header
ގުޅޭ ލިޔުންތައް
 ތަފްސީރު މަޢުޟޫޢީއަށް ތަޢާރުފެއް (1)
އިސްމާޢީލް ރިޔާޟް، ތ.ކަނޑޫދޫ
02 11 2011

ތަފްސީރު މައުޟޫޢީގެ ތަޢުރީފު

ތަފްސީރުގެ ތަޢުރީފު:
ބަހުގެގޮތުން ބަލާއިރު، تَفْسِيْرُ ނެގިފައިވަނީ فَسَّرَ އިންނެވެ. ތަފްސީރުގެ މާނައަކީ، ޖުމްލަތަކެއްގައި ނުވަތަ ލަފްޒުތަކެއްގައިވާ، ވިސްނުމަށް އަންނަ މުރާދުވެވިގެންވާ މާނަތައް ބަޔާންކުރުމާއި ވާޟިޙުކުރުމާއި އަދި ކަޝްފުކުރުމެވެ. [1]  ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ. (وَلا يَأْتُونَكَ بِمَثَلٍ إِلا جِئْنَاكَ بِالْحَقِّ وَأَحْسَنَ تَفْسِيرًا ) [2]
މާނައީ: އަދި އެއުރެންނަކަށް ކަލޭގެފާނާއި އިދިކޮޅަށް އެއްވެސް މިޘާލެއް ނުގެނެވޭނެތެވެ. އެހެނެއްކަމަކު، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ޙައްޤު ބަސްފުޅު ގެނެސްދެއްވައި، އެއަށްވުރެ ސާފު ބަޔާނަކުން ބަޔާންކޮށްދެއްވާހުށީމެވެ.
ކީރިތި ޤުރުއާނުގައި 'ތަފްސީރު' މިލަފްޒު ވާރިދުވެގެންވަނީ ހަމައެކަނި މިއާޔަތުގައެވެ.


އިޞްޠިލާޙީގޮތުން ބަލާއިރު، ޢިލްމުވެރިން އެތައް ގޮތަކަށް ތަފްސީރުގެ ތަޢުރީފު ބަޔާންކުރައްވާފައިވެއެވެ. އެތަނުން އެންމެ ފުރިހަމަ އެއް ތަޢުރީފުކަމުގައި ޢިލްމުވެރިން ވިދާޅުވަނީ އައްޒަރުޤާނީ ޛިކުރުކުރައްވާފައިވާ ތަޢުރީފެވެ. އެބޭފުޅާ ވިދާޅުވެފައިވެއެވެ. "އިޞްޠިލާޙީގޮތުން ތަފްސީރަކީ، ކީރިތި ޤުރުއާނުން ދަލާލަތުކޮށްދޭ ﷲ ތަޢާލާގެ މުރާދާމެދު، އިންސާނީ ކުޅަދާނަކަމުގެ ދަށުން، ބަޙުޘްކުރެވޭ ޢިލްމެވެ." [3]


މައުޟޫޢީގެ ތަޢުރީފު:
ބަހުގެގޮތުން ބަލާއިރު، މައުޟޫޢު ނެގިފައިވަނީ وضع އިންނެވެ. އެއީ، ވަކި ތަނެއްގައި އެއްޗެއް ބޭއްވުމެވެ. [4]


ޕްރޮފެސަރ ޑރ. މުޞްޠަފާ މުސްލިމު ވިދާޅުވެފައިވަނީ، އިޞްޠިލާޙީގޮތުން، މައުޟޫޢުއަކީ، އެއާގުޅޭގޮތުން ކީރިތި ޤުރުއާނުގެ އާޔަތްތައް ބާވައިލެއްވިފައިވާ، ޢަޤީދާ ނުވަތަ އިޖުތިމާޢީ ސުލޫކު ނުވަތަ ކައުނުގެ مَظْهَرُ (އެބަހީ: އިރު ހަނދުފަދަ ފެންނަންހުންނަ ތަންތަން) ތަކުގެގޮތުން، އިންސާނާގެ ޙަޔާތުގެ ކޮންމެވެސް ދިމާލަކާގުޅިފައިވާ މައްސަލަ ނުވަތަ ކަންތައް ކަމުގައެވެ. [5]


