header
ގުޅޭ ލިޔުންތައް
 ތަފްސީރު މަޢުޟޫޢީއަށް ތަޢާރުފެއް (3)
އިސްމާޢީލް ރިޔާޟް، ތ.ކަނޑޫދޫ
02 11 2011

ތަފްސީރު މައުޟޫޢީގެ ތާރީޚު
އެންމެ ފުރަތަމަ 'التفسير الموضوعي' މިއިޞްޠިލާޙު ފާޅުވެގެންދިޔައީ، ހިޖުރައިން 14 ވަނަ ޤަރުނުގެ ތެރޭގައެވެ. [1]  އޭގެ ކުރިން މިއިޞްޠިލާޙު ބޭނުންކުރެވިފައެއް ނުވެއެވެ. އެންމެ ފުރަތަމަ މާއްދާއެއްގެގޮތުގައި ތަފްސީރު މައުޟޫޢީ ކިޔަވައިދެއްވަން ފެއްޓެވީ، އަލްއަޒްހަރު ޔުނިވަރސިޓީގެ 'އުޞޫލުއްދީން' ފެކަލްޓީގައި، 1960 ގެ އަހަރުތަކުގައެވެ.


ޢަމަލީގޮތުން ތަފްސީރު މައުޟޫޢީ އުފެދި ފާޅުވި ޒަމާނަކާގުޅޭގޮތުން ޢިލްމުވެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ޚިލާފެއްވެއެވެ. ދިރާސާކުރައްވާ ބޭފުޅުން، ރަސޫލުﷲ (صلى الله عليه وسلم) ގެ ދުވަސްވަރު މިވައްތަރުގެ ތަފްސީރު އުފެދިފައިވާކަމަށް ދެކިލައްވާކަމުގައި ޑރ. ސުލައިމާން ބިން ޞާލިޙު އަލްޤަރްޢާވީ ވިދާޅުވެފައިވެއެވެ. [2]  އަދި ޑރ. އަޙްމަދުލްކޫމީ [3]  އާއި ޑރ. ޢަބްދުއްސައްތާރު ފަތުޙުﷲ [4]  އަދި ޑރ. މުޞްޠަފާ މުސްލިމް [5]  ފަދަ ގިނަ ބޭފުޅުންވެސް ވިދާޅުވަނީ، ރަސޫލުﷲ (صلى الله عليه وسلم) ގެ ދުވަސްވަރު، ތަފްސީރު މައުޟޫޢީގެ އަޞްލު އުފެދިފައިވާކަމަށެވެ. އަދި އިސްވެދިޔަ ޤަރުނުތަކުގައި، ތަފްސީރު މައުޟޫޢީގެ ދަށަށް ވަންނަކަމަށް ބެލެވިދާނޭ އެތަކެއް ފޮތްތަކެއްވެސް ލިޔެވިފައިވާކަމަށެވެ. އެގޮތުން، އިސްވެދިޔަ ޤަރުނުތަކުގައި ތަފްސީރު މައުޟޫޢީ އުފަންވެ ދޮންވެ ފައްކާވަމުންއައިއިރު އޮތީ، އަންނަނިވި ގޮތްތަކުގެ މަތީގައިކަމަށް މިރައުޔަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ.


- ކީރިތި ޤުރުއާނުން ކީރިތި ޤުރުއާން ތަފްސީރުކުރުމުގައި.
- ފިޤުހުގައި މައުޟޫޢީކޮށް ބަނެވުނު ބާބުތަކުގައި. އެބަހީ، ޠަހާރަތާއި ނަމާދުފަދަ ބާބުތަކުގެ ދަށަށް އެއާގުޅޭ އާޔަތްތައް ޖަމާކޮށް، މަވްޟޫޢީކޮށް މައްސަލަތައް ޙައްލުކޮށް، ޙުކުމްފުޅުތައް ބަޔާންކޮށްދެއްވުމުގައި.
- الأشباه والنظائر ގެ ފޮތްތަކުގައި. އެބަހީ، ކީރިތި ޤުރުއާނުގައި ތަކުރާރުވެފައިވާ ލަފްޒުތަކުގެ ތެރެއިން، އެލަފްޒެއް އޮންނަ ހިސާބުގެގޮތުން ތަފާތު ދަލާލަތެއް ލިއްބައިދޭ ލަފްޒުތަކަށް ނަޒަރުހިންގައިގެން ލިޔެވިފައިވާ ފޮތްތަކުގައި. އެގޮތުން، އަންނަނިވި ފޮތްތައް ފާހަގަކޮށްލެވެއެވެ.


