header
ގުޅޭ ލިޔުންތައް
އިސްމާޢީލް ރިޔާޟް، ތ.ކަނޑޫދޫ
02 11 2011

ތަކްޔީފުކުރުމާއި ތަމްޘީލުކުރުން


ތަކްޔީފުކުރުމަކީ ﷲ ތަޢާލާގެ ސިފަފުޅުތައްވަނީ އެފަދައިން ނުވަތަ މިފަދައިންނޭ ބުނެ، އެކަމަށް އިޢުތިޤާދުކުރުމެވެ.
ތަމްޘީލުކުރުމަކީ ﷲ ތަޢާލާގެ ޞިފަފުޅުތައްވަނީ މަޚްލޫޤުތަކުންގެ ޞިފަތައްފަދައިންކަމުގައި އިޢުތިޤާދުކުރުމެވެ.


މިތަޢުރީފުތަކުން އެނގެނީ ތަމްޘީލުކުރުމަށްވުރެ، ތަކްޔީފުކުރުން ޢާއްމުވެގެންވާކަމެވެ. އެހެންކަމުން، ކޮންމެ ތަމްޘީލުކުރުމަކީ ތަކްޔީފުކުރުމެއްކަމުގައި ބުނެވިދާނެތެވެ. މިއާޚިލާފަށް ކޮންމެ ތަކްޔީފުކުރުމަކީ ތަމްޘީލުކުރުމެއްކަމުގައެއް ނުބުނެވޭނެތެވެ.


ޞިފަފުޅުތަކުގެ ކައިފިއްޔަތު ބަޔާންކުރުމާގުޅޭގޮތުން ވަރަށް ޢާޢްމު ޤާޢިދާއެއް އޮވެއެވެ. އެއީ، އިމާމު މާލިކުގެ އަންނަނިވި ބަސްފުޅެވެ. "ﷲ ތަޢާލާ އިސްތިވާވެވޮޑިގެންވުންވަނީ ބަޔާންވެ، އެނގިގެންނެވެ. އަދި އޭގެ ކައިފިއްޔަތު (އެބަހީ: އެއީ ކިހިނެއްކަން) އެނގިގެނެއް ނުވެއެވެ. އެއަށް އީމާންވުން ވާޖިބުވެގެންވެއެވެ. އަދި އެއާބެހޭގޮތުން ސުވާލުކުރުމަކީ ބިދުޢައެކެވެ." [1]


ބަހުގެގޮތުން ފަރަޤެއްވީކަމުގައިވިޔަސް، ތަމްޘީލުކުރުމާއި ތަޝްބީހުކުރުން މިތާނގައި މިވަނީ އެއްމާނައެއްގައެވެ.


ތަމްޘީލުކުރި މީހުންގެ ތެރޭގައި ކިރާމީންނާއި ރާފިޟާއިންގެ ހިޝާމިއްޔާއިން ހިމެނެއެވެ. ރާފިޟާއިން ފުރަތަމަ ތަޝްބީހުކުރިއެވެ. ފަހުން މުޢުތަޒިލާއިންފަދައިން ތަޢުޠީލުކުރިއެވެ.


ކޮންމެ ތަޢުޠީލުކުރާ މީހަކީ ތަމްޘީލުކުރާ މީހެކެވެ. އަދި ތަމްޘީލުކުރާ ކޮންމެ މީހަކީ ތަޢުޠީލުކުރާ މީހެކެވެ.
ކޮންމެއަކަސް މިގޮތަށް ތަކްޔީފުކުރާ ނުވަތަ ތަމްޘީލުކުރާ މީހުންނަށް ދެވޭނެ އެންމެ ބަރުހެލި ރައްދަކީ އަންނަނިވި އާޔަތެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (... لَيْسَ كَمِثْلِهِ شَيْءٌ ...) (ސޫރަތުއްޝޫރާ: 11)
މާނައީ: އެކަލާނގެއާއެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ.


އިބްނު ޢުޘައިމީން ވިދާޅުވަނީ ﷲ ތަޢާލާގެ ޞިފަފުޅުތަކާ އެއްވެސް މަޚުލޫޤެއްގެ ޞިފައަކާ އެއްވައްތަރުވެގެން ނުވާކަމުގެ ދަލީލު މިއާޔަތުން ލިބޭކަމުގައެވެ. [2]

ތައުވީލުކުރުން
ބަހުގެގޮތުން ތައުވީލު: تأويل ނެގިފައިވަނީ أوّل އިންނެވެ. މާނައަކީ: އެނބުރި ދިއުން، ބަދަލުވުމެވެ.


ތައުވީލުކުރުމަކީ ކީރިތި ޤުރުއާނާއި ރަސޫލުﷲ (صلى الله عليه وسلم) ގެ ޞައްޙަ ސުންނަތުގައި ވާރިދުވެގެންވާ ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގެ ޙަޤީޤީ މުރާދަކީ އެހެން މުރާދެއްކަމުގައި އިޢުތިޤާދުކުރުމެވެ.


