header
ގުޅޭ ލިޔުންތައް
 ތަފްސީރު މަޢުޟޫޢީއަށް ތަޢާރުފެއް (2)
އިސްމާޢީލް ރިޔާޟް، ތ.ކަނޑޫދޫ
02 11 2011

ތަފްސީރު މައުޟޫޢީއަކީ ޢިލްމެއްތަ؟ ނޫނީ اِتِّجَاهُ އެއްތަ؟ ނޫނީ މަންހަޖެއްތަ؟


ތަފްސީރު މައުޟޫޢީގެ ތަޢުރީފު ޢިލްމުވެރިން ދެއްވާފައިވާއިރު، އެއްބައި ބޭފުޅުން އެއީ ޢިލްމެއްކަމުގައި ވިދާޅުވެފައި ހުރެތެވެ. އަދި އަނެއްބައި ބޭފުޅުން އެއީاِتِّجَاهُ އެއްކަމުގައި ވިދާޅުވެފައި ހުރެތެވެ. އަދި ހަމައެހެންމެ، އަނެއްބައި ބޭފުޅުން އެއީ މަންހަޖެއްކަމުގައި ވިދާޅުވެފައި ހުރެތެވެ. މިކަމުގެ ޙަޤީޤަތަށް މިތާނގައި ނަޒަރުހިންގައިލެވޭތޯ ބަލާނަމެވެ.


ޢިލްމަކީ، ކަމެއް އޭގެ ޙަޤީޤަތާއެކު ދެނެގަތުމެވެ. އަދި ޢިލްމުގެ نَظَرِي ބަޔަކާއި ޢަމަލީ ބަޔެއް ވެއެވެ. نَظَرِي ބައި ޢަމަލުނުކޮށްވެސް ފުރިހަމަކުރެވިދާނެއެވެ. އެހެންނަމަވެސް، ޢަމަލީ ބައި ފުރިހަމަކުރެވޭނީ، ޢަމަލުން އެކަން ކޮށްގެންނެވެ. [1]


اِتِّجَاهُ އަކީ، ކަމަކަށް ޤަޞްދުކުރުން ނުވަތަ ކުރިމަތިލުމެވެ. [2]
މަންހަޖަކީ، ގޮތް ނުވަތަ މަގެވެ. [3]


ތަފްސީރު މައުޟޫޢީގެ މަރުޙަލާތަކުގައި މިހުރިހާ މާނައެއްވެސް ޝާމިލުވެގެންވެއެވެ. އެގޮތުން:
-  ފުރަތަމަ މަރުޙަލާ: ތަފްސީރު މައުޟޫޢީގެ ޢިލްމު ދެނެގަނެވި، ތަފްސީރުގެ އެހެނިހެން ވައްތަރުތަކާ ތަފާތުކުރެވުނު މަރުޙަލާ.
-  ދެވަނަ މަރުޙަލާ: ބަޙުޘްކުރުމާއި މުހިއްމުކަމުގެގޮތުން، ތަފްސީރު މަވްޟޫޢީގައި اِتِّجَاهُ އާއި ޤަޞްދު އުފެދުނު މަރުޙަލާ.
- ތިންވަނަ މަރުޙަލާ: މަންހަޖާއި، އެބިނާކުރެވި ބަޔާންކުރެވުނު ނަހްޖަށް (އެބަހީ: ގޮތަށް) ޢަމަލުކުރުމުގެ މަރުޙަލާ. [4]