1) މުޤާތިލް ބިން ސުލައިމާން (އަވަހާރަވީ 150ހ. ގައި) ލިޔުއްވި 'الأشباه والنظائر في القرآن الكريم'،
2) ޔަޙްޔާ ބިން ސައްލާމް (އަވަހާރަވީ 200ހ. ގައި) ލިޔުއްވި 'التصاريف'،
3) އައްޘަޢުލަބީ (އަވަހާރަވީ 429ހ. ގައި) ލިޔުއްވި 'الأشباه والنظائر'،
4) އައްދާމިޣާނީ (އަވަހާރަވީ 478ހ. ގައި) ލިޔުއްވި 'إصلاح الوجوه والنظائر'.
- ޢުލޫމުލްޤުރުއާންގެ ދަށުން ކުރެވުނު ދިރާސާތަކުގައި. އެގޮތުން، އަންނަނިވި ފޮތްތައް ފާހަގަކޮށްލެވެއެވެ.
1) އަލްމާވަރުދީ (އަވަހާރަވީ 450ހ. ގައި) ލިޔުއްވި 'أمثال القرآن'،
2) އަލްޢިއްޒު ބިން ޢަބްދުއްސަލާމު (އަވަހާރަވީ 660ހ. ގައި) ލިޔުއްވި 'مجاز القرآن'،
3) އިބްނުލްޤައްޔިމު (އަވަހާރަވީ 751ހ. ގައި) ލިޔުއްވި 'أقسام القرآن' އާއި 'أمثال القرآن'. [6]


އެހެންނަމަވެސް، ވަރަށް މަދު ޢަދަދެއްގެ ޢިލްމުވެރިން މިކަމަށް އިންކާރުކުރައްވައެވެ. އަދި މިބޭފުޅުން ވިދާޅުވަނީ، ކުރީޒަމާނުގައި ތަފްސީރު މައުޟޫޢީގެ އަޞްލު އުފެދިފައިނުވާކަމަށެވެ. ތަފްސީރު މައުޟޫޢީ އުފެދިފައިވާކަމަށް ވިދާޅުވެ، ޚަޞްމުން ގެންނަވާފައިވާ މިޘާލުތަކަކީ، ތަފްސީރު މައުޟޫޢީގެ މިޘާލުތަކެއް ނޫންކަމަށެވެ. އަދި ހަމައެހެންމެ، ތަފްސީރު މައުޟޫޢީގެ ދަށަށް ވަންނަ އެއްވެސް ފޮތެއް ކުރީޒަމާނުގައި ލިޔެވިފައިވެސް ނުވާކަމަށެވެ. ކޮންމެއަކަސް، އެންމެ ރަނގަޅު ރައުޔުކަމަށް އަޅުގަނޑަށް ބުރަވެވެނީ، ފުރަތަމަ ރައުޔެވެ. އެބަހީ، ކުރީ ޒަމާނުގައި ތަފްސީރު މައުޟޫޢީގެ އަޞްލު އުފެދިފައިވާކަމަށް އޮންނަ ރައުޔެވެ. އެހެންނަމަވެސް، ހަމަމިއާއެކު، ކުރީޒަމާނުގައި، ތަފްސީރު މައުޟޫޢީގެގޮތުގައި މިހާރު ނިސްބަތްކުރެވޭ ކަހަލަގެ ފޮތެއް ލިޔެވިފައި ނުވާކަމަށެވެ. އެހެންކަމުން، ތަފްސީރު މައުޟޫޢީ އުފެދިފައިވަނީ، އެޒަމާނުގައި އުފެދިފައިއޮތް 'ކީރިތި ޤުރުއާނުން ކީރިތި ޤުރުއާން ތަފްސީރުކުރުން' ނުވަތަ 'އަޘަރުތަކުން ކީރިތި ޤުރުއާން ތަފްސީރުކުރުން' ތަރައްޤީވެގެންކަމުގައި ބުނެވިދާނެތެވެ. އަދި ހަމައެހެންމެ، ކުރީޒަމާނުގައި ލިޔެވިފައިހުރި ބައެއް ފޮތްތަކަކީ، ތަފްސީރު މައުޟޫޢީގެ ޢާއްމު ވައްތަރުގެ [7]  ދަށަށް ވަންނަ ފޮތްތަކެއްކަމުގައިވެސް ބުނެވިދާނެތެވެ. والله أعلم.