ޕްރޮފެސަރ ޑރ. ޢަބްދުއްސައްތާރު ފަތުޙުﷲ ސަޢީދު ވިދާޅުވެފައިވަނީ، އިޞްޠިލާޙީގޮތުން، އޭގެ އެތަކެއް މާނައެއްވާކަމުގައެވެ. އެގޮތުން:


- ޙަދީޘް ޢިލްމުވެރިންގެ އަރިހުގައި: އެއީ، ރަސޫލުﷲ (صلى الله عليه وسلم) އަށް ނިސްބަތްކުރެވިފައިވާ ރޯބުހުތާން ދޮގެވެ.
-  މަންޠިޤު ޢިލްމުވެރިންގެ އަރިހުގައި: އެއީ، އޭގެ މައްޗަށް އެއެއްޗަކުން ޙުކުމްކުރުމަށްޓަކައި ބޭއްވޭ ކޮންމެ އެއްޗެކެވެ. އެގޮތުން، المُبْتَدَأُމަވްޟޫޢުއަކަށްވީ، އޭގެ މައްޗަށް ޚަބަރުން ޙުކުމްކުރުމަށްޓަކައެވެ.
- ތަފްސީރު ޢިލްމުވެރިންގެ އަރިހުގައި: އެއީ، ކީރިތި ޤުރުއާނުގައި އޭގެ އުސްލޫބުތަކާއި އެވާ ތަންތަން ގިނަގުނަވެފައިވާ، އަދި ވަކި މާނައެއްގެގޮތުން ނުވަތަ މަޤްޞަދެއްގެގޮތުން އެހުރިހާ އެއްޗެއް އެއްކޮށްލެވޭނޭ ގޮތެއްވާ މައްސަލައެވެ. [6]

ތަފްސީރު މައުޟޫޢީގެ  އިޞްޠިލާޙީ މާނަ:
ޢިލްމުވެރިން، އެއިން ކޮންމެ ބޭފުޅެއްގެވެސް މަޤްޞަދާ ގުޅުވައިގެން، ތަފްސީރު މައުޟޫޢީއަށް، ތަފާތު ގޮތްގޮތަށް ތަޢުރީފު ދެއްވާފައިވެއެވެ. (އެއީ) ތަފްސީރު މައުޟޫޢީ تَحْدِيْدُ ކުރުމުގައި އެބޭފުޅުން ލެނބިވަޑައިގެންފައިވާ ގޮތްތަކާއި ވައްތަރުތަކުގައި ޖެހިވަޑައިގެންނެވެ. އަދި މިއާގުޅިގެން، ތަފްސީރު މައުޟޫޢީގެ ބައިތަކުގެ ތެރެއިން ކޮންމެވެސް ބަޔަކަށް ބެލިގެން، (ތަޢުރީފު) އުނިވެގެންވާގޮތުގައި،  ތަޢުރީފުތައް އައެވެ. އެތަޢުރީފުތައް، ތަފްސީރު މައުޟޫޢީ އޭގެ ޝާމިލު ޞިފައެއްގައި ތަޢުބީރުކޮށެއް ނުދެއެވެ. އަދި އެހެން ބަޔަކަށް ބެލިގެން، ފުޅާކޮށް ދޫކޮށްލެވިފައިވާ ތަޢުރީފުތައް އައެވެ. އެތަޢުރީފުތައް، ތަފްސީރު މައުޟޫޢީ تَحْدِيْدُ ކޮށެއް އަދި دَقِيْقُ (ކަވި) ކޮށެއް އަދި مُنْضَبْط ކޮށެއް ނުދެއެވެ... އަދި މިތަޢުރީފުތަކަށް ނަޒަރުހިންގާލައިފިނަމަ، އެތަޢުރީފުތައް،المَنْحَى التَّجْمِيْعِي ގެ ވަށައިގެން ނުވަތަ الوَحْدَةُ المَوْضُوعِيَّة [7]  ގެ ވަށައިގެން ނުވަތަ الوَحْدَةُ العَضَوِيَّة [8] ގެ ވަށައިގެން އެނބުރޭތީ ފެންނާނެއެވެ. އަދި ބައެއް ތަޢުރީފުތައް، ޝަރަޙައެއްގެގޮތުގައި އަދި ވާޟިޙުކޮށްދިނުމެއްގެ ގޮތުގައިވާތީ ފެންނާނެއެވެ. [9]


ޕްރޮފެސަރ ޑރ. ޢަބްދުއްސައްތާރު ފަތުޙުﷲ ސަޢީދު ދެކިލައްވާގޮތުގައި، ތަފްސީރު މައުޟޫޢީއަކީ، "ކީރިތި ޤުރުއާނުގައިވާ މާނައިގެގޮތުން ނުވަތަ މަޤްޞަދުގެގޮތުން އެއްގޮތް މައްސަލަތައް އެއިން ބަޙުޘްކުރެވޭ ޢިލްމެވެ. (އެއީ) ތަފާތު އެކިއެކި އާޔަތްތައް ޖަމާކޮށް، އެއާޔަތްތަކުގެ މާނަތައް ބަޔާންކޮށްދިނުމަށްޓަކައާއި އޭގެ ބައިތައް ނެރުމައްޓަކައި، ވަކި ޚާއްޞަ ޝަރުޠުތަކަކާއެކު، ވަކި ޚާއްޞަ ގޮތެއްގެމަތިން އެއަށް ނަޒަރުހިންގައި، ޖާމިޢު އެއްކޮށްލުމަކުން އެއެއްކޮށްލައިގެންނެވެ." [10]
ޕްރޮފެސަރ ޑރ. މުޞްޠަފާ މުސްލިމު އެންމެ ރަނގަޅުކަމަށް ބަޔާންކުރައްވާ ތަޢުރީފަކީ، އެއީ، ކީރިތި ޤުރުއާނުގެ މަޤްޞަދުތަކާ އެއްގޮތްވާގޮތުގެ މަތީން، ވަކި ސޫރަތެއްގެ ނުވަތަ ގިނަ ސޫރަތްތަކެއްގެ އަލީގައި، މައްސަލަތަކާމެދު ވާހަކަދެކެވޭ ޢިލްމެވެ. [11]


ޢިލްމުވެރިން ތަފްސީރު މައުޟޫޢީއަށް ދެއްވާފައިވާ މިފަދަ އެތަކެއް ތަޢުރީފުތަކަށް ފާޑުކިޔުމުގެ ނަޒަރަކުން ބެއްލެވުމަށްފަހު، ޑރ. ސުލައިމާން އައްދުޤޫރް ވިދާޅުވެފައިވެއެވެ. "މިތަޢުރީފުތަކަށް ނަޒަރުހިންގައިލުމުން، ޢިލްމުވެރިންގެ ރައުޔުތައް އަންނަނިވި ބައިކުރުންތަކަށް އިއްތިފާޤުވާކަން އެއިން އެނގިގެންދެއެވެ.


އެއްވަނަ: ތަފްސީރު މައުޟޫޢީއަކީ، މުޅި ކީރިތި ޤުރުއާނަށް ބެލިގެން، ކީރިތި ޤުރުއާނުގައިވާ މަވްޟޫޢު ދިރާސާކުރުންކަމުގައި ދެކިލައްވާ ބޭފުޅުން.