ޢިލްމުތައް ތަރައްޤީވުމުގެ ޠަބީޢަތު ނިޔާކުރާގޮތުން، ކޮންމެ ޢިލްމެއްވެސް އިސްވެދިޔަ މަރުޙަލާތައް ކަނޑައްތުކުރާނެތެވެ. އެގޮތުން، ޢިލްމުގެ މަރުޙަލާގައި، ތަޢާރަފުވެ، ތަޢުރީފު އެނގިގެންދާނެއެވެ. އަދި اِتِّجَاهُ ގެ މަރުޙަލާގައި، އެޢިލްމެއް ވަކި ދިމާލަކަށް ނުވަތަ ވަކި ކަމަކަށް ކުރިމަތިލާނެއެވެ. އަދި ހަމައެހެންމެ، މަންހަޖުގެ މަރުޙަލާގައި، ވަކި ގޮތެއްގެ މަތީގައި ބައްޓަންވެގެން، ތަންފީޒުކުރާނެއެވެ.
މީގެ މިޘާލު އަޅުކަންތަކުންވެސް ލިބިގަނެވިދާނެއެވެ. މިޘާލެއްގެގޮތުން، އަޅުކަންތަކުގެ ތެރެއިން ނަމާދު ނަގަމާތޯއެވެ. މީސްތަކުންނަށް، ނަމާދުކުރަންޖެހޭކަމުގެ ޢިލްމު އުނގަންނައިދިނުމަކީ ޢިލްމުގެ މަރުޙަލާއެވެ. ޤިބްލައާ ދިމާލަށް ކުރިމަތިކުރުމަކީ اِتِّجَاهُ ގެ މަރުޙަލާއެވެ. ރުކޫޢުކޮށް ސުޖޫދުކޮށް ޚުޝޫޢަތްތެރިކަން ފުރިހަމަކުރުމަކީ (އެބަހީ: ނަމާދު ކުރަންވީގޮތަކީ) މަންހަޖުގެ މަރުޙަލާއެވެ. [5]

ތަފްސީރު މައުޟޫޢީއާ ތަފްސީރުގެ އެހެނިހެން ވައްތަރުތަކާހުރި ތަފާތު:
ތަފްސީރު މައުޟޫޢީ ރަނގަޅަށް ވަކިކޮށް ދެނެގަތުމަށްޓަކައި، ތަފްސީރުގެ އެހެނިހެން ވައްތަރުތަކާ ތަފްސީރު މައުޟޫޢީއާހުރި ތަފާތު ދެނެގަތުމީ ކޮންމެހެންވެސް ކުރަންޖެހޭނޭކަމެކެވެ. އެގޮތުން މިތާނގައި މިޛިކުރުކޮށްލަނީ، ތަފްސީރުގެ ވައްތަރުތަކުގެ ތެރެއިން، ތަފްސީރު ތަޙްލީލީއާއި، ތަފްސީރު އިޖްމާލީއާއި، ތަފްސީރު މުޤާރިންއާއި އަދި ތަފްސީރު ޢިލްމީއަކީ ކޮބައިކަމާއި އެވައްތަރުތަކާ ތަފްސީރު މައުޟޫޢީއާހުރި ތަފާތެވެ. [6]

ތަފްސީރު ތަޙްލީލީ:
ތަފްސީރު ތަޙްލީލީއަކީ، އޭގައި ތަފްސީރު ޢިލްމުވެރިޔާ މުޞްޙަފުގެ ތަރުތީބަށް ތަބަޢަވެ، مَوْضِعِي ގޮތެއްގައި (އެބަހީ: ވަކި ތަނަށް ބެލިގެން) ވަކި އާޔަތްތަކެއް ނުވަތަ ސޫރަތެއް ނުވަތަ މުޅި ކީރިތި ޤުރުއާން ޝަރަޙަކޮށް، ކޮންމެ އާޔަތަކާގުޅޭގޮތުން، އޭގެ مُنَاسَبَاتُ އާއި، ބާވައިލެއްވުނު ސަބަބާއި، ވަކިވަކި ލަފްޒުތަކާއި އަދި މިފަދަ އެންމެހާ ކަމެއް ބަޔާންކުރާ ވައްތަރެވެ. [7]  މިޘާލަކަށް، تفسير الفخر الرازي އާއި تفسيرالآلوسي އެވެ. [8]


ތަފްސީރު ތަޙްލީލީއާ ތަފްސީރު މައުޟޫޢީއާހުރި ތަފާތަކީ، ތަފްސީރު ތަޙްލީލީގައި އަބަދުވެސް މަސައްކަތްކުރާނީ، ތަފްސީރުކުރަން ބޭނުންވާ އާޔަތް ތަފްސީރުކުރެވޭތޯއެވެ. މިގޮތުން، އެއާޔަތް ތަފްސީރުކުރުމުގެ ތެރޭގައި ބައެއް ފަހަރު އެހެން އާޔަތްތަކެއްގެ ބޭނުން ހިފިކަމުގައިވިޔަސް، އެއާޔަތުގައިވާ މައުޟޫޢުގެ ދަށުން އަންނަ ހުރިހާ އާޔަތަކާގުޅޭގޮތުން އެއާޔަތް ތަފްސީރުކުރަމުން ވާހަކައެއް ނުދައްކާނެއެވެ.

