header
ގުޅޭ ލިޔުންތައް
 އިސްލާމީ ތަރުބިޔަތަށް ޢިލްމީ ނަޒަރެއް (3)
އިސްމާޢީލް ރިޔާޟް، ތ.ކަނޑޫދޫ
02 11 2011
shar

އިސްލާމީ ތަރުބިޔަތުގެ މުހިއްމުކަމާއި އޭގެ މަޤްޞަދުތައް

މާތް ﷲ އިންސާނުން އުފައްދަވައި، މިދުނިޔެމަތީގައި ލައްވަވާފައިވަނީ، އެކަލާނގެއަށް އަޅުކަންކުރުމަށެވެ. ދެން އެއަށްފަހު، މިދުނިޔެ އާރާސްތުކުރުމަށެވެ. މިކަން ކީރިތި ޤުރުއާނުގެ އެތަނެއް އާޔަތަކުން ވަރަށް ޞަރީޙަކޮށް އެނގިގެންދެއެވެ. [1]   އެކަލާނގެ ވަޙީބަސްފުޅުގައިވެއެވެ. (وَمَا خَلَقْتُ الْجِنَّ وَالإنْسَ إِلا لِيَعْبُدُونِ ) [2] 
މާނައީ: އަދި ތިމަންރަސްކަލާނގެއަށް އަޅުކަންކުރަން މެނުވީ، ޖިންނީންނާއި އިންސީން ތިމަންރަސްކަލާނގެ ނުއުފައްދަވަމެވެ.
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ. (وَهُوَ الَّذِي جَعَلَكُمْ خَلائِفَ الأرْضِ ...) [3] 
މާނައީ: އަދި އެކަލާނގެއީ، ބިމުގެ ޚަލީފާއިންކަމުގައި، ތިޔަބައިމީހުން ލެއްވި ރަސްކަލާނގެއެވެ.
އެހެންވީމާ، އިސްލާމީ ތަރުބިޔަތު މުހިއްމުވަނީ މިހިސާބުންނެވެ. މިކަންތައްތައް ޙާޞިލުކުރުމަށްޓަކައި، އިސްލާމީ ތަރުބިޔަތަކުން ތަރުބިޔަތުވުން ލާޒިމެވެ.
ކުއްލިއްޔުއްދިރާސާތިލްއިސްލާމިއްޔާގައި މަތީތަޢުލީމު އުނގެނެމުންދާ އަޅުގަނޑުގެ ގާތް އެކުވެރިއަކުވެސް ހާމަކުރައްވާގޮތުގައި، އިސްލާމްދީނުގެ ޙަޤީޤަތާއި، އިސްލާމީ ޘަޤާފަތާއި، އިސްލާމްދީނުގެ މުހިއްމުކަން... މިކަންކަން އެނގިގެންދަނީ، އިސްލާމީ ތަރުބިޔަތުގެ ތެރެއިންނެވެ. އަދި އިސްލާމީ ތަރުބިޔަތުން ތަރުބިޔަތު ނުކުރެވުމުން، އުޅެންވީގޮތާއި ނުއުޅެންވީގޮތެއް އަދި ކުރަންވީ ކަންތަކާއި ނުކުރަންވީ ކަންތަކެއް ނޭނގި، ހިތުހުރިގޮތަކަށް އުޅެވޭގޮތްވެއެވެ. ވީމާ، އިސްލާމީ ތަރުބިޔަތުގެ މުހިއްމުކަން މިއިން ދޭހަކޮށްދެއެވެ. [4] 
އަދި މީގެ އިތުރަށް، އަންނަނިވި ޙަޤީޤަތްތަކަކީ، އިސްލާމީ ތަރުބިޔަތުގެ މުހިއްމުކަން އިތުރަށް ކަށަވަރުކޮށްދޭ ކަންކަމެވެ.

އިސްލާމީ ތަރުބިޔަތު، ކުށްތަކާއި ހަޑިހުތުރު ކަންތައްތަކުން އެންމެހާ މީސްތަކުން ދުރުކޮށްދޭ.
އިސްލާމީ ތަރުބިޔަތަކީ، ޢާލަމީ [5]  އެއްޗެއް.
އިސްލާމްދީނަކީ، ފުރިހަމަދީނެއް. (އެހެންކަމުން، މިދީނުގެ އުޞޫލުތަކުގެ ދަށުން ބައްޓަންކުރެވިފައިވާ ތަރުބިޔަތަކީވެސް ފުރިހަމަ ތަރުބިޔަތަކަށްވާނެ.)
އިސްލާމީ ތަރުބިޔަތަކީ ތަވާޒުން [6]  އެއްޗެއް. [7] 
ދެން ފަހެ، އިސްލާމީ ތަރުބިޔަތުގެ މަޤްޞަދަށް ނަޒަރުހިންގައިލާއިރު، އައްޝައިޚް މުޙައްމަދު ބިން ސާލިމް ބިން ޢަލީ ޖާބިރު ވިދާޅުވެފައިވެއެވެ. "އިސްލާމީ ތަރުބިޔަތުގެ މަޤްޞަދުތައްވަނީ، ހަތަރުކަމެއްގެ ވަށައިގެންނެވެ. އެއީ:

ﷲ ތަޢާލާއަށް އަޅުވެތިވުމުގެ މައްޗަށް ނުވަތަ އެކަލާނގެއަށް އަޅުވެރިވުމުގައި އިޚްލާޞްތެރިވުމުގެ މައްޗަށް ބިނާވެފައިވާ މަޤްޞަދުތައް.
އިސްލާމީ ޝަޚްޞިއްޔަތެއް އުފަންކުރުމަށްޓަކައި، ފަރުދުންގެ މައްޗަށް ބިނާވެފައިވާ މަޤްޞަދުތައް.
އިސްލާމީ މުޖުތަމަޢުއެއް ނުވަތަ މުއުމިން އުއްމަތެއް ބިނާކުރުމުގެ މައްޗަށް ބިނާވެފައިވާ މަޤްޞަދުތައް.
ދީނީ އަދި ދުނިޔަވީ މަންފާތައް ޙާޞިލުކުރުމުގެ މައްޗަށް ބިނާވެފައިވާ މަޤްޞަދުތައް." [8] 

އަދި ޑރ. ޚާލިދު ބިން ޙާމިދު ދެކިލައްވާގޮތުގައި، އިސްލާމީ ތަރުބިޔަތުގެ މަޤްޞަދުތަކުގެ ތެރޭގައި މައިގަނޑު 6 ކަމެއް ހިމެނެއެވެ. އެބަހީ، އިސްލާމީ ތަރުބިޔަތުގެ ސަބަބުން އިންސާނާއަށް އެ 6 ކަންތައް ޙާޞިލުވެގެންދާނެއެވެ. އެއީ:

ޢިލްމީގޮތުން ބިނާކުރުން. [9] 
ޢަޤީދާގެގޮތުން ބިނާކުރުން. [10] 
އަޅުކަމުގެގޮތުން ބިނާކުރުން. [11] 
އަޚުލާޤީގޮތުން ބިނާކުރުން. [12] 
ވަޒީފާގެގޮތުން ބިނާކުރުން. [13] 
ޖިސްމު ނުވަތަ ހަށިގަނޑުގެގޮތުން ބިނާކުރުން. [14]  [15] 


އަދި ހަމައެހެންމެ، ޑރ. ޚާލިދު ބިން ޢަބްދިﷲ ބިން ޢަބްދުލްޢަޒީޒު އަލްޤާސިމު ވިދާޅުވެފައިވެއެވެ. "އަޅުގަނޑުމެންނަށް، އިސްލާމީ ތަރުބިޔަތުގެ މައިގަނޑު ތިން މަޤްޞަދެއް ހާމަކޮށްލެވިދާނެއެވެ. އެއީ:
ފުރިހަމަ ޝަޚްޞިއްޔަތެއްގެވެރި މުސްލިމް އިންސާނަކު ބިނާކުރުން. އެއީ، ޖިސްމާނީގޮތުންނާއި، ބުއްދި ނުވަތަ ވިސްނުމުގެގޮތުންނާއި، ރޫޙާނީގޮތުންނާއި، އަޙްލާޤީގޮތުންނާއި އަދި އިޖުތިމާޢީގޮތުންނެވެ.
ޢިލްމީގޮތުން ކުރިއެރުވުން.
އިސްލާމީ ރިސާލަތް އުފުލާ އިސްލާމީ އުއްމަތެއް ދުނިޔެއަށް ނެރުން." [16] 
(ނުނިމޭ)
___________________
[1 ނޯޓު: މިމައްސަލަ އިތުރަށް ދެނެގަތުމަށް، އަޅުގަނޑު އެކުލަވާލާފައިވާ "ތަފްސީރު މައުޟޫޢީއަށް ތަޢާރުފެއް" މިފޮތުގެ ޞަފްޙާ ނަންބަރު 109 ން 112 ށް ބައްލަވާ!
[2  سورة الذاريات: 56
[3  سورة الأنعام: 165
[4 ނޯޓު: މުޙައްމަދު ޢަލީ، ދިރާސާތު އިސްލާމިއްޔާގެ ޑިގްރީ (ހަތަރުވަނަ އަހަރު) (2011)، (ބަސްދީގަތުން ދެއްވީ: 17 ޖުލައި 2011، ގަޑި: 12:10 ގައި)
[5  އެބަހީ: Universal
[6 އެބަހީ: Balanced
[7  http://3rwaa-news.net/articles-action-show-id-27.htm (not-in-word) (visited: 16-07-2011)
[8  http://www.alukah.net/Social/0/151/  (not-in-word) (visited: 16-07-2011)
[9  އެބަހީ: ޢިލްމުވެރިކުރުން.
[10  އެބަހީ: ޢަޤީދާ ހަރުދަނާކުރުން.
[11  އެބަހީ: އެންމެ ހެޔޮ ރަނގަޅު ގޮތަށް އަޅުކަންކުރަންވީގޮތް އުނގަންނައިދިނުން.
[12  އެބަހީ: ރިވެތި އަޚުލާޤު އަށަގެންނެވުން.
[13  އެބަހީ: ވަޒީފާއާއި މަސައްކަތުގެ މައިދާނަށް ތައްޔާރުކުރުން.
[14  އެބަހީ: ދުޅަހެޔޮ މީހަކަށް ހެދުން.
[15  انظر: أصول التربية الإسلامية للدكتور خالد بن حامد الحازمي، ص 73-213 باختصار
[16  http://www.alukah.net/Culture/0/18838/  (not-in-word) (visited: 16-07-2011)

 
 
 
 
މިވެބްސއިޓްގައިވާ ލިޔުންތައް އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވަންވާނީ ދާލަގެ ހުއްދަ ލިބިގެންނެވެ.
Copyright © 2011 Dhaala. All rights reserved.