ދެވަނަ: ފުރަތަމަ ބަޔަށް އިތުރުކުރެވިގެން، ތަފްސީރު މައުޟޫޢީގައި، ސޫރަތެއްގެ الوحدة الموضوعية ދިރާސާކުރުން ނުވަތަ ވަކި ސޫރަތަކަށް ބެލިގެން ކީރިތި ޤުރުއާނުގައިވާ މައުޟޫޢު ދިރާސާކުރުން ޝާމިލުވެގެންވާކަމުގައި ދެކިލައްވާ ބޭފުޅުން.


ތިންވަނަ: ފުރަތަމަ ބަޔާއި ދެވަނަ ބަޔަށްވެސް އިތުރުކުރެވިގެން، ތަފްސީރު މައުޟޫޢީގައި، ކީރިތި ޤުރުއާނުގައިވާ އިޞްޠިލާޙެއް ދިރާސާކުރުން ޝާމިލުވެގެންވާކަމުގައި ދެކިލައްވާ ބޭފުޅުން.


ހަތަރުވަނަ: އިސްވެދިޔަ ބައިތަކަށް އިތުރުކުރެވިގެން، ތަފްސީރު މައުޟޫޢީގައި، تَتَبَّعَ العِلاقَات ނުވަތަ ސޫރަތްތަކާއި އާޔަތްތަކުގެ މެދުގައިވާ مُنَاسَبَاتُ ޝާމިލުވެގެންވާކަމުގައި ދެކިލައްވާ ބޭފުޅުން." [12]


މިތަނުން އެއްވަނަ ބައި (އެބަހީ: ކީރިތި ޤުރުއާނުގައިވާ މައުޟޫޢު، މުޅި ކީރިތި ޤުރުއާނަށް ބެލިގެން ދިރާސާކުރުން) ތަފްސީރު މައުޟޫޢީގެ ތެރޭގައި ހިމެނޭނޭކަމާމެދު، ތަފްސީރު މައުޟޫޢީއާގުޅޭގޮތުން ލިޔުއްވާފައިވާ ހުރިހާ ބޭފުޅުންވެސް އިއްތިފާޤުވެލައްވައެވެ. އެހެންނަމަވެސް، ދެން ހުރި ބައިތައް ތަފްސީރު މައުޟޫޢީގެ ތެރެއަށް ވަންނާނޭކަމާމެދު ޢިލްމުވެރިން އިޚްތިލާފުވެވަޑައިގެންފައިވެއެވެ.


އެގޮތުން، ދެވަނަ ބަޔާމެދު (އެބަހީ: ތަފްސީރު މައުޟޫޢީގައި، ސޫރަތެއްގެ الوحدة الموضوعية ދިރާސާކުރުން ނުވަތަ ވަކި ސޫރަތަކަށް ބެލިގެން ކީރިތި ޤުރުއާނުގައިވާ މައުޟޫޢު ދިރާސާކުރުން ޝާމިލުވެގެންވާކަމާމެދު) (ދަންނައެވެ!)، އެބައި ތަފްސީރު މައުޟޫޢީގެ ތެރެއަށް ވަންނާނެތޯ ބެލުމުގެކުރިން،ތަފްސީރު މައުޟޫޢީގެ މުހިއްމުކަމުގެ ޙަޤީޤަތަށާއި އޭގެ މަޤްޞަދަށް ނަޒަރުހިންގައިލުން ކޮންމެހެންވެސް ލާޒިމެވެ. ތަފްސީރު މައުޟޫޢީގެ މަޤްޞަދަކީ، އެވާހަކަދައްކާ މައުޟޫޢުއަކާގުޅޭގޮތުން ކީރިތި ޤުރުއާނުގެ މަންހަޖު ދެނެގަތުމެވެ. އެއީ، ކީރިތި ޤުރުއާނުގައި އެމައުޟޫޢުއަކާގުޅޭގޮތުންވާ ވާހަކަތަކަށް ފުރިހަމަ ގޮތެއްގައި ރިޢާޔަތްކުރެވިގެންނެވެ. ވަކި ބަޔަކަށް ނުވަތަ ވަކި ތަނަކަށް ރިޢާޔަތްކުރެވިގެނެއް ނޫނެވެ. އެހެންކަމުން، މުޅި ކީރިތި ޤުރުއާނަށް ރިޢާޔަތްކުރުމެއްނެތި، ވަކި ސޫރަތެއްގެ އަލީގައި މައުޟޫޢުއަކާމެދު ވާހަކަދައްކާނަމަ، އެކަންވެގެންދާނީ، ތަފްސީރު މައުޟޫޢީގެ ފިކުރު އޭގެ މައްޗަށް ބިނާވެފައި އޮންނަންޖެހޭނޭ ޙަޤީޤީ މަޤްޞަދަށް އުނިކަން ގެނުވައިދޭނޭކަމެއް ކަމުގައެވެ. ވަކި ސޫރަތެއްގައި ކަނޑައެޅިގެންވާ މައުޟޫޢުއަކާމެދު ވާހަކަދެކެވިފައިވާނަމަ، އެއިން އެސޫރަތެއްގެ ޝަޚުޞިއްޔަތާއި އެމައުޟޫޢު ވާރިދުވެގެންވުމުގައިވާ މަންހަޖު އެނގިގެންދެއެވެ. އެހެންނަމަވެސް، އެމައުޟޫޢުއާގުޅޭގޮތުން ކީރިތި ޤުރުއާނުގެ ޝާމިލު ތަޞައްވުރެއް ލިބުމަށްއެދޭނަމަ، ހަމައެކަނި ވަކި ސޫރަތެއްގެ މައްޗަށް ވާހަކަތައް ހަނިކޮށްގެން އެކަމެއް ނުކުރެވޭނެއެވެ. [13]  އެހެންކަމުން، ތަފްސީރު މައުޟޫޢީގެ ބާބުގެ ދަށުން ވާހަކަދެއްކުމަށްވުރެ، ސޫރަތްތަކުގެ ޚާއްޞިއްޔަތު ތަފްޞީލުކޮށްދިނުމުގެ ބާބުގެ ދަށުން މިގޮތަށް މައުޟޫޢުއަކާގުޅޭގޮތުން ވާހަކަދެއްކުން ގެނައުން މާއައުލާކަން ބޮޑުވެގެންވެއެވެ. ކޮންމެއަކަސް، މިވައްތަރުގެ ދިރާސާތަކަކީ، ތަފްސީރުކުރުމުގައި ނުހަނު ބޭނުންތެރި ދިރާސާތަކެއްކަމުގައިވީނަމަވެސް، މިއީ، ތަފްސީރު މައުޟޫޢީގެ ވައްތަރެއްކަމުގައެއް ނުބެލެވޭނެތެވެ. [14]


ތިންވަނަ ބަޔާމެދު (އެބަހީ: ތަފްސީރު މައުޟޫޢީގައި، ކީރިތި ޤުރުއާނުގައިވާ އިޞްޠިލާޙެއް ދިރާސާކުރުން ޝާމިލުވެގެންވާކަމާމެދު) (ދަންނައެވެ!)، މިބައި ޤަބޫލުނުކޮށް ރައްދުކުރެވޭ އެތަކެއް އިޢުތިރާޟުތަކެއް އައިސްފައިވެއެވެ. އެގޮތުން:


1)       މިފަދަ ދިރާސާއެއްގެ މަޤްޞަދަކީ، 'الجهاد' އާއި 'التفسير' އާއި 'التأويل' ފަދަ ކީރިތި ޤުރުއާނުގައި ވާރިދުވެގެންވާ އިޞްޠިލާޙަކާގުޅޭގޮތުން ވާހަކަދެއްކުންކަމުގައިވާނަމަ، އެކަން، ކީރިތި ޤުރުއާނުގައިވާ މައުޟޫޢުއެއް ދިރާސާކުރުމާ މުޅީން ދިމާވެއެވެ. އަދި އެދެކަމުގައި އެއްވެސް ފަރަޤެއް ނުވެއެވެ.
2)      މިފަދަ ދިރާސާއެއްގެ މަޤްޞަދަކީ، ކީރިތި ޤުރުއާނުގެ ތަފާތު ގިނަގުނަ ތަންތާނގައި ވަކި އިޞްޠިލާޙެއް ބޭނުންކުރެވިފައިވާ مُعْجَمِي دَلالَةُ [15] ދިރާސާކުރުން ކަމުގައިވާނަމަ، އެކަން، މަޤްޞަދާއި ލަނޑުދަނޑިއާއި އަދި ބަޙުޘްކުރުމުގެ މަންހަޖުގެގޮތުން ތަފްސީރު މައުޟޫޢީއާ ޚިލާފުވެގެންވެއެވެ.
3)      ކީރިތި ޤުރުއާނުގައިވާ ލަފްޒަކާގުޅޭގޮތުންނާއި ކީރިތި ޤުރުއާނުގައި އެލަފްޒު ބޭނުންކުރެވިފައިވާގޮތާމެދު ބަޙުޘްކުރާނަމަ، އެފޮތުގައިވާ ހުރިހާ ލަފްޒަކާމެދު މިގޮތަކަށް ބަޙުޘެއް ނުކުރެވޭނެއެވެ. އެހެނީ، ބައެއް ލަފްޒުތައް ކީރިތި ޤުރުއާނުގައި އެތަކެއް ސަތޭކަ ފަހަރު ވާރިދުވެގެން އައިސްފައިވާގޮތަށް، މުޅި ކީރިތި ޤުރުއާނުގައި، ހަމައެކަނި އެންމެ ފަހަރަކު މެނުވީ ޛިކުރުކުރެވިގެންނުވާ އެތަކެއް ލަފްޒުތަކެއްވެސް ވާރިދުވެފައިވެއެވެ. އެހެންކަމުން، މިފަދައިން ކުރެވޭ ދިރާސާތައްވާހުށީ، ވަކި ލަފްޒުތަކަކަށް ހަނިކުރެވިގެން ނުވަތަ ކުރުކުރެވިގެންވާ ދިރާސާތަކެއްކަމުގައެވެ. (އެބަހީ: ތަފްސީރު މައުޟޫޢީގެ ތެރޭގައި، ކީރިތި ޤުރުއާނުގައިވާ އިޞްޠިލާޙުތައް ދިރާސާކުރުން ހިމަނައިފިނަމަ، ތަފްސީރު މައުޟޫޢީގެ ދަށުން ކުރެވޭ މިފަދަ ދިރާސާތައް އޮންނާނީ ކަނޑައެޅިގެންވާ މަދު ޢަދަދުތަކެއްގެ މައްޗަށެވެ.)
4)      ކީރިތި ޤުރުއާނުގައިވާ ލަފްޒަކާގުޅޭގޮތުންނާއި އެލަފްޒު ބޭނުންކުރެވިފައިވާގޮތާމެދު ބަޙުޘްކުރާކުރުމުގައި ނުވަތަ ދިރާސާކުރާކުރުމުގައި، ގިނަ ފަހަރަށް، އޭގެ މަޤްޞަދަކީ މައުޟޫޢީކޮށް ތަފްސީރުކުރުމެއް ނޫނެވެ... [16]
5)      ހަމައެކަނި މިގޮތަށް ކަންތައްކޮށްގެން، އެމައުޟޫޢުއަށް ކީރިތި ޤުރުއާނުގެ ތަޞައްވުރެއް ނުވަތަ ޢާއްމު ނަޒަރިއްޔާއެއް ނެރުމަށް ކުޅަދާނަވެގެނެއް ނުވެއެވެ. [17]