ތަފްސީރު އިޖްމާލީ:
ތަފްސީރު އިޖްމާލީއަކީ، އޭގައި ތަފްސީރު ޢިލްމުވެރިޔާ، ތަފްސީރުކުރާ އާޔަތެއްގެ ނުވަތަ އާޔަތްތަކެއްގެ ޚުލާޞާ މާނަ ބަޔާންކޮށް، އޭގެ (އެބަހީ: އާޔަތުގެ ނުވަތަ އާޔަތްތަކުގެ) މަޤްޞަދުތައް ފާޅުކޮށް، އޭގައިވާ ކަވި ލަފްޒުތަކާއި އެބާވައިލެއްވުނު ސަބަބު ޝަރަޙަކުރާ ވައްތަރެވެ. ދިގު ތަފްޞީލަކަށް ދިޔުމެއްނެތި އޭގެ ޢާއްމު މާނައެއް ލިބިގަތުމަށްދާންދެނެވެ. [9]  މިޘާލަކަށް، تفسير الجلالين އާއި تفسير محمد فريد وجدي އެވެ. [10]
ތަފްސީރު އިޖްމާލީއާ ތަފްސީރު މައުޟޫޢީއާހުރި ތަފާތަކީ، ތަފްސީރު އިޖްމާލީގައި އަބަދުވެސް މަސައްކަތްކުރާނީ، ޖުމްލަގޮތެއްގައި ޚުލާޞާކޮށް އެވާހަކަދައްކާ އާޔަތެއްގެ ތަފްސީރު ހާމަކުރުމަށެވެ. އިތުރު ތަފްޞީލުތަކަކަށް ނުދާނެއެވެ.

ތަފްސީރު މުޤާރިން:
ތަފްސީރު މުޤާރިންއަކީ، އޭގައި ތަފްސީރު ޢިލްމުވެރިޔާ، ކީރިތި ޤުރުއާނުގެ އާޔަތަކަށް ނުވަތަ ވަކި އާޔަތްތަކަކަށް ތަބަޢަވާ ވައްތަރެވެ. އެއީ، އެއާގުޅޭގޮތުންވާ ތަފްސީރު ޢިލްމުވެރިންގެ ރައުޔުތައް ދެނެގަނެ، އެބޭކަލުންގެ ބަސްފުޅުތައް މުޤާރަނާކޮށް (އެބަހީ: އަޅާކިޔައި)، ތަފްސީރު ޢިލްމުވެރިންގެ ވާހަކަފުޅުތަކުންކަމުގައިވިޔަސް ނުވަތަ އާޔަތުގެ މާނައިންކަމުގައިވިޔަސް އެމުޤާރަނާގެ ނަތީޖާ ޚަލާޞްކުރުމަށެވެ. [11]  މިޘާލަކަށް، تفسير البيضاويއެވެ. [12]


ތަފްސީރު މުޤާރިންއާ ތަފްސީރު މައުޟޫޢީއާހުރި ތަފާތަކީ، ތަފްސީރު މުޤާރިންގައި އަބަދުވެސް މަސައްކަތްކުރާނީ، އެއާޔަތަކާގުޅޭގޮތުންވާ ތަފާތު ރައުޔުތައް ޖަމާކުރުމަށެވެ. އެއަށްފަހު، އެތަނުން އެންމެ ރާޖިޙު ރައުޔަކީ ކޮބައިކަން ދެނެގަތުމަށެވެ. ނުވަތަ މީގެ އިތުރަށް، އެއާޔަތެއްގައިވާ ޙުކުމްފުޅާ ސަމާވީ ފޮތްތަކުގައިވާ ޙުކުމްފުޅުތަކާ އަޅާކިޔުއްވުމަށެވެ. އެއާޔަތެއްގެ މައުޟޫޢުއާގުޅޭ ހުރިހާ އާޔަތްތަކެއް ޖަމާކުރުމަށްފަހު، ކީރިތި ޤުރުއާނުގެ އަލީގައި އެމަވްޟޫޢުއެއް ޝަރަޙަކުރުމާއިގެން ކުރިޔަކަށް ނުދާނެއެވެ.

ތަފްސީރު ޢިލްމީ ނުވަތަ ސައިންޓިފިކް ތަފްސީރު:
ތަފްސީރު ޢިލްމީއަކީ، އޭގައި ތަފްސީރު ޢިލްމުވެރިޔާ، ސައިންސުން ޘާބިތުވެފައިވާ ކަންކަމުގެ އަލީގައި، ކީރިތި ޤުރުއާނުގެ ޢިބާރާތްތައް ފަހުމްކުރުމަށް އަދި ކީރިތި ޤުރުއާނުގެ އިޢުޖާޒުގެ ސިއްރުތަކުގެ ތެރެއިން ސިއްރެއް ކަޝްފުކުރުމަށް މަސައްކަތްކުރާ (ވައްތަރުގެ) ތަފްސީރެވެ. [13]


ތަފްސީރު ޢިލްމީއާ ތަފްސީރު މައުޟޫޢީއާހުރި ތަފާތަކީ، ތަފްސީރު ޢިލްމީގައި އަބަދުވެސް ވާހަކަދައްކާނީ ސައިންސާ ގުޅުންހުރި އާޔަތްތަކާގުޅޭގޮތުންނެވެ. ސައިންސާ ގުޅުމެއްނެތް އާޔަތްތަކާމެދު ވާހަކައެއް ނުދައްކާނެއެވެ. ސައިންސާ ގުޅުންހުރި އާޔަތްތައް މައުޟޫޢީކޮށް ތަފްސީރުކުރާކަމުގައިވަނީނަމަ، އެއީ ތަފްސީރު މައުޟޫޢީއެއްތޯ ނުވަތަ ތަފްސީރު ޢިލްމީއެއްތޯ ކަނޑައެޅުމުގައި ކޮންމެވެސް ވަރެއްގެ ދަތި އުނދަގޫކަމެއް ކުރިމަތިވާނެއެވެ. އެހެނީ، މަންހަޖުގެގޮތުން ބަލާއިރު، ތަފްސީރު ޢިލްމީ ވަންނަނީ ތަފްސީރު މައުޟޫޢީގެ ދަށަށެވެ. މާނައަކީ، ތަފްސީރު މައުޟޫޢީއާއި ތަފްސީރު ޢިލްމީގައިވެސް މުޅި ކީރިތި ޤުރުއާނަށް ނަޒަރުހިންގާނެއެވެ. ކޮންމެއަކަސް، ހަމައެކަނި ކީރިތި ޤުރުއާނުގެ އާޔަތްތަކުން އެއްވެސް ޝައްކެއްނެތި ޘާބިތުވާ މިންވަރަށް ބެލިގެން ސައިންސާގުޅުންހުރި އާޔަތްތައް ތަފްސީރުކުރާކަމުގައިވާނަމަ، އެއީ، ތަފްސީރު މައުޟޫޢީކަމުގައިވެސް އަދި އެއީ ތަފްސީރު ޢިލްމީކަމުގައިވެސް ބެލެވިދާނެއެވެ. މިއާޚިލާފަށް، ސައިންސާ ގުޅުންހުރި އާޔަތްތައް ތަފްސީރުކުރުމުގައި، ކީރިތި ޤުރުއާނުން ސީދާ އެނގެންއޮތް މިންވަރަށްވުރެ އިތުރަށް ވާހަކަތައް ގެންގޮސްފައިވާނަމަ، އެއީ، ތަފްސީރު މައުޟޫޢީއެއްކަމުގައިއެއް ނުބެލެވޭނެތެވެ. އެބެލެވޭނީ، ހަމައެކަނި ތަފްސީރު ޢިލްމީއެއްކަމުގައެވެ. [14]  والله أعلم.
(ނުނިމޭ)


[1]  وقفات مع مناهج التفسير الموضوعي نقد وتأصيل للدكتور توفيق علي، ص 5 بتصرف، نقلا من: المفردات ص 343
[2]  وقفات مع مناهج التفسير الموضوعي نقد وتأصيل للدكتور توفيق علي، ص 5. نقلا من: لسان العرب 13/555
[3]  وقفات مع مناهج التفسير الموضوعي نقد وتأصيل للدكتور توفيق علي، ص 5. نقلا من: لسان العرب 2/383
[4]  وقفات مع مناهج التفسير الموضوعي نقد وتأصيل للدكتور توفيق علي، ص 5
[5]  وقفات مع مناهج التفسير الموضوعي نقد وتأصيل للدكتور توفيق علي، ص 6 بتصرف
[6]  ތަފްސީރުގެ ވައްތަރުތައް މައިގަނޑު ދެބަޔަކަށް ބަހައިލެވިދާނެއެވެ.
 އެއީ، ތަފްސީރު މައުޟޫޢީއާއި ތަފްސީރު މައުޟިޢީއެވެ. ތަފްސީރުކުރާއިރު،
 ތަފްސީރު މަވްޟޫޢީގައި މުޅި ކީރިތި ޤުރުއާނަށް ބެލޭއިރު، ތަފްސީރު މައުޟިޢީގައި
 ބެލޭނީ ހަމައެކަނި ވަކި ތަނަކަށެވެ. ތަފްސީރު މައުޟިޢީ ވަރަށް ކުރުނަމަ، އެވާނީ،
 ތަފްސީރު އިޖްމާލީއަކަށެވެ. ވަރަށް ތަފްޞީލުނަމަ، އެވާނީ، ތަފްސީރު ތަޙްލީލީއަށެވެ.
 އަދި އަޅާކިޔުމުގެ މަންހަޖު ބޭނުންކޮށްފައިވާނަމަ، އެވާނީ، ތަފްސީރު މުޤާރިނަށެވެ. انظر: المدخل إلى التفسير الموضوعي للأستاذ الدكتور عبد الستار فتح الله سعيد،
 ص 17 بتصرف. ބައެއް ޙާލަތްތަކުގައި ތަފްސީރު ފޮތެއް، އެއީ، ތަފްސީރު
ތަޙްލީލީއަކަށްވެސް އަދި ތަފްސީރު މުޤާރިންއަކަށްވެސް ވެދާނެއެވެ. މިތާނގައި
 ތަފްސީރު ޢިލްމީއާ ތަފްސީރު މައުޟޫޢީއާހުރި ތަފާތު ހިމަނާލަން ޤަޞްދުކުރީ، ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގެ ތަފްސީރު މަވްޟޫޢީގެ މުޤައްރަރުގައިވާ
 މައުޟޫޢުތަކާ ތަފްސީރު ޢިލްމީއާހުރި ގުޅުމުގެ ސަބަބުންނެވެ.
[7]  المدخل إلى التفسير الموضوعي للأستاذ الدكتور عبد الستار فتح الله سعيد، ص 16
[8]  التفسير الموضوعي للقرآن الكريم للأستاذ الدكتور أحمد الكومي والدكتور محمد القاسم، ص 16
[9]  المدخل إلى التفسير الموضوعي للأستاذ الدكتور عبد الستار فتح الله سعيد، ص 17
[10]  التفسير الموضوعي للقرآن الكريم للأستاذ الدكتور أحمد الكومي والدكتور محمد القاسم، ص 16
[11]  المدخل إلى التفسير الموضوعي للأستاذ الدكتور عبد الستار فتح الله سعيد، ص 17
[12]  انظر: دور التفسير الموضوعي ومنهجه في معالجة المشكلات المعاصرة للأستاذ الدكتور محمد 
عبد الرحمن المرعشلي، ص 3 هامش
[13]  انظر: التفسير العلمي للقرآن في الميزان (رسالة دكتوراه) للدكتور أحمد عمر أبو حجر، ص 66
[14]  الدكتور مرهف عبد الجبار سقا ވިދާޅުވެފައިވަނީ، (މިފަދަ ތަފްސީރެއްގައި)
ތަފްސީރަށްވުރެ ކައުނާގުޅޭ މަޢުލޫމާތުތައް ކޮންމެހެންވެސް އިތުރުކޮށްގެން
 ނުވާނެކަމުގައެވެ. ފަހަރުގައި، އޭގެ ސަބަބުން، ކިޔަމުންދާމީހާއަށް އޭނާ
އެކިޔަނީ ތަފްސީރީ ބަޙްޘެއްކަން ހަނދާންނެތިދާނެތީއެވެ.  انظر: منهج التفسير الموضوعي
 فيأبحاث التفسير والإعجاز العلمي في القرآن الكريم للدكتور مرهب عبد الجبار سقا، ص 18

 
 
 
 
މިވެބްސއިޓްގައިވާ ލިޔުންތައް އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވަންވާނީ ދާލަގެ ހުއްދަ ލިބިގެންނެވެ.
Copyright © 2011 Dhaala. All rights reserved.