header
ގުޅޭ ލިޔުންތައް
 ބަނޑުގައިވާދަރި ވައްޓައިލުމުން ލާޒިމުވާ ޙުކުމްތައް (1)
ޝަފީޢާ ޢަބްދުއްރައްޒާޤް، ހދ.ހަނިމާދޫ
02 11 2011
babypic

ބައެއް ތަޢުރީފުތައް

ދަރިވައްޓައިލުމުގެ ވާހަކަ ދެއްކުމުގެ ކުރިން ބަނޑުގައިވާ ދަރިފުޅަކީ ކޮބައިކަން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ރަޙިމުގައިވާ ދަރިފުޅު ނުވަތަالجنين ގެ ތަޢުރީފު އެކި ޢިލްމުވެރިން އެކި ގޮތަށް ގެންނަވާފައިވެއެވެ. ނަމަވެސް، އެހުރިހާ ތަޢުރީފުތަކެއް ގެންނަންވެއްޖެނަމަ މިބަޙުޡް މާދިގުވެދާނެތީ ބައެއް ޢިލްމުވެރިންގެ ބަސްފުޅުތަކުން ފުއްދާލާނަމެވެ.

مفهوم  الجنين:
الجنين ނެގިފައިވަނީ أجن عنه واستجن އިންނެވެ. މާނައަކީ، އެއްޗެއްގެ ތެރޭގައި ހައްޔަރުކުރެވިފައިވުމެވެ. އަދި ބަނޑުގައިވާ ދަރިފުޅުގެ މާނައިގަވެސްވެއެވެ. الجنين ގެ ގިނަގޮތަކީ  أجنة ނުވަތަ أجين އެވެ. [1]  މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. (...هُوَأَعْلَمُ بِكُمْ إِذْ أَنْشَأَكُمْ مِنَ الأرْضِ وَإِذْ أَنْتُمْ أَجِنَّةٌ فِي بُطُونِ أُمَّهَاتِكُمْ...) [2]
މާނައީ: ތިޔަބައިމީހުން ބިމުން ހެއްދެވި ހިނދުގައްޔާއި، ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުގައި ޅަދަރިންގެ ގޮތުގައި ތިޔަބައިމީހުން ތިބިހިނދުގައިވެސް،އެކަލާނގެ ތިޔަބައިމީހުންގެ ކަންތައް ދެނެވޮޑިގަތުން ބޮޑެވެ.


ހުރިހާ ފިޤްހު ޢިލްމުވެރިން އެއްބަސްވެލައްވާގޮތުގައި ޖަނީންއަކީ މައިމީހާގެ ބަނޑުގައިވާ ދަރިފުޅެވެ. ނަމަވެސް، ޢިލްމުވެރިންގެ އަރިހުގައި ޖަނީނަކަށްވުމުގެ ޙާލަތްތައް ނުވަތަ މަރުޙަލާތައް ތަފާތެވެ.


حنفي ންގެ އަރިހުގައި الجنين އަކަށް ވަނީ، އިންސާނެއްގެ ސިފަ ނުވަތަ ބައެއް ސިފަ ޖެހުމުންނެވެ. އިންސާނެއްގެ ސިފަ ޖެހިއްޖެނަމަ ވާނީولد (ދަރިފުޅު) އަކަށެވެ. އެބަހީ، ޖަނީނަކީ ކުޑަދަރިފުޅެވެ. އިންސާނެއްގެ ސިފަޖެހުމުގެކުރިންވާނީ ފެންފޮދެއް ނުވަތަ މަސްކޮޅެއް ނުވަތަ ގަނޑު ލޭކޮޅަކަށެވެ. މިތަކެތީގެ ޙަޤީޤަތެއް ނޭނގެއެވެ. އެހެނީ، ފުރާނައެޅި ކުއްޖަކަށްވާނެކަމާމެދު ޔަޤީންކަމެއް ނެތެވެ. [3]  مالكي ންގެ އަރިހުގައި އަންހެނާގެ ރަޙިމުގައިވާ ކޮންމެ އެއްޗެއް، އެއީ، ފެންކޮޅެއް ނުވަތަ ގަނޑު ލޭކޮޅެއްވިޔަސް ވާނީ ޖަނީނެއްކަމަށެވެ. [4]