ހަތަރުވަނަ ބަޔާމެދު (އެބަހީ: ތަފްސީރު މައުޟޫޢީގައި، تَتَبَّعَ العِلاقَات ނުވަތަ ސޫރަތްތަކާއި އާޔަތްތަކުގެ މެދުގައިވާ مُنَاسَبَاتُ ޝާމިލުވެގެންވާކަމާމެދު) (ދަންނައެވެ!)، عِلْمُ المُنَاسَبَاتُ [18]  އަކީ ތަފްސީރުގެ އެންމެހާ ވައްތަރުތަކަށްވެސް ނުހަނު ބޭނުންތެރި ޢިލްމެއްކަމުގައިވީނަމަވެސް، މިބައި ތަފްސީރު މައުޟޫޢީގެ ތެރެއަކަށް ނުވަންނާނެތެވެ. އޭގެ ވައްތަރަކަށް ނުވާނެތެވެ. އަދި ކިޔެއްތަ! އެވާނީ، ވަކި މުސްތަޤިއްލު ބައެއްގެގޮތުގައެވެ.
އެހެންކަމުން، ތަފްސީރު މައުޟޫޢީގެ އެންމެ ފުރިހަމަ އެއް އިޞްޠިލާޙީ މާނައަކީ، ޑރ. ސުލައިމާން ހުށައަޅުއްވާފައިވާ އަންނަނިވި ތަޢުރީފެވެ. "އެއީ، ކީރިތި ޤުރުއާނުގައިވާ މައުޟޫޢުތަކުގެ ތެރެއިން މައުޟޫޢުއެއްގެ ދަށުން، ކީރިތި ޤުރުއާނުގެ ޝާމިލު ޞޫރައެއް ބިނާކުރުމުގެ ޤަޞްދުގައި، އެއިން ކީރިތި ޤުރުއާން ބަޙުޘްކުރެވޭ، ތަފްސީރީ މަންހަޖެކެވެ. އެއީ، އެމައުޟޫޢުއަށް އޭގެ ޛާތުގައި އައްޔެއް އަލިއަޅުވައިލުމުގެގޮތުންކަމުގައިވިޔަސް ނުވަތަ މިޒަމާނުގައި އެމައުޟޫޢުއެއް ޙައްލުކޮށްދިނުމަށްޓަކައިކަމުގައިވިޔަސްމެއެވެ." [19]
(ނުނިމޭ)

 