ޞިފަފުޅުތައް ތައުވީލުކުރުމާގުޅޭގޮތުން 3 މަޛުހަބެއްވެއެވެ. އެއީ ސަލަފުންގެ މަޛުހަބާއި، ޚަލަފުންގެ މަޛުހަބާއި އަދި މެދުމިނުގެ މީހުންގެ މަޛްހަބެވެ. އެހެންނަމަވެސް ޢާއްމުކޮށް މަޝްހޫރުވެފައިވަނީ ފުރަތަމަ ދެމަޛްހަބެވެ.


ސަލަފުންގެ މަޛުހަބު: މިމަޛްހަބުގެގޮތަކީ ތައުވީލު ނުކުރުމެވެ. އަދި މާތް ﷲ ގެ ޞިފަފުޅުތައް ކީރިތި ޤުރުއާނާއި ރަސޫލުﷲ (صلى الله عليهوسلم) ގެ ޞައްޙަ ސުންނަތުގައި ވާރިދުވެފައިވާގޮތަށް ޘާބިތުކުރުމެވެ. މިމަޛުހަބަށް މަޛްހަބުއްތަފްވީޟުއޭވެސް ކިޔެއެވެ.


ޚަލަފުންގެ މަޛުހަބު: މިމަޛުހަބުގެގޮތަކީ ތައުވީލުކުރުމެވެ. މިމަޛުހަބަށް މަޛްހަބުއްތައުވީލުއޭވެސް ކިޔެއެވެ

.
މެދުމިނުގެ މީހުންގެ މަޛްހަބު: އައްސުޔޫޠީ މިމަޛުހަބު ނަޤުލުކުރައްވާފައިވެއެވެ. އަދި ވިދާޅުވެފައިވެއެވެ. "އިބްނު ދަޤީޤުލްޢީދު މެދުމިންވިއެވެ. އެބޭފުޅާ ވިދާޅުވިއެވެ. "ޢަރަބިންގެ ބަހާ ތައުވީލު ގާތްކަމުގައިވާނަމަ، އެއަށް އިންކާރެއް ނުކުރެވެއެވެ. ނުވަތަ ދުރުވެގެންވާނަމަ، އެއާމެދު އެއްޗެކޭ ނުބުނެ އަޅުގަނޑުމެން މަޑުކޮށްލަމެވެ. އަދި އޭގެ މާނައަށް އަޅުގަނޑުމެން އީމާންވަމެވެ..." [3]


އަޝްޢަރީންނަކީ ތައުވީލުކުރުމުގައި އެންމެ ކުރީގައިތިބި މީހުންނެވެ.


ތައުވީލުކުރި މީހުން ތައުވީލުކުރީ ވަރަށް ގިނަ ސަބަބުތަކާހުރެކަމަށް ބުނެ އެބައިމީހުންގެ ދިފާޢުގައި އެބައިމީހުންނާއި އަދި ވަރަށް ޤަދަރުހުރި އެހެން ފަރާތްތަކުންވެސް ޢުޛުރުތައް ގެނެސްފައިހުރެތެވެ. މިޘާލަކަށް އެއް ވާހަކައަކީ އެބައިމީހުން ތައުވީލުކުރީ އިސްލާމްދީނަށް ނަޞްރު ދިނުމަށްޓަކައިކަމުގައި ބުނުމެވެ. މިވާހަކަ ޤަބޫލުނުކުރެވޭ ސަބަބަކީ މިގޮތަށް ތައުވީލުކުރުމުގެ ސަބަބުން ޝުބުހަ އުފައްދާ މީހުންގެ ޝުބުހަތަކުން ދީން ހިމާޔަތް ނުކުރެވުނުތާނގައި، އިތުރު އޮޅުންބޮޅުންތަކެއްގެ ތެރެއަށް ވަދެގެން ދިޔައީތީއެވެ. ޝުބުހަތަކުން އެކީއެކަށްޗަކަށް ދުރުހެލިއެއް ނުވެވުނެވެ. އެހެނެއްކަމަކު، ސަލަފުންގެ މަޛުހަބުގައި އޮތް ގޮތަށް މައްސަލަ ބާއްވައިގެން ޝުބުހަ އުފައްދާ މީހުންނާއި ޞިފަފުޅުތަކަށް އިންކާރުކުރި މީހުންނާ ޢިލްމީގޮތުން މުނާޤަޝާކުރިނަމަ، (ބޭކާރު ވާހަކަތަކެއްގެ ތެރެއަށް ގެނބިގެން ދިއުމަށްވުރެ) މާރަނގަޅު ނަތީޖާއެއް ނެރެވިގެން ދިޔައީސްކަން ގައިމެވެ. ކޮންމެއަކަސް ތައުވީލުކުރުމަކީ އައްސަޖުޒީވެސް [4] ވިދާޅުވެފައިވާފަދައިން ހަމަ މަަގުފުރެދުމެކެވެ.
ތައުވީލުކުރި ބައެއް މީހުން ބުނާގޮތުން ތައުވީލުކުރުމަކީ ލާޒިމުކަމެކެވެ. އެހެންނަމަވެސް މިއީ ކަނޑައެޅިގެން ