header
ގުޅޭ ލިޔުންތައް
 އިސްލާމީ ތަރުބިޔަތަށް ޢިލްމީ ނަޒަރެއް (2)
އިސްމާޢީލް ރިޔާޟް، ތ.ކަނޑޫދޫ
02 11 2011
shar

ތަރުބިޔަތުގެ ތަޢުރީފު:
އައްޝައިޚް ޢަބްދުއްރަޙްމާނު އައްނަޙަލާވީ ވިދާޅުވާގޮތުގައި، ޢަރަބިބަހުގައި التربية ގެ ތިން އަޞްލެއްވެއެވެ. އެއީ:


1)رَبَا يربو. އިތުރުވުމުގެ މާނައިގައި. މިމާނައިގައި ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ. وَمَا آتَيْتُمْ مِنْ رِبًا لِيَرْبُوَ فِيأَمْوَالِ النَّاسِ فَلا يَرْبُو عِنْدَ اللَّهِ ...) [1]
މާނައީ: އަދި މީސްތަކުންގެ މުދަލުން ރިބާގެގޮތުގައި އިތުރުވުމަށްޓަކައި ތިޔަބައިމީހުން ދިން އެއްޗެއް، ﷲ ގެ ޙަޟްރަތުގައި އިތުރުވެގެން ނުދާނެތެވެ.
2)رَبَى يُربى. خفى يخفي ގެ ވަޒަނުގައި. މާނައަކީ، އުފެދުމާއި ހެދިބޮޑުވުން.
3)رَبَّ يَرُبّ. مدّ يمدّ ގެ ވަޒަނުގައި. މާނައަކީ، އިޞްލާޙުކުރުން. [2]


ތަރުބިޔަތު ފަހުމްކުރުމުގައި އަސާސީ ނަތީޖާތަކެއް އަލްއުސްތާޛު ޢަބްދުއްރަޙްމާނު އަލްބާނީ ނެރުއްވާފައިވާކަމަށް ޢަބްދުއްރަޙްމާނު އައްނަޙަލާވީ ވިދާޅުވެފައިވެއެވެ. އެނަތީޖާތަކަކީ:
1)  ތަރުބިޔަތަކީ ޢަމަލީކަމެއް. އޭގައި، މަޤްޞަދުތަކަކާއި ލަނޑުދަނޑިތަކެއްވޭ.
2)  މުޠުލަޤުކޮށް [3]  ޙައްޤު މުރައްބީއަކީ [4]  ﷲ ތަޢާލާ.
3) ތަރުބިޔަތުގައި ތަދްރީޖީ ފިޔަވަޅުތަކެއް އޮންނަންޖެހޭ.
4)  މުރައްބީގެ ޢަމަލުވަނީ، ﷲ ތަޢާލާގެ އުފެއްދެވުމާއި އެކަލާނގެ އީޖާދަށް ތަބަޢަވެ އެއާ އެކުއެކީގައި. އެއީ، ﷲ ތަޢާލާގެ ޝަރީޢަތާއި އެކަލާނގެ ދީނަށް ތަބަޢަވާފަދައިންނެވެ. [5]


އެހެންވީމާ، ތަރުބިޔަތަކީ، ޒަމާނާއި ތަން ތަފާތުވުމުން ތަފާތުވެ ކުރިއަރަމުންދާ ޢަމަލީކަމެކޭ އަޅުގަނޑުމެންނަށް ބުނެވިދާނެއެވެ. [6]

އިސްލާމުގެ ތަޢުރީފު:
ބަހުގެގޮތުންނާއި ކީރިތި ޤުރުއާނުގައިވާގޮތުންވެސް އަލްއިސްލާމަކީ، ސަލާމަތްތެރިކަމާއި ޚުޟޫޢުވެރިވުމެވެ. [7]
އެހެންވީމާ، އިސްލާމްދީނަކީ، ﷲ ތަޢާލާ، އެއިން ޝަރީޢަތްތައް ޚަތިމުކުރެއްވި، ދިރިއުޅުމުގެ އެންމެހާ ކަންތައްތައް ޝާމިލުވާ ފުރިހަމަ ނިޒާމެއްގެގޮތުގައިލެއްވި އިލާހީ ނިޒާމެވެ. [8]

އިސްލާމީ ތަރުބިޔަތުގެ ތަޢުރީފު:
އިސްލާމީ ތަރުބިޔަތަކީ، އިސްލާމީ ޝަރީޢަތުގެ މައިގަނޑު މަޞްދަރުތަކުގެ އަލީގައި، ދީނީގޮތުންނާއި ދުނިޔަވީގޮތުން ފުރިހަމަ ތައްޔާރުކުރުމަކުން ޞާލިޙު އިންސާނަކު ތައްޔާރުކުރުމަށް އިސްކަންދޭ ޝާމިލު ތަރުބަވީ ނިޒާމެކެވެ. [9]

އިސްލާމީ ތަރުބިޔަތުގެ މަފްހޫމު:
އިސްލާމީ ތަރުބިޔަތުގެ މަފްހޫމުން [10]  ވާޟިޙުކޮށްދެނީ، އެއީ، ތަރުބިޔަތުގެ ޢިލްމުގެ އެއް ގޮފިކަމެވެ. އޭގައި، އޭގެ ޝަރުޢީ މަޞްދަރުތަކާއި މަޤްޞަދުތަކާއި ލަނޑުދަނޑިތައް ކަނޑައެޅިފައިވެއެވެ. އަދި އެޤާއިމުވެގެންވަނީ، މުސްތަޤިއްލު އަދި ފުރިހަމަ ތަރުބަވީ ނިޒާމެއްގެ މައްޗަށެވެ. އަދި ޒަމާނީ ފިޤުހަށް އޭގައި ވަރަށް ބޮޑަށް އިޢުތިމާދުވެއެވެ. އަދި ޝަރީޢަތުގެ ޢިލްމާއި ތަރުބިޔަތުގެ ޢިލްމުން ތަޚައްޞުޞުވެފައިވާ ފަރާތްތައް އެއްތަނަކަށް ޖަމާވެ، ތަފާތު ތަރުބަވީ މައްސަލަތަކަށް، ޒަމާނާއި ތަނާ އެއްގޮތްވާގޮތުގެ މަތިން އިސްލާމީ ޙައްލެއް ގެނައުމީ، އިސްލާމީ ތަރުބިޔަތުގައި ކޮންމެހެންވެސް އޮންނަންޖެހޭނޭ އެއްކަންތަކެވެ. [11]
(ނުނިމޭ)


[1]  سورة الروم: 39
[2]  انظر: أصول التربية الإسلامية وأساليبها للشيخ عبد الرحمن النحلاوي، ص 12 بتصرف
[3]  އެކީއެކައްޗަކަށް
[4]  ތަރުބިޔަތުކުރާ ފަރާތް
[5]  انظر: أصول التربية الإسلامية وأساليبها للشيخ عبد الرحمن النحلاوي، ص 14
[6]  انظر: التربية الإسلامية: المصطلح والمفهوم للأستاذ الدكتور صالح بن علي أبو عرَّاد، ص 28 بتصرف. نقلا من: مدخل إلى التربية الإسلامية للشيخ عبد الرحمن بن حجر الغامدي، ص 3
[7]  انظر: أصول التربية الإسلامية وأساليبها للشيخ عبد الرحمن النحلاوي، ص 17
[8]  انظر: أصول التربية الإسلامية وأساليبها للشيخ عبد الرحمن النحلاوي، ص 17 بتصرف
[9]  انظر: التربية الإسلامية: المصطلح والمفهوم للأستاذ الدكتور صالح بن علي أبو عرَّاد، ص 39
[10]  ނޯޓު: ތަޢުރީފާއި މަފްހޫމަކީ ތަފާތު ދެއެއްޗެކެވެ. މަފްހޫމުގައި އަންނަހުށީ، އޭގެ މައިގަނޑު މާނަ ނުވަތަ އޭގައިވާ އެއްޗެއް ވާޟިޙުކޮށްދޭ އޭގައިވާ ޞިފަތަކާއި އެއަށް މިލްކުވެގެންވާ ޚާއްޞަ ކަންތައްތަކެވެ. މީގެ މާނައަކީ، މަފްހޫމް އޮންނާނީ ފުޅާކޮށެވެ. އެހެންނަމަވެސް، ތަޢުރީފުގައިވާނީ، އެއެއްޗެއް ނުވަތަ އެކަމެއް ވަކިކުރެވޭ އޭގައިވާ ޚާއްޞަ ކަންތައްތައް ޛިކުރުކޮށްގެން، ކަވި ޙުދޫދެއްގެ ތެރެއަށް ލުމެވެ. މާނައަކީ، ތަޢުރީފު އޮންނާނީ ހަނިކޮށެވެ. انظر: التربية الإسلامية: المصطلح والمفهوم للأستاذ الدكتور صالح بن علي أبو عرَّاد، ص 29 بتصرف. نقلا من: المعجم الوجيز، ص 483 و 415.
[11]  انظر: التربية الإسلامية: المصطلح والمفهوم للأستاذ الدكتور صالح بن علي أبو عرَّاد، ص 35 بتصرف

 
 
 
 
މިވެބްސއިޓްގައިވާ ލިޔުންތައް އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވަންވާނީ ދާލަގެ ހުއްދަ ލިބިގެންނެވެ.
Copyright © 2011 Dhaala. All rights reserved.