ. މިފިކުރީ މަޛްހަބުތަކުގެ ސަބަބުން، އިސްލާމީ ޝަރީޢަތް ފުރިހަމައަށް ތަންފީޛު ނުކުރެވޭންވީ ކީއްވެބާވައެވެ؟!
މީގެ ޖަވާބަކީ، މިމަޛްހަބުތައް އުފައްދައި، އެންމެފަހުން މުސްލިމުންގެ ތެރޭގައި ފެތުރީ ހަމަ 'މޮޅުކަމެއް ކޮށްލާނަމޭ' ހިތާކަމުގައި ބެލެވޭކަށެއް ނެތެވެ. އެހެނީ، މިމަޛްހަބުތައް އިސްލާމީ ދުނިޔެއަށް އައިސް ފައިވިއްދާލާފައިހުރީ، އިސްލާމްދީނާއި އިސްލާމީ ޝަރީޢަތާ މުސްލިމުން ދުރުކުރުމަށެވެ. އެގޮތުން، މިކަމުގެ ހެއްކެއްގެގޮތުން، އިންޑިޔާއާއި މިޞްރާއި ލުބުނާނާއި އަދި މިހެންގޮސް ޢަރަބިދުނިޔޭގެ އެންމެހާ ޤައުމުތައް އިސްތިޢުމާރުކޮށް އަޅުވެތިކުރުމުގެ ތެރޭގައި،މިޤައުމުތަކުގައި އޮތް އިސްލާމީ ޝަރީޢަތުގެ މައްޗަށް، މިބައިމީހުންވަނީ، ފުރަތަމައިނުންވެސް ހިރަފުސް ބުރުވައިލައި، އެންމެފަހުން ފަސްއަޅާ ފޮރުވާލާފައެވެ. އަދި އޭގެ ބަދަލުގައި މީގެ ބައެއް ޤައުމުތަކުގެ ޤާނޫނު އަސާސީއަށް ފަރަންސޭސި ޤާނޫނުތައް ތަޢާރުފުކޮށް، އަނެއްބައި ޤައުމުތަކުގެ ޤާނޫނުތައް ތިމަތިމާމެން އެދޭގޮތަށް ބަދަލުގެނެސްފައިވެއެވެ. އަދި މިހުރިހާކަމެއް ކުރީވެސް، މިމަޛްހަބުތަކުގެ ނަންބޯޑު ކަރުގައި އަޅުވައިގެން، މުސްލިމުންގެ ތެރެއަށް މި 'ވިހަތައް' ދޫކޮށްގެންނެވެ.
(ނުނިމޭ)

 


[1]  انظر: المعجم الوسيط: 1/316
[2]  انظر: معجم لغة الفقهاء، ص 388
[3]  انظر: الموسوعة الميسرة في الأديان والمذاهب والأحزاب المعاصرة للندوة العالمية للشباب
 الإسلامي بإشراف الدكتور مانع بن حماد الجهني، ص 1142
[4]  ނޯޓު: ތަޢުރީފާއި މަފްހޫމަކީ ތަފާތު ދެއެއްޗެކެވެ. މަފްހޫމުގައި އަންނަހުށީ، އޭގެ މައިގަނޑު
 މާނަ ނުވަތަ އޭގައިވާ އެއްޗެއް ވާޟިޙުކޮށްދޭ އޭގައިވާ ޞިފަތަކާއި އެއަށް މިލްކުވެގެންވާ ޚާއްޞަ
 ކަންތައްތަކެވެ. މީގެ މާނައަކީ، މަފްހޫމް އޮންނާނީ ފުޅާކޮށެވެ. އެހެންނަމަވެސް، ތަޢުރީފުގައިވާނީ،
 އެއެއްޗެއް ނުވަތަ އެކަމެއް ވަކިކުރެވޭ އޭގައިވާ ޚާއްޞަ ކަންތައްތައް ޛިކުރުކޮށްގެން، ކަވި ޙުދޫދެއްގެ
 ތެރެއަށް ލުމެވެ. މާނައަކީ، ތަޢުރީފު އޮންނާނީ ހަނިކޮށެވެ. انظر: التربية الإسلامية: المصطلح والمفهوم للأستاذ الدكتور صالح بن علي أبو عرَّاد،

 ص 29 بتصرفنقلا منالمعجمالوجيز، ص 483 و 415.

[5]  انظر: المذاهب الفكرية المعاصرة للدكتور غالب بن علي عواجي، ص 41
[6]  އެކަމެއްގެ ޢިލްމު ލިބިފައިނެތް
[7]  އެކަމެއްގެ ޢިލްމު ލިބިފައިވާ
[8]  http://ennmirate.jeeran.com/maqalats/archive/2006/2/19701.html
[9]  http://www.balagh.com/matboat/fbook/122/tb0vjy1z.htm
[10]  انظر: المذاهب الفكرية المعاصرة للدكتور غالب بن علي عواجي، ص 42
[11]  انظر: المذاهب الفكرية المعاصرة للدكتور غالب بن علي عواجي، ص 43 بتصرف
[12]  رواه البخاري ومسلم.
[13]  انظر: المذاهب الفكرية المعاصرة للدكتور غالب بن علي عواجي، ص 44 بتصرف
[14]  انظر: المذاهب الفكرية المعاصرة للدكتور غالب بن علي عواجي، ص 44 بتصرف
[15]  انظر: المذاهب الفكرية المعاصرة للدكتور غالب بن علي عواجي، ص 46 بتصرف
[16]  انظر: المذاهب الفكرية المعاصرة للدكتور غالب بن علي عواجي، ص 47 بتصرف
[17]  انظر: المذاهب الفكرية المعاصرة للدكتور غالب بن علي عواجي، ص 50 بتصرف
[18]  އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހުން.
[19]  انظر: المذاهب الفكرية المعاصرة للدكتور غالب بن علي عواجي، ص 53-66 بتصرف
[20]  انظر: المذاهب الفكرية المعاصرة للدكتور غالب بن علي عواجي، ص 68-69 بتصرف
[21]  انظر: المذاهب الفكرية المعاصرة للدكتور غالب بن علي عواجي، ص 78 بتصرف

 
 ޒަމާނީ ފިކުރީ މަޛްހަބުތައް (3)
 ޒަމާނީ ފިކުރީ މަޛްހަބުތައް (2)
 
 
 
މިވެބްސއިޓްގައިވާ ލިޔުންތައް އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވަންވާނީ ދާލަގެ ހުއްދަ ލިބިގެންނެވެ.
Copyright © 2011 Dhaala. All rights reserved.