header
ގުޅޭ ލިޔުންތައް
 ބަނޑުގައިވާދަރި ވައްޓައިލުމުން ލާޒިމުވާ ޙުކުމްތައް (2)
ޝަފީޢާ ޢަބްދުއްރައްޒާޤް، ހދ.ހަނިމާދޫ
02 11 2011
babypic

ދަރިވެއްޓުމުގެ ނުބައިކަމާއި ނުރައްކާތެރިކަން
ތަރައްޤީވަމުންމިދާ ޒަމާނުގައި އިންސާނުންގެ އުޅުމާއި އަޚުލާޤަށް އަދި ވިސްނުމަށް ދަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އެގޮތުން، މުޅި ދުނިޔެއަށް ބަލައިލިކަމުގައިވިޔަސް އެންމެ ހޫނުގަދަކޮށް ބަޙުޘްކުރެވޭ އެއްމައްސަލައަކީ ދަރިވެއްޓުމުގެ މައްސަލައެވެ. ފަހަކަށް އައިސް މިކަމަކީ މިދިވެހި ޤައުމުގައި ވަރަށް ޢާއްމުވެފައިވާ ކަމެކެވެ. ދިވެހިރާއްޖޭގެ އަވަށްޓެރި ޤައުމެއްކަމަށްވާ އިންޑިޔާއަށް މަހެއްގެ މަތިން އެތަކެއް ދިވެހި އަންހެން ކުދިންނެއް މިބޮޑު ޖަރީމާ ހިންގުމަށްދެއެވެ. އަދި މިކަމުގެ ސަބަބުން ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭ މިދިވެހި ޤައުމުގެ ނަމަށްވަނީ ކިލަނބުކަން ވެރިވެފައެވެ.


ދަރިވައްޓާލުމަށް ވަރަށް ގިނަ ބަހަނާތަކާއި ސަބަބުތަކެއް ދައްކަމުންދެއެވެ. ޢާއްމު ގޮތެއްގައި ދަރިވައްޓަމުންގެންދަނީ ކުއްޖާ ރަޙިމުގައިއޮވެއްޖެނަމަ، މައިމީހާގެ ފުރާނައަށް ނުރައްކާވެދާނެކަމަށްޓަކައާއި ކުއްޖާގެ ގައިގައި އުފެދުމުގައިވެސް ޢައިބެއް ހުރުމުގެ ސަބަބުންނެވެ. ގަދަކަމުން ޖިންސީގުޅުން ހިންގައިގެންނާއި ޒިނޭކޮށްގެން ބަނޑުބޮޑުވެއްޖެނަމަ، ދަރި ވައްޓާލައެވެ. އަދި ހަމައެހެންމެ، ކުދިން ބަލާނެހާ ފައިސާ ނެތިގެން ނުވަތަ ކުއްޖަކު ހޯދަން މާއަވަސްވުމުންނޭ ކިޔައިފަވެސް މިނުބައި ޢަމަލުކުރަމުންދެއެވެ. އަދި މިނޫންވެސް އެހެނިހެން ސަބަބުތަކާހުރެ މިޢަމަލު ހިންގަމުންދެއެވެ. މިކަމުގެ ސަބަބުން މައިމީހާއަށާއި، ޢާއިލާއަށް އަދި މުޖުތަމަޢުއަށް ބޮޑެތި ގެއްލުންތަކާއި ނުރައްކާތެރިކަމާ ކުރިމަތިލާންޖެހެއެވެ.


އެބޯޝަން ހެދުމުގެ ސަބަބުން މައިމީހާގެ ޞިއްޙަތައް ވަރަށް ގިނަ ގެއްލުންތަކެއް ކުރިމަތިވެއެވެ. އަދި އެބޯޝަން ހެދުމުގެ ސަބަބުން، ބައެއް މީހުންނަށް މަރާ ކުރިމަތިލާންޖެހޭ ފަހަރުވެސް އާދެއެވެ. ދަރިވައްޓާލަން ބޭނުންކުރާ އެކި އާލަތްތަކުގެ ސަބަބުން ރަޙިމަށް އެކިކަހަލަ ބަލިތައް ޖެހި ބޮޑެތި ގެއްލުންތައް ލިބެއެވެ. އަދި ގިނައިން ލޭއައިސް ދަރިންލިބުމުން މަޙުރޫމްވާތަންވެސް އާދެއެވެ. [1]  މުޖުތަމަޢުއަށްކުރާ ނޭދެވޭ އަސަރުތަކުގެތެރޭގައި، މުޖުތަމަޢުގައި ފާޙިޝް ނުބައި ޢަމަލުތައް ފެތުރިގެންދިއުން ހިމެނެއެވެ. އަދި މުޖުތަމަޢުގައި އެކަކު އަނެކަކާމެދު އޮންނަންޖެހޭ ރަޙުމާއި ކުލުނު ނެތިގޮސް އަނިޔާވެރިކަން ޢާއްމުވެއެވެ.           


އަނިޔާވެރިކަމާއި، ގެއްލުމާއި، ހަލާކު އެކަމެއްގައިވާ ކޮންމެކަމެއް އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވެއެވެ. ފަޤީރުވެދާނެކަމަށްޓަކައި ނުވަތަ ޚަރަދުކުރާނޭ ފައިސާނެތޭ ކިޔާފައި ދަރިން މެރުމަކީ އިސްލާމްދީން ހުއްދަކުރާކަމެއް ނޫނެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (وَلا تَقْتُلُوا أَوْلادَكُمْ خَشْيَةَإِمْلاقٍ نَحْنُ نَرْزُقُهُمْ وَإِيَّاكُمْ إِنَّ قَتْلَهُمْ كَانَ خِطْئًا كَبِيرًا) سورة الإسراء: 31   
މާނައީ: ފަޤީރުވެދާނެކަމުގެ ބިރައްޓަކައި ތިޔަބައިމީހުން ތިޔަބައިމީހުންގެ ދަރިންނުމަރާށެވެ. ތިޔަބައިމީހުންނާއިއެކު، އެދަރިންނަށް ތިމަންރަސްކަލާނގެ ރިޒްޤުދެއްވަމެވެ. ހަމަކަށަވަރުން އެދަރީން މެރުން އެއީ، ބޮޑުވެގެންވާ ކުށެއްކަމުގައިވެއެވެ.


ދުނިޔޭގެ ލަދުން ސަލާމަތްވުމަށްޓަކައި މިޙަރާމް ކަންތައް ކުރަމުންދާއިރު، އާޚިރަތުގެ ޢަޒާބުން ސަލާމަތް ނުވެވޭނެކަން ނުވިސްނެނީބާވައެވެ. އެހެނީ، ގަސްތުގައި މީހަކު މަރައިފިނަމަ އާޚިރަތުގައި ޖަޒާއަކީ ނަރަކައެވެ. އަދި ﷲ ގެ ކޯފާއާއި ލަޢުނަތް އެފަދައިން ކަންކުރާމީހުންނަށް ލިބެއެވެ!
(ނުނިމޭ)


[1]  أحكام الجنين في الفقه الإسلامي، ص 126

 
 ބަނޑުގައިވާދަރި ވައްޓައިލުމުން ލާޒިމުވާ ޙުކުމްތައް(3)
 ބަނޑުގައިވާދަރި ވައްޓައިލުމުން ލާޒިމުވާ ޙުކުމްތައް(1)
 
 
 
މިވެބްސއިޓްގައިވާ ލިޔުންތައް އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވަންވާނީ ދާލަގެ ހުއްދަ ލިބިގެންނެވެ.
Copyright © 2011 Dhaala. All rights reserved.