ކޮންމެއަކަސް، މަތީގައިވެސް ބަޔާންކުރެވިފައިވާނޭފަދައިން، އެންމެ ފުރަތަމަ މާއްދާއެއްގެގޮތުގައި 'ތަފްސީރު މައުޟޫޢީ' ކިޔަވައިދެއްވަން ފެއްޓުނީ، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގައެވެ. އޭގެ ފަހުން، ދުނިޔޭގެ އެތަންމިތާނގައިވާ މަޝްހޫރު ޔުނިވަރސިޓީތަކުގައި މިޢިލްމު ނުވަތަ މަންހަޖު މާއްދާއެއްގެގޮތުގައި ކިޔަވައިދެއްވަން ފެއްޓުނެވެ. ބައެއް ޔުނިވަރސިޓީތަކުގައި މިމާއްދާ ކިޔަވައިދެއްވަން ފެއްޓުނު ފަހުން އެތަކެއް އަހަރެއްވީއިރުވެސް، ދަރިވަރުންނަށް ތަފްސީރު މައުޟޫޢީއާގުޅޭގޮތުން އެކަށީގެންވާ ވަރަށް މަޢުލޫމާތު ފޯރުކޮށްދެވިފައެއް ނުވެއެވެ. އެހެނެއްކަމަކު، އެޔުނިވަރސިޓީތަކުގެ ކޮންމެ ޕްރޮފެސަރަކުވެސް ނުވަތަ ކޮންމެ ލެކްޗަރަރއަކުވެސް ކުރިޔަށް ވަޑައިގެންނެވީ ވަކި މައުޟޫޢުތަކެއް މައުޟޫޢީކޮށް ތަފްސީރުކުރުމާއިގެންނެވެ. [8]  އަޅުގަނޑުމެންގެ މިދީބުގައިވެސް ކަންތައްދިމާވީ ހަމަ އެފަދަ ގޮތަކަށެވެ. އަޅުގަނޑުވެސް ފުރަތަމަ ކިޔަވަމުންދިޔަ ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ (ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް) ގައި 'ތަފްސީރު މަވްޟޫޢީ' ކިޔަވައިދެއްވަން ފެއްޓުނުތާ ދެތިން ހަތަރު އަހަރެއްވެފައިވާއިރުވެސް، ކިޔަވައިދެއްވި މުދައްރިސުންގެ ފަރާތްޕުޅުން ތަފްސީރު މައުޟޫޢީއާގުޅޭގޮތުން ދަރިވަރުންނަށް އެކަށީގެންވާ ވަރަށް މަޢުލޫމާތު ފޯރުކޮށްދެވިފައިނުވާކަން ހިތާމަޔާއެކު ފާހަގަކޮށްލަންޖެހެއެވެ. އެހެންނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑުމެންގެ ޤައުމުގެ ނިސްބަތުން މިއީ މާބޮޑު މައްސަލައެއް ނޫނެވެ. މާބޮޑަށް ޙައިރާންވާންޖެހޭވަރުގެ ކަމެއްވެސް ނުމެނޫންމެއެވެ.  ޙައިރާންވާންޖެހެނީ، މިފަދަ މާއްދާއެއް ކިޔަވައިދެއްވަން ފެށި، މިހާގިނަދުވަސް ފާއިތުވެދިޔައިރުވެސް، ތަފްސީރު މައުޟޫޢީއާގުޅޭގޮތުން ތަފްޞީލުކޮށް ލިޔެވިފައިވާ ޢަރަބި ފޮތެއްހާވަރުވެސް (އިސްލާމްދީނާ ސީދާ ގުޅުން ހުރި ފޮތްތައް ހުންނަ) އެއްވެސް ލައިބްރަރީއަކުން ލިބެން ނެތުމުންނެވެ! ޙަޤީޤަތުގައި މިއީ 'ތަފްސީރު މައުޟޫޢީ' އާމެދު ވެވިފައިވާ ވަރަށް ބޮޑު އިހުމާލެކެވެ. ފަހަރުގައި، މިވައްތަރުގެ ތަފްސީރުގެ ބޭނުންތެރިކަމާއި، މުހިއްމުކަމާއި އަދި މަޝްހޫރުކަން އަޅުގަނޑުމެންނަށް އިޙްސާސް ނުކުރެވެނީކަމުގައިވެދާނެއެވެ.