[1]  مقدمة في علوم القرآن وعلوم التفسير للدكتور محمد عبد الكريم الجزائري، ص 203
[2]  سورة الفرقان: 33
[3]  مناهل العرفان في علوم القرآن للزرقاني، تحقيق وتعليق: أ.د/ أحمد عيسى المعصراوي، ص 381
[4]  المدخل إلى التفسير الموضوعي للأستاذ الدكتور عبد الستار فتح الله سعيد، ص 19-20
[5]  انظر: مباحث في التفسير الموضوعي للأستاذ الدكتور مصطفى مسلم، ص 15-16
[6]  المدخل إلى التفسير الموضوعي للأستاذ الدكتور عبد الستار فتح الله سعيد، ص 20
[7]  الوحدة الموضوعية: މިއިން މުރާދުވެވެނީ، ކީރިތި ޤުރުއާނުގައިވާ
 ސޫރަތެއްގައި އެތަކެއް މައްސަލައަކާގުޅޭގޮތުން ވާހަކަދެކެވިފައިވާއިރު،
 އެހުރިހާ މައްސަލައެއްވެސް ވަކި މައުޟޫޢުއެއްގެ ދަށުގައި ނިޒާމުކުރުމަށެވެ. 
انظر: التفسير الموضوعي في مقررات الجامعات دراسة ونقد للأستاذ الدكتور شحادة حميدي العمري، ص 5. 
تقلا من: التفسير أساسياتهواتجاهاته للدكتور فضل بن حسن عباس، ص 646-647
[8]  الوحدة العضوية: މިއިން މުރާދުވެވެނީ، ސޫރަތެއްގައިވާ މައުޟޫޢުތަކާއި މައްސަލަތައް
 އެކެތި އަނެކެތިން ފުރިހަމަކޮށްދިނުމަށެވެ. انظر: التفسير الموضوعي في مقررات
 الجامعاتدراسة ونقد للأستاذ الدكتور شحادة حميدي العمري، ص 5. تقلا من: التفسير أساسياته
 واتجاهاته للدكتور فضل بن حسن عباس، ص 646-647
[9]  التفسير الموضوعي إشكالية المفهوم والمنهج للدكتور سليمان الدقور، ص 5 بتصرف
[10]  المدخل إلى التفسير الموضوعي للأستاذ الدكتور عبد الستار فتح الله سعيد، ص 20
[11]  مباحث في التفسير الموضوعي للأستاذ الدكتور مصطفى مسلم، ص 16
[12]  انظر: التفسير الموضوعي إشكالية المفهوم والمنهج للدكتور سليمان الدقور، ص 9
[13]  انظر: التفسير الموضوعي إشكالية المفهوم والمنهج للدكتور سليمان الدقور، ص 9-10 بتصرف
[14]  ޑރ. ޢަބްދުއްސައްތާރު ފަތުޙުﷲވެސް ދެކިލައްވާގޮތުގައި، މިބާވަތުގެ ދިރާސާތައް
 ތަފްސީރު މައުޟޫޢީގެ ތެރެއަކަށް ނުވަންނާނެއެވެ. انظر: المدخل إلى التفسير
 الموضوعيللأستاذ الدكتور عبد الستار فتح الله سعيد، ص 25
[15]  الدّلالة المعجميّة އަކީ، معجم (އެބަހީ: ބަސްފޮތް ނުވަތަ ޑިކްޝަނަރީ) އެއްގައި،
 ލަފްޒު އެކަމަކަށް  ދަލީލުކޮށްދޭ ކަންތަކެވެ.
[16]  التفسير الموضوعي إشكالية المفهوم والمنهج للدكتور سليمان الدقور، ص 11-12
[17]  منهج تفسير آيات الموضوع القرآني نقد وتأصيل لأسماء عبد الله داود عطا الله، ص 11
[18]  عِلْمُ المُنَاسَبَات އަކީ، ކޮންމެވެސް ގޮތަކުން ދެއެއްޗެއްގެ ދެމެދުގައިވާ ގުޅުން
 އަންގައިދޭ ޢިލްމެވެ. ކީރިތި ޤުރުއާނުގައިނަމަ، ސޫރަތެއް އޭގެ ކުރީގައިވާ ސޫރަތާއި
 އޭގެ ފަހަތުގައިވާ ސޫރަތާ ހުރި ގުޅުން އަންގައިދޭ ޢިލްމެވެ. އާޔަތެއްގައިނަމަ،
 ކޮންމެ އާޔަތެއްވެސް އޭގެ ކުރީގައިވާ އާޔަތާއި އޭގެ ފަހަތުގައިވާ އާޔަތާ ގުޅިފައިވާ
 ގޮތް އަންގައިދޭ ޢިލްމެވެ. انظر: مباحث في التفسير الموضوعي للأستاذ الدكتور مصطفى مسلم، ص 58
[19]  التفسير الموضوعي إشكالية المفهوم والمنهج للدكتور سليمان الدقور، ص 14

 
 
 
 
މިވެބްސއިޓްގައިވާ ލިޔުންތައް އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވަންވާނީ ދާލަގެ ހުއްދަ ލިބިގެންނެވެ.
Copyright © 2011 Dhaala. All rights reserved.