مفهوم  الاجهاض:
ބަހުގެގޮތުން ބަލާއިރު، الاجهاض ނެގިފައިވަނީ  جهض  އިންނެވެ. މާނައަކީ، ވައްޓާލުން ނުވަތަ އެއްލައިލުމެވެ. އަންހެން ޖަމަލެއް، އޭތި ބަނޑުގައިވާ ދަރިފުޅު ވައްޓާލުމަށްވެސް الاجهاض އޭ ކިޔައެވެ. ފިޤުހު ޢިލްމުވެރިން الاسقاط، الاجهاض  ގެ ބަދަލުގައި ބޭނުންކޮށް އުޅެތެވެ. މާނައަކީ،އަންހެނާގެ ރަޙިމުގައިވާ ޖަނީން އެރަޙިމުގެ ބޭރުގައި ދިރިއުޅެވޭ ވަރަށްވުރެ ބޮޑުވުމުގެ ކުރިން ނުވަތަ ފަހުންވިޔަސް، އަދި ފުރާނައެޅުއްވުމުގެ ކުރިން ނުވަތަ ފަހުންވިޔަސް ގަސްތުގައި ޖަނީން ވައްޓާލުމެވެ. [5]  މިއަށް ދިވެހިބަހުން ކިޔާ ނަންތަކުގެ ތެރޭގައި ދަރިވެއްޓުން ނުވަތަ ދަރިވައްޓާލުންފަދަ ބަސްތައްވެއެވެ. އިނގިރޭސިބަހުން ދަރިވެއްޓުމަށްAbortion   އޭ ކިޔެއެވެ.


ޑޮކްޓަރުން އިޖުހާޟުގެ މާނަކުރައްވާގޮތުގައި، އެއީ، ދުނިޔެއަށް އުފަންވުމުގެ ކުރިން ނުވަތަ ހަތް މަސްވުމުގެ ކުރިން ވިހެއުން ނޫން ގޮތަކަށް މައިމީހާގެ ރަޙިމުން ބޭރުވުމެވެ. މިއަށް ދިވެހި ބަހުން 'ބައިގެންދިއުމޭ' ނުވަތަ 'މައްސަރުން ނެއްޓުމޭ' ކިޔައެވެ. ސަބަބަކީ، ޠަބީޢީގޮތުން ކުއްޖާ ވެއްޓޭތީއެވެ. އިނގިރޭސިބަހުން ކިޔާނަމަ، މިއީ،MISCARRIAGE   އެވެ.


ބަނޑުގައިވާ ދަރިފުޅު ތަފާތު އެކި ވަސީލަތްތައް ބޭނުންކޮށްގެން، އެކި ސަބަބުތަކަށްޓަކައި ވައްޓަމުންދެއެވެ. ކޮންމެއަކަސް، މިކަމަކީ އިސްލާމްދީން ނަހީކުރާ ބޮޑުފާފައެކެވެ.
(ނުނިމޭ)


[1]  القاموس المحيط، باب النون، فصل الجيم، ج4، ص 212
[2]  سورة النجم 32
[3]  البحر الرائق شرح كنز الدقائق: ج1، ص229
[4]  أحكام الجنين في الفقه الإسلامي، ص30
[5]  بحوث فقهية في مسائل طبية معاصرة، ص 205

 
 ބަނޑުގައިވާދަރި ވައްޓައިލުމުން ލާޒިމުވާ ޙުކުމްތައް(3)
 ބަނޑުގައިވާދަރި ވައްޓައިލުމުން ލާޒިމުވާ ޙުކުމްތައް(2)
 
 
 
މިވެބްސއިޓްގައިވާ ލިޔުންތައް އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވަންވާނީ ދާލަގެ ހުއްދަ ލިބިގެންނެވެ.
Copyright © 2011 Dhaala. All rights reserved.