header
ގުޅޭ ލިޔުންތައް

ޙަދީޘް ޢިލްމުގައި މަޝްހޫރު ސަނަދުތަކުގެތެރެއިން...    عمرو بن شعيب عن أبيه عن جده (3)

އިސްމާޢީލް ރިޔާޟް، ތ.ކަނޑޫދޫޫ
02 11 2011

މިސަނަދުން އައިސްފައިވާ ޙަދީޘްތަކުން ޙުއްޖަތް ޤާއިމްކުރެވިދާނެތަ؟
އިސްވެދިޔަ ތާނގައި ބަޔާންކުރެވިގެންދިޔަ ފަދައިން މިސަނަދުގައި ހިމެނޭ ރާވީންނަކީ (އިތުބާރުގެގޮތުން ބައެއް ބޭކަލުން ތަންކޮޅެއް ދެރަވިކަމުގައިވިޔަސް) އިތުބާރުހުރި ރާވީންނެވެ. އަދި މިސަނަދަކީވެސް ގުޅިފައިވާ ސަނަދެކެވެ. ނަމަވެސް ޙަދީޘް ޢިލްމުގެ ބޮޑެތި އިމާމުންގެ މެދުގައި މިސަނަދުން (އެބަހީ: މިމަގުން) އައިސްފައިވާ ޙަދީޘްތަކުން ޙުއްޖަތް ޤާއިމުކުރެވިދާނެކަމާމެދު އިޚްތިލާފު އުފެދިފައިވެއެވެ. އެގޮތުން އެއްބައި ބޭކަލުން މިސަނަދުން ޙުއްޖަތް ނަންގަވާއިރު، އަނެއްބައި ބޭކަލުން މިސަނަދުން ޙުއްޖަތެއް ނުނަންގަވައެވެ. އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. "އިސްލާމްދީނުގެ ބޮޑެތި އިމާމުންނާއި ޖުމްހޫރު ޢިލްމުވެރިން 'عمرو بن شعيب عن أبيه عن جده' މިސަނަދުން ރިވާވެގެންވާ ޙަދީޘްތަކުން (މިސަނަދާއި ހަމައަށް ޞައްޙަގޮތުގައި ނަޤުލުވެފައިވާނަމަ) ޙުއްޖަތް ޤާއިމްކުރައްވައެވެ. އޭގެ ތެރޭގައި: مالك بن أنس، سفيان بن عيينة، الشافعي، أحمد بن حنبل، إسحاق بن راهويه އަދި މިނޫން ބޭކަލުންވެސް ހިމެނެއެވެ." [1]


މިސަނަދުން ޙުއްޖަތް ނުނަންގަވާ ބޭކަލުން ބައެއް ކަހަލަގެ ސަބަބުތަކެއް ޛިކުރުކުރައްވާފައިވެއެވެ. އޭގެތެރޭގައި:


1)       މިސަނަދުގައިވާ "جده"ގެ މުރާދަކީ عمرو ގެ ކާފައެވެ. މިކަން އިބްނު ޙިއްބާން [2]  އެބޭފުޅާގެ ޞަޙީޙުގައި ގެންނަވާފައިވާ ރިވާޔަތަކުންވެސް ދޭހަކޮށްދެއެވެ. އަދި މިކަމުގެ ސަބަބުން މިސަނަދުން އައިސްފައިވާ ޙަދީޘްތައްވާނީ މުރުސަލް ޙަދީޘް ތަކެއްކަމުގައެވެ. އެހެނީ ރަސޫލުﷲ (صلى الله عليهوسلم) އާއި عمرو ގެ ކާފަ ބައްދަލުވެފައެއް ނުވެއެވެ.


މިއަށް ރައްދެއްގެ ގޮތުން ބުނެވޭނީ އެއީ عمرو ގެ ކާފައެއް ނޫނެވެ. އަދި ކިއެއްތަ! އެއީ شعيب ގެ ކާފައެވެ. މިކަން އަންގައިދެނީ އިމާމުއްނަސާއީގެ ރިވާޔަތައް نظرހިންގައިލުމުންނެވެ. [3]  އަދި އިބްނު ޙިއްބާން ގެ ރިވާޔަތާމެދު ބުނެވޭނީ އެގޮތަށް އެވަނީ އެބޭފުޅާ ގެންނަވާފައިވާ ރިވާޔަތްތަކުގެ ތެރެއިން އެންމެ ރިވާޔަތެއްގައެވެ. އަދި الحافظ العلائيވިދާޅުވެފައިވަނީ އެގޮތަށް އައިސްފައިވަނީ ޝާޛު، ނާދިރު ގޮތެއްގައިކަމަށެވެ. [4]  އަދި ހަމައެހެންމެ "عن أبيه عن جدهسمعت رسول الله عليه وسلم" އޭ ނުވަތަ މިފަދައިން މިސަނަދުން ރިވާޔަތްތައް ގެނެސްފައިވުމުން އެއިން އަންގައިދެނީ "جده"ގެ މުރާދަކީ އަޞްޙާބު ބޭކަލެއްކަމެވެ. އެހެނީ، ރިވާޔަތުގައި "ތިމަން އަޑުއެއްސެވީމޭ" އޮންނާތީއެވެ. މިފަދަ ރިވާޔަތްތަކުގެ ތެރޭގައި:
-      حسين المعلم عن عمرو عن أبيه عن جده قال: رأيت رسول الله
 صلى الله عليه وآله وسلم يصلي حافيا ومنتعلا. [5]
-     حسين المعلم عن عمرو عن أبيه عن جده قال: رأيت رسول الله
 صلى الله عليه وآله وسلم يشرب قائما وقاعدا. [6]
-       حسين المعلم عن عمرو عن أبيه عن جده قال: رأيت رسول الله
 صلى الله عليه وآله وسلم ينتقل عن يمينه وعن يساره فيالصلاة. [7]
-       هشام بن الغاز عن عمرو عن أبيه عن جده قال: أقبلنا مع
 رسول الله صلى الله عليه وآله وسلم من ثنية أذاخر، الحديث. [8]
-     محمد بن إسحاق عن عمرو بن شعيب عن أبيه عن جده قال:
 سمعت رسول الله صلى الله عليه وآله وسلم يأمر بكلمات من الفزع،الحديث. [9]


2)      މިސަނަދުގައިވާ شعيب އާއި އޭނާގެ ކާފަ (އެބަހީ: عبد الله بن عمرو) ބައްދަލުވެފައެއް ނުވެއެވެ. شعيب އޭނާގެ ކާފަގެ އަރިހުންނޭ ވިދާޅުވެ ރިވާކުރައްވާއިރު، މުޅިންވެސް ރިވާކޮށްފައިވަނީ އޭނާއަށް ފެނުނު އޭނާގެ ކާފަ ލިޔުއްވާފައިވާ ފަތްފުށްތަކަކުންނެވެ. އެހެންކަމުން މިސަނަދުން އައިސްފައިވާ ޙަދީޘްތައްވާނީ މުންޤަޠިޢު ޙަދީޘް ތަކެއްކަމުގައެވެ. އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. "عبد الله بن عمرو بن العاص ގެ އާލުންގެ އަރިހުގައި ރަސޫލުﷲ (صلى الله عليه وسلم) ގެ އަރިހުން ލިޔެވިގެންވާ نُسخة އެއް (އެބަހީ:ނަކަލުތަކެއް ނުވަތަ ފަތްފުށްތަކެއް) ވިއެވެ. މިކަމާހުރެ ވަރަށް ގިނަ މީހުން 'عمروبن شعيب عن أبيه عن جده' މިމަގުން އައިސްފައިވާ ޙަދީޘްތައް طعن ކުރައްވާފައިވެއެވެ. އަދި އެބައިމީހުން ބުނެއުޅެއެވެ. "އެއީ نُسخة އެކެވެ." [10] މާނައަކީ އޭނާ ރިވާކޮށްފައިވަނީ އޭނާ އަޑުއަހާފައިނުވާ އެއްޗެހިތަކެކެވެ. އެހެންކަމުން މިވާނީ ތަދްލީސް އަށެވެ. އަދި އޭނާއަށް ނަކަލެއްފެނި، އެއިން ރިވާކޮށްފައިވާނަމަ، އެވާނީ ޙަދީޘް ތަޙައްމަލުކުރުމުގެ އެންމެ ބަލިކަށިގޮތްކަމުގައެވެ. [11]


މިއަށްރައްދުދެއްވައި މިސަނަދުން ޙުއްޖަތް ނަންގަވާ ބޭކަލުން ވިދާޅުވެފައިވަނީ އެނަކަލު ލިޔެވިފައިވަނީ ރަސޫލުﷲ (صلى الله عليه وسلم) ގެ ޒަމާނުގައިކަމަށްވާނަމަ އެއިން ދަލީލުކޮށްދެނީ އެއީ ޞައްޙަ އެއްޗެއްކަމެވެ. [12]  ކޮންމެއަކަސް ޝުޢައިބު އޭނާގެ ކާފަގެ ފަރާތްޕުޅުން ޙަދީޘް އަޑުއެއްސެވިކަމާމެދު އިންކާރުކުރައްވާ ޖަމާޢަތެއްވާކަމުގައި އިބްނު ޙަޖަރު [13]  ވިދާޅުވިޔަސް ޚުދު އެބޭފުޅާވެސް ވިދާޅުވަނީ ޝުޢައިބު އޭނާގެ ކާފަގެ އަރިހުން ޙަދީޘް އަޑުއެއްސެވިކަން ޘާބިތުވާކަމުގައެވެ. [14]  އަދި އައްޛަހަބީ ވެސް މިގޮތަށް ވިދާޅުވެފައިވެއެވެ. [15]  އަދި ހަމައެހެންމެ، ބުޚާރީ އާއި އަބޫދާވޫދު އަދި އެހެނިހެން ބޭކަލުންވެސް ޛިކުރުކުރައްވާފައިވާގޮތުގައި މިރާވީ އޭނާގެ ކާފަގެ އަރިހުން ޙަދީޘް އަޑުއެއްސެވިއެވެ. މީގެ ތެރެއިން އެއްވެސް ބޭކަލަކު މިރާވީ އޭނާގެ ބައްޕަގެ އަރިހުން ރިވާކުރައްވާފައިވާކަމަކަށް ޛިކުރުކުރައްވާފައެއް ނުވެއެވެ. [16]


އަބޫ ދާވޫދުއްސަޚްތިޔާނީ ވިދާޅުވިކަމަށް އިސްޙާޤް ބިން މޫސާ އައްރުމަލީ ވިދާޅުވިއެވެ. ތިމަން އަޙްމަދު ބިން ޙަންބަލް ވިދާޅުވަނިކޮށް އަޑުއެއްސެވީމެވެ. "ޙަދީޘުގެ އަޞްޙާބުން (އެބަހީ: ޙަދީޘް ޢިލްމުވެރިން) ބޭނުންފުޅުވެއްޖެނަމަ 'عمرو بن شعيب عن أبيه عن جده'މިސަނަދުން ޙުއްޖަތް ނަންގަވައެވެ. އަދި ބޭނުންފުޅު ނުވެއްޖެނަމަ (ޙުއްޖަތް ނެންގެވުމަކާނުލައި) ދޫކޮށްލައްވައެވެ." [17]


إسحاق بن راهويه ގެ އަރިހުން އެކަލޭގެފާނު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. "'عمرو بن شعيب عن أبيه عن جده' މިމަގު (އެބަހީ: މިސަނަދު) 'أيوبعن نافع عن ابن عمر' މިމަގާއި (ދަރަޖައިގެގޮތުން) އެއްފަދައެވެ." [18]  އަދި އިމާމުއްނަވަވީ ވިދާޅުވެފައިވެއެވެ. "މިއީ އިސްޙާޤުގެ ފަރާތުން އައިސްފައިވާ މަތިވެރިކަމުގެ ނިހާޔަތަށް ގޮސްފައިވާ ސިފަކުރުމެކެވެ." [19]


އަލްއިމާމުލްބުޚާރީ ވިދާޅުވިއެވެ. "އަހުރެންނަށް ފެނުނުގޮތުގައި އަޙްމަދު ބިން ޙަންބަލާއި ޢަލީ ބިން އަލްމަދީނީއާއި إسحاق بن راهويه އާއި އަބޫ ޢުބައިދު އަދި ޢާއްމުކޮށް ތިމަންމެންގެ ހުރިހާ އެކުވެރިން އޭނާގެ (އެބަހީ: 'عمرو بن شعيب ގެ) ޙަދީޘް ޙުއްޖަތެއްކަމުގައި ބަލައެވެ. އަދި އެއްވެސް މުސްލިމަކު އެދޫކޮށްލައިފައެއް ނުވެއެވެ." [20]


ކޮންމެއަކަސް، އައްޝައިޚް އަޙްމަދު ޝާކިރު [21]  ވިދާޅުވަނީ، މިސަނަދަކީ އެންމެ ޞައްޙަކަންބޮޑު ސަނަދުތަކުގެ ތެރެއިންވާ ސަނަދެއްކަމުގައެވެ. އެހެންނަމަވެސް، އިސްވެދިޔަ ޢިލްމުވެރިންގެ ބަސްފުޅުތަކަށް نظرހިންގައިލައި، މިމައްސަލައިގައި ލިބިފައިވާ ދަލީލުތަކަށް ބަލައިލައި ތަޙްޤީޤުކޮށްލުމުން އެނގިގެންދަނީ އުފެދިފައިވާ އިޙްތިމާލުތަކާހުރެ ދަރަޖައިގެގޮތުން މިސަނަދުން އަންނަ ޙަދީޘްތައް (މިސަނަދާއި ހަމައަށް ޞައްޙަގޮތުގައި އައިސްފައިވާކަމުގައިވާނަމަ) ބެލެވޭނީ صحيح ގެ އެންމެ ދަށު ދަރަޖައިގައިވާ ޙަދީޘްތަކެއް ކަމުގައެވެ. އަދި އެއީ حسن ގެ އެންމެ މަތީ ދަރަޖައިގައިވާ ޙަދީޘްތަކެއް ކަމުގައެވެ. މިގޮތަށް މަޙްމޫދުއްޠައްޙާންވެސް [22]  ވިދާޅުވެފައިވެއެވެ. والله أعلم.
(ނިމުނީ)

މަރުޖިޢުތައް
1)       القرآن الكريم
2)      خلاصة تذهيب تهذيب الكمال للخزرجي، الميرية ببولاق، القاهرة، 1301
3)      الكاشف للذهبي، دار النصر للطباعة، الطبعة الأولى، القاهرة، 1392
4)      جامع الترمذي
5)      الباعث الحثيث شرح اختصار علوم الحديث للحافظ ابن كثير
 – تحقيق أحمد محمد شاكر،  دار الفكر، طبعة جديدة، 2000
6)      سير أعلام النبلاء للذهبي، مؤسسة الرسالة في بيروت، الطبعة الحادية عشرة، 2001
7)      سنن ابن ماجه
8)      تهذيب التهذيب لابن حجر، مؤسسة الرسالة، الطبعة الأولى، 2001
9)      الكامل في الضعفاء الرجال للإمام الحافظ ابن عدي الجرجاني، دار الفكر،
 الطبعة الثالثة، 1988
10)    مجموع الفتارى لشيخ الإسلام ابن تيمية، مؤسسة الرسالة، الطبعة الأولى، 2002
11)    سنن النسائي
12)   تقريب التهذيب لابن حجر، دار الفكر، الطبعة الأولى، 1995
13)   سنن أبي داود
14)    قواعد المحدثين للأستاذ الدكتور عبد الله بن شعبان، دار السلام،
 الطبعة الأولى، 2005
15)   أصول التخريج ودراسة الأسانيد لمحمود الطحان، الطبعة الثانية،
 مكتبة المعارف، الرياض، 1991


[1]  مجموع الفتاوى لابن تيمية: 18/8
[2]  އެރިވާޔަތުގައި އޮންނަނީ "عن عمرو ابن شعيب عن أبيه
 عن محمد بن عبد الله بن عمرو عن أبيه مرفوعا: ألا أحدثكم بأحبكم
وأقربكم مني مجلسا يوم القيامة"الحديث. انظر الباعث الحثيث شرح
 اختصار علوم الحديث للحافظ ابن كثير – تحقيق أحمد محمد شاكر، ص 141
[3]  މިރިވާޔަތް އިސްވެދިޔަ ތާނގައި ޛިކުރުކުރެވިފައިވާނެއެވެ.
[4]  الباعث الحثيث شرح اختصار علوم الحديث للحافظ ابن كثير
– تحقيق أحمد محمد شاكر، ص 142
[5]  رواه أبو داود
[6]  رواه الترمذي
[7]  رواه ابن ماجه
[8]  رواه ابن ماجه
[9]  رواه أبو داود والنسائي والترمذي وغيرهم.
[10]  مجموع الفتاوى لابن تيمية: 18/8
[11]  قواعد المحدثين، ص 338
[12]  مجموع الفتاوى لابن تيمية: 18/8
[13]  تهذيب التهذيب: 3/279
[14]  تقريب التهذيب: 1/245
[15]  الباعث الحثيث شرح اختصار علوم الحديث للحافظ ابن كثير
 – تحقيق أحمد محمد شاكر، ص 142
[16]  تهذيب التهذيب: 2/175
[17]  الكامل في ضعفاء الرجال للإمام الحافظ ابن عدي الجرجاني، 5/114
[18]  الكامل في ضعفاء الرجال للإمام الحافظ ابن عدي الجرجاني، 5/114
[19]  قواعد المحدثين، ص 338
[20]  قواعد المحدثين، ص 338
[21]  الباعث الحثيث شرح اختصار علوم الحديث للحافظ ابن كثير
 – تحقيق أحمد محمد شاكر، ص 142
[22]  أصول التخريج ودراسة الأسانيد، ص 198

 

ޙަދީޘް ޢިލްމުގައި މަޝްހޫރު ސަނަދުތަކުގެތެރެއިން...
 عمرو بن شعيب عن أبيه عن جده (2)

ޙަދީޘް ޢިލްމުގައި މަޝްހޫރު ސަނަދުތަކުގެތެރެއިން...
 عمرو بن شعيب عن أبيه عن جده (1)

 
 
 
މިވެބްސއިޓްގައިވާ ލިޔުންތައް އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވަންވާނީ ދާލަގެ ހުއްދަ ލިބިގެންނެވެ.
Copyright © 2011 Dhaala. All rights reserved.