header
ގުޅޭ ލިޔުންތައް

ޙަދީޘް ޢިލްމުގައި މަޝްހޫރު ސަނަދުތަކުގެތެރެއިން...    عمرو بن شعيب عن أبيه عن جده (2)

އިސްމާޢީލް ރިޔާޟް، ތ.ކަނޑޫދޫޫ
02 11 2011

أبيه :


أبيه ނުވަތަ އޭނާގެ ބައްޕަކަމަށް މިސަނަދުގައި ބުނެފައިމިވާ ރާވީއަކީ عمرو ގެ ބައްޕަކަމާމެދަކު އެއްވެސް ޚިލާފެއް ނެތެވެ. މިރާވީގެ ފުރިހަމަ ނަމަކީ شعيببن محمد بن عبد الله بن عمرو بن
 العاص بن وائل بن هاشم بن سعيد بن سعد ين سهم بن عمرو بن هصيص بن كعب
 بن لؤيبن غالب القرشي السهمي الحجازي އެވެ.
މިރާވީ ރިވާޔަތް ގެނެސްފައިވާ ރާވީންގެ ތެރޭގައި: މީނާގެ ކާފައާއި، ابن عباس، ابن عمر، معاوية، عبادة بن الصامت އަދި މީނާގެ ބައްޕަ ހިމެނެއެވެ. [1]
މިރާވީގެ ފަރާތުން ރިވާޔަތް ގެނެސްފައިވާ ރާވީންގެ ތެރޭގައި: މީނާގެ ދެދަރިންކަމުގައިވާ عمروއާއި عمر،ثابت البناني،
 أبو سحابة زياد بن عمرو، سلمةبن أبي الحسام، عثمان بن حكيم އަދި عطاء الخراساني ހިމެނެއެވެ. [2]
އިބްނު ޙިއްބާން "އައްޘިޤާތު" ގައި މިރާވީ ޛިކުރުކުރައްވާފައިވެއެވެ. އަދި ޚަލީފާ ވަނީ ޠާއިފުންގެ އަހުލުވެރިންގެ ތެރެއިން ފުރަތަމަ ޠަބަޤާގައި މިރާވީ ޛިކުރުކުރައްވާފައެވެ. [3]
އިބްނު ޙަޖަރު ވިދާޅުވަނީ މިރާވީއަކީ ޞަދޫޤު އެއްކަމުގައެވެ. [4]  އަދި އައްޛަހަބީވެސް ވިދާޅުވަނީ މިރާވީއަކީ ޞަދޫޤު އެއްކަމުގައެވެ. [5]  އަދި އަލްޚަޒްރަޖީ ވިދާޅުވެފައިވަނީ މިރާވީއަކީ ثقة އެއްކަމުގައި އިބްނު ޙިއްބާން ވިދާޅުވާކަމުގައެވެ. [6]  އެހެންކަމުން ބެލެވޭނީ އައްޠައްޙާންވެސް [7]  ނިންމަވާފައިވާފަދައިން މިރާވީއަކީ އިތުބާރުހުރި ރާވީއެއްކަމުގައެވެ.

جده :
جده ނުވަތަ އޭނާގެ ކާފަކަމަށް މިސަނަދުގައި ޛިކުރުކުރެވިފައިމިވާ ރާވީގެ މުރާދަކީ محمد بن عبد الله بن عمرو 
ކަމުގައި އިމާމު އަޙްމަދު ދެކެވަޑައިގަންނަވައެވެ. [8]  ނަމަވެސް އޭގެ މުރާދާމެދު الشيخ أحمد شاكر ވިދާޅުވެފައިވަނީ އެއީ عبد الله بن عمرو ކަމުގައެވެ. އަދި ޙަޤީޤަތުގައި އެއީعمرو ގެ ބައްޕަ شعيب ގެ ކާފަކަމުގައެވެ. [9]  އަދި ހަމައެހެންމެ الأستاذ الدكتور عبد الله شعبان ވެސް ވިދާޅުވަނީ މިސަނަދުގައި މިވާ "جده"ގެ ضميرރުޖޫޢަވަނީ عمرو ގެ ބައްޕަ شعيب އަށްކަމުގައެވެ. [10]  އެހެންވީމާ މިރާވީގެ ފުރިހަމަ ނަމަކަށްވާނީ عبد الله بن عمرو بن العاص
 بن وائل بن هاشمبن سعيد بن سعد ين سهم بن عمرو بن هصيص بن كعب
 بن لؤي بن غالب القرشي السهمي الحجازي އެވެ.
މިރާވީއަކީ ރަސޫލުﷲ (صلى الله عليه وسلم) ގެ ޞަޙާބީއެކެވެ. [11]  އެހެންކަމުން "ހުރިހާ އަޞްޙާބު ބޭކަލުންނަކީވެސް ޢަދުލުވެރިންނޭ" ބުނެއުޅޭ އުޞޫލުން މިރާވީއަކީ އިތުބާރުހުރި ރާވީއެކެވެ. މިކަމާ އެއްވެސް ޝައްކެއް ވަސްވާހެއް ނެތެވެ.