ދެން ފަހެ، މިވޭތުވެދިޔަ ބައި ޤަރުނެއްހާ މުއްދަތުގެ ތެރޭގައި، ތަފްސީރު މައުޟޫޢީ ވަރަށް ބޮޑަށް ކުރިއަރައިގެންގޮސްފައިވެއެވެ. ތަފްސީރުގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ބައެއް ފަރާތްތަކުން މިދުވަސްވަރު ޞިފަކުރަނީ، 'ތަފްސީރު މައުޟޫޢީގެ ޒަމާނު' ގެ ގޮތުގައެވެ. ސަބަބެއްނެތިއެއް ނޫނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފަހަކަށް އައިސް ދުނިޔޭގެ އެތަންމިތާނގައިވާ މަޝްހޫރު އިސްލާމީ ޔުނިވަރސިޓީތަކުގެ ތެރެއިން ތަފްސީރު މައުޟޫޢީ ކިޔަވައިދޭ ޔުނިވަރސިޓީތަކުގައި، ކީރިތި ޤުރުއާނުގެ ޢިލްމުތަކާއި ތަފްސީރުގެ ދަށުން އެންމެ ގިނައިން މާސްޓާރޒްއާއި ޑޮކްޓޯރަލް ޑިގްރީގައި ޢިލްމީ ރިސާލަތްތައް (Thesis  ނުވަތަ Dissertation ) ލިޔެވެމުންދާ އެއް ދާއިރާއަކީ، ތަފްސީރު މައުޟޫޢީއެވެ. ހަމައެކަނި މިޞްރާއި ސުޢޫދީގައެއް ނޫނެވެ. އަދި ކިޔެއްތަ! އުރުދުންފަދަ ޤައުމުތަކުގައިވެސްމެއެވެ. އެގޮތުން، މިޘާލަކަށް، ނިސްބަތުން، އުރުދުންގެ އާލުބައިތު ޔުނިވަރސިޓީގައި ތަފްސީރު މަވްޟޫޢީ ކިޔަވައިދޭ ފެކަލްޓީގެ ޢިލްމީ ރިސާލާތަކުގެ ދެބައިކުޅަ އެއްބައި ހިއްސާކުރަނީ ތަފްސީރު މައުޟޫޢީއެވެ. [9]  އަދި އުރުދުން ޔުނިވަރސިޓީގައި މިނިސްބަތް 20 އިންސައްތައިގައިއުޅޭއިރު، ޔަރުމޫކް ޔުނިވަރސިޓީގައި މިނިސްބަތްއުޅެނީ، 19 އިންސައްތައިގައެވެ. [10]  ޙަޤީޤަތުގައި މިއީ، މިޒަމާނުގައި ތަފްސީރުގެ މިވައްތަރަށް ދެވޭ އަހައްމިއްޔަތުކަމުގެ އަލިގަދަ ހެއްކެކެވެ.


ޢަރަބިކަރައިގެ ޔުނިވަރސިޓީތަކުގެ ނިސްބަތުން، އެންމެ ފުރަތަމަ ތަފްސީރު މައުޟޫޢީއާގުޅޭގޮތުން ލިޔެވުނު ޢިލްމީ ރިސާލާއަކީ، 'الوحدةالموضوعية في القرآن الكريم' ގެ ނަމުގައި، އަލްއަޒްހަރު ޔުނިވާރސިޓީގެ އުޞޫލުއްދީން ފެކަލްޓީއަށް، 1967 ގައި މުޙައްމަދު މަޙްމޫދު ޙިޖާޒީ ހުށައެޅުއްވި ޑޮކްޓޯރަލް ތީސިސްއެވެ. ހުޅަނގުގެ ޔުނިވަރސިޓީތަކާމެދު (ދަންނައެވެ!)، ކީރިތި ޤުރުއާނުގައިވާ ބައެއް މައުޟޫޢުތަކާގުޅޭގޮތުން، ޢަރަބިކަރައިގެ ޔުނިވަރސިޓީތަކަށްވުރެ ކުރިން، އެޔުނިވަރސިޓީތަކުގައި މުސްތަޝްރިޤުން ލިޔެފައިވެއެވެ. [11]


މީގެ އިތުރަށް، 2010 ވަނަ އަހަރުގެ އޭޕްރީލުމަހު 25 ން 26 ށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (އެކުވެރި އަރަބި ޢިމާރާތު) ގެ ޝާރިޤާ ޔުނިވާރސިޓީގައި، 'مُؤْتَمِرُ التَّفْسِيْرُ المَوْضُوعِي لِلْقُرْآنِ الكَرِيْمِ: وَاقِعٌ وَآفَاقٌ' ގެ ނަމުގައި ތަފްސީރު މައުޟޫޢީއާގުޅޭގޮތުން ބޮޑު ކޮންފަރެންސެއް ބޭއްވުނުކަންވެސް އަޅުގަނޑުމެން ފާހަގަކޮށްލަން އެބަ ޖެހެއެވެ. އެކޮންފަރެންސްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި، ތަފްސީރު މައުޟޫޢީ ދާއިރާގެ ތަޖުރިބާކާރު ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެކިއެކި ބޭބޭފުޅުން ތަފްސީރު މައުޟޫޢީއާގުޅޭގޮތުން އެކިއެކި ޢިލްމީ ބަޙުޘްތައް (އެބަހީ: ޕޭޕަރުތައް) ހުށައެޅުއްވިއެވެ. އެކޮންފަރެންސުން، ތަފްސީރު މައުޟޫޢީއާގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތުތައް ލިބިގެންދިޔައެވެ. އަދި އެކޮންފަރެންސް ބެލެވިފައިވަނީ، ތަފްސީރު މައުޟޫޢީގެ ދާއިރާއަށް އިތުރުވި ބޮޅެއްގެގޮތުގައެވެ.


ތަފްސީރު މައުޟޫޢީއާގުޅޭގޮތުން ތަފްޞީލުކޮށް ލިޔެވިފައިވާ މަޝްހޫރު މަރުޖިޢުތަކުގެ ތެރޭގައި އަންނަނިވި ފޮތްތައް ހިމެނެއެވެ.
1)  التفسير الموضوعي للقرآن الكريم للأستاذ الدكتور أحمد الكومي والدكتورمحمد القاسم،
2)   البداية في التفسير الموضوعي للدكتور عبد الحيّ الفرماوي،
3)   المدخل إلى التفسير الموضوعي للأستاذ الدكتور عبد الستار فتح الله سعيد،
4)   مباحث في التفسير الموضوعي للأستاذ الدكتور مصطفى مسلم،
5)   دراسات في التفسير الموضوعي للأستاذ الدكتور زاهر الألمعي،
6)   التفسير الموضوعي بين النظرية والتطبيق للدكتور صلاح الخالدي،
7)   التفسير الموضوعي للقرآن في كفتي الميزان للدكتور عبد الجليل عبد الرحيم،
8)   دراسات في التفسير الموضوعي للدكتور أحمد العمري،
9)   دراسات في التفسير الموضوعي للدكتور سليمان بن صالح القرعاوي،
10)  المدرسة القرآنية لمحمد باقر الصدر،
11)  منهج التفسير الموضوعي للقرآن الكريم دراسة نقدية للدكتور سامر عبدالرحمن شواني،
12)  الفتوحات الربانية في التفسير الموضوعي للدكتور الحسيني أبو فرحة، [12]
13)  التفسير الموضوعي ومنهجية البحث فيه للدكتور زياد الدغامين،
14)  التفسير الموضوعي التأصيل والتمثيل للأستاذ الدكتور زيد عمر العيص،
15)  التفسير الموضوعي نظرية وتطبيقا للأستاذ أحمد رحماني،
16)  التفسير الموضوعي للأستاذ عبد الحميد غانم.


މިފޮތްތަކުގެ ތެރެއިންވެސް، ޢާއްމުގޮތެއްގައި، މުޤައްރަރުތަކުގައި، އެންމެ މުހިއްމުކަމަށް ކަނޑައަޅުއްވާފައިވާތަން ފެންނަނީ، ޑރ. ޢަބްދުއްސައްތާރު ފަތުޙުﷲގެ ފޮތާއި، ޑރ. މުޞްޠަފާ މުސްލިމުގެ ފޮތާއި، ޑރ. ޒާހިރު އަލްއަލްމަޢީގެ ފޮތާއި އަދި ޑރ. ޞަލާޙު އަލްޚާލިދީގެ ފޮތެވެ. އަދި މިހާތަނަށް، ދިވެހިރާއްޖޭގެ ލައިބްރަރީއެއްގައި، މަތީގައި މިޛިކުރުކުރެވުނު ފޮތްތަކުގެ ތެރެއިން އެއްވެސް ފޮތެއް އޮތްކަމެއް އެނގިފައެއް ނެތެވެ!
(ނުނިމޭ)


[1]  مباحث في التفسير الموضوعي للأستاذ الدكتور مصطفى مسلم، ص 17
[2]  انظر: التفسير الموضوعي في المرحلة الجامعية دراسة ونقد للأساذ الدكتور سليمان بن صالح القرعاوي، ص 7
[3]  التفسير الموضوعي للقرآن الكريم للأستاذ الدكتور الكومي والدكتور محمد القاسم، ص 20
[4]  المدخل إلى التفسير الموضوعي للأستاذ الدكتور عبد الستار فتح الله سعيد، ص 28
[5]  مباحث في التفسير الموضوعي للأستاذ الدكتور مصطفى مسلم، ص 17
[6]  www.iiit.org.ma/abhat_files/bihirdi.doc  بتصرف
[7]  ތަފްސީރު މައުޟޫޢީގެ ޢާއްމު ވައްތަރަކީ ކޮބައިކަން، ތަފްސީރު މައުޟޫޢީގެ ވައްތަރުތަކުގެ ތެރޭގައި
 ކުރިޔަށްއޮތް ތާނގައި ޛިކުރުކުރެވޭނެތެވެ.
[8]  ސުޢޫދީގެ جامعة الإمام محمد بن سعود الإسلامية ގައިވެސް މިފަދައިން ކަންތައް ހިނގިއެވެ. 
انظر: المدخل إلى التفسير الموضوعي للأستاذ الدكتور عبد الستار فتح الله سعيد، ص6-7
[9]  انظر: منهجية التفسير الموضوعي في معالجة القضايا المستجدة – الجامعات الأردنية نموذجا –
 للدكتور عبد الله محمد الجيوسي، ملحقات البحث، ملحق (5)، ص 6
[10]  انظر: منهجية التفسير الموضوعي في معالجة القضايا المستجدة – الجامعات الأردنية نموذجا –
 للدكتور عبد الله محمد الجيوسي، ملحقات البحث، ملحق (5)، ص 7
[11]  انظر: التفسير الموضوعي في الرسائل العلمية دراسة ونقد للدكتو ناصر بن محمد المنيع، ص 7. 
ޙަޤީޤަތުގައި މުސްތަޝްރިޤުން މިފަދަ ދިރާސާތައް ކުރަނީ، އިސްލާމްދީނުގެ ޢިލްމު އެކިއެކި ފަރާތްތަކަށް ފޯރުކޮށްދީ،
 އިސްލާމްދީނުގެ މަތިވެރިކަމާއި މާތްކަން ހާމަކޮށްދިނުމުގެ ބޭނުމެއްގައެއް ނޫނެވެ. އަދި ކިޔެއްތަ! އިސްލާމްދީނާ
 ދެކޮޅަށް އެބައިމީހުންގެ ފައްޅިތަކުން ކުރަމުންގެންދާ މަސައްކަތްތަކުގައި ވާގިވެރިވެ އެހީތެރިވުމުގެގޮތުންނެވެ.
 އެހެންގޮތަކަށް ދަންނަވަނީނަމަ، އެންމެ ފަސޭހައިން 'ތަންދޮރުނުދަންނަ' މުސްލިމުންގެ 'ބޯ ކައިލެވޭނީ' އިސްލާމްދީން
 ރަނގަޅަށް ކިޔަވައިގެން، ދިރާސާތައްކޮށްގެންކަމުގައި ޤަބޫލުކުރެވޭތީއެވެ.
[12]  انظر: دور التفسير الموضوعي ومنهجه في معالجة المشكلات المعاصرة للأستاذ لدكتور
 محمد عبد الرحمن المرعشلي، ص 10

 
 
 
 
މިވެބްސއިޓްގައިވާ ލިޔުންތައް އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވަންވާނީ ދާލަގެ ހުއްދަ ލިބިގެންނެވެ.
Copyright © 2011 Dhaala. All rights reserved.