މިސަނަދަކީ ގުޅިފައިވާ ސަނަދެއްތަ؟
ޙަޤީޤަތުގައި މިސަނަދުގައި ހިމެނޭ ކޮންމެ ރާވީއެއްވެސް ޙަދީޘް ތަޙައްމަލުކުރުމަށްފަހު، އެއަދާކޮށްފައިވާއިރު ބޭނުންކުރައްވާފައިވަނީ "عنعنة" ގެ لفظ އެވެ. (އެބަހީ: "عن" އެވެ.) މި لفظ އިން ސީދާ އޭނާގެ ޝައިޚުގެ ފަރާތުން ޙަދީޘް އަޑުއެހިކަމުގެ މާނަ ދޭހަކޮށެއް ނުދެއެވެ. ފަހަރުގައި އެހެން ފަރާތެއްވެސް އެދެމެދުގައި ބަޔާންނުކުރެވި އޮވެދާނެއެވެ. ނަމަވެސް އެ "عنعنة" ގެ لفظ ބޭނުންކޮށްފައިވާ ރާވީގެ ޙާލަތަށް އިތުރަށް ބެލުމަށްފަހު، ބައެއް ޙާލަތްތަކުގައި އެއީ ސީދާ އޭނާގެ ޝައިޚުގެ ފަރާތުން ޙަދީޘް އަޑުއެހިކަމުގެ މާނަދޭހަވާ لفظ އެއްގެގޮތުގައިވެސް ބެލެވިދާނެއެވެ. މިޘާލަކަށް އެރާވީއަކީ މުދައްލިސް އަކަށް ނުވެފައި، އޭނާ ރިވާޔަތް ގެނެސްފައިވާ ފަރާތާއި ބައްދަލުވުމުގެ ކުޅަދާނަކަން ލިބިިފައިވާ ރާވީއެއްކަމުގައި ޘާބިތުވެއްޖެނަމަ "عن" އަކީ ހަމަ "حدثنا" އޭ ބުނުމާއި އެއްފެންވަރެއްގެ لفظ އެކެވެ.
ކޮންމެއަކަސް މިސަނަދުގެ ފުރަތަމަ ރާވީ (އެބަހީ: عمرو بن شعيب) ވެސް "عن" މި لفظ ބޭނުންކުރައްވާފައިވުމުން މިރާވީއާއި އޭނާގެ ބައްޕައާއި ދެމެދުން އެހެން ރާވީއެއްގެ ނަން ބަޔާންނުކުރެވިވޭތޯ ބަލައިލާން އެބަޖެހެއެވެ. މިގޮތުން މިކަން ދެނެގަތުމަށްޓަކައި ތަފާތު ފަރާތްތަކަށް نظرހިންގައިލުމުންވެސް މީނާއަކީ މުދައްލިސް އެއްގެގޮތުގައި ސިފަކުރެވިފައިވާތަނެއް ނުފެނެއެވެ. އަދި ހަމައެހެންމެ މިރާވީ އޭނާގެ ބައްޕައާއި ދިމާނުވާކަމަށް ބަޔާންކުރެވިފައިވާތަނެއްވެސް ނުފެނެއެވެ. އަދި ކިއެއްތަ! އަލްއިމާމުއްނަސާއީ ގެ ރިވާޔަތަކުން "حدثنا" ގެ لفظބޭނުންކޮށްގެން (އެބަހީ: ސީދާ އަޑުއެހިކަމުގެ މާނަ ދޭހަވާފަދަ لفظ އެއް ބޭނުންކޮށްގެން) މިރާވީ އޭނާގެ ބައްޕަގެ ފަރާތުން ރިވާކޮށްފައިވާތީ ފެނެއެވެ. އެރިވާޔަތުގައި މިވަނީ: "أخبرنا إسماعيل بن مسعود،
 قال: حدثنا خالد بنالحارث، قال: حدثنا حسين المعلم، عن عمرو بن شعيب أن أباه حدثه 
عن عبد الله بن عمرو، قال: لما فتح رسول الله صلى الله عليهوسلم مكة قام خطيبا فقال في خطبته:
 لا يجوز لامرأة عطية إلا بإذن زوجها" [12]  މިފަދައިންނެވެ. އެހެންކަމުން މިއިން އެނގިގެންދަނީ މިރާވީއާއި އޭނާގެ ބައްޕައާއި ބައްދަލުވެފައިވާކަމެވެ. އަދި މިސަނަދު މިހާހިސާބަށް ގުޅިފައިވާކަމެވެ.
شعيب ވެސް ރިވާޔަތް ގެނެސްފައިވަނީ "عن" މި لفظ ބޭނުންކުރައްވައިގެންނެވެ. އެހެންނަމަވެސް މިތާނގައި މައްސަލައެއް އެބައޮތެވެ. އެއީ، شعيب އަކީتدليس ކުރާ މީހެއްގެ ގޮތުގައި ސިފަކުރެވިފައިވާތީއެވެ. އިބްނު ޙަޖަރު ވިދާޅުވަނީ ފަހަރެއްގައި މިރާވީ މިތާނގައި تدليس ކޮށްފައި އޮވެދާނެއެވެ. [13]  ނަމަވެސް އައްޠައްޙާން ވިދާޅުވެފައިވަނީ އިބްނު ޙަޖަރު تدليس ކުރާ މީހުން ދަރަޖަތަކަކަށް ބައްސަވާފައިވާއިރު މިރާވީ ޛިކުރުކުރައްވާފައިވަނީ އޭގެތެރެއިން ދެވަނަ طبقةގައި ކަމަށެވެ. އަދި މި طبقة ގެ އަހުލުވެރިންނަކީ ކޮންކަހަލަގެ ބަޔެއްކަން ބަޔާންކުރެއްވުމުގެގޮތުން ވިދާޅުވެފައިވަނީ "މިބައިމީހުންނަކީ އެބައިމީހުންގެ تدليسކުރުންތައް އިމާމުން ބަލައިގެންފައިވާ ބަޔެއްކަމުގައެވެ." [14]  ސަބަބަކީ އެބައިމީހުންގެ ރިވާޔަތްތަކުގައި تدليس ގެ އަސަރު ކުޑަވުމާއި އަދިވެސް އެހެނިހެން ބައެއް ކަންކަމަށްޓަކައެވެ. އެހެންކަމުން އައްޠައްޙާން ވިދާޅުވަނީ "އަޅުގަނޑުމެންވެސް މިތާނގައިމިވާ މިރާވީގެ تدليس ބަލައިގަންނާނީއެވެ. އަދި މިތާނގައިމިވާ "عنعنة" ސީދާއަޑުއެހި މާނައިގައި ބަލައިގަންނާނީއެވެ. ސަބަބަކީ މިރާވީގެ تدليس ކުރުންތައް މަދުވެފައިވުމާއެކު، މިރާވީ އޭނާގެ ކާފަގެ އަރިހުން ޙަދީޘް އަޑުއެއްސެވިކަން ޘާބިތުވާތީއެވެ." [15]  އެހެންވީމާ، މިހާހިސާބުންވެސް މިސަނަދު ގުޅިފައިވެއެވެ. والله أعلم.
(ނުނިމޭ)


[1]  تهذيب التهذيب: 2/175، سير أعلام النبلاء: 5/181
[2]  تهذيب التهذيب: 2/175، سير أعلام النبلاء: 5/181
[3]  تهذيب التهذيب: 2/175
[4]  تقريب التهذيب: 1/245
[5]  الكاشف، 2/13-14
[6]  خلاصة تذهيب تهذيب الكمال، ص 167
[7]  أصول التخريج ودراسة الأسانيد للطحان، ص 195
[8]  الكامل في ضعفاء الرجال للإمام الحافظ ابن عدي الجرجاني، 5/116
[9]  الباعث الحثيث شرح اختصار علوم الحديث للحافظ ابن كثير – تحقيق أحمد محمد شاكر، ص 141
[10]  قواعد المحدثين لعبد الله بن شعبان، ص 337
[11]  تقريب التهذيب: 1/303-304
[12]  سنن النسائي: 5/49
[13]  تهذيب التهذيب: 3/279
[14]  أصول التخريج ودراسة الأسانيد، ص 196
[15]  أصول التخريج ودراسة الأسانيد، ص 196

 

ޙަދީޘް ޢިލްމުގައި މަޝްހޫރު ސަނަދުތަކުގެތެރެއިން...
 عمرو بن شعيب عن أبيه عن جده (3)

ޙަދީޘް ޢިލްމުގައި މަޝްހޫރު ސަނަދުތަކުގެތެރެއިން...
 عمرو بن شعيب عن أبيه عن جده (1)

 
 
 
މިވެބްސއިޓްގައިވާ ލިޔުންތައް އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވަންވާނީ ދާލަގެ ހުއްދަ ލިބިގެންނެވެ.
Copyright © 2011 Dhaala. All rights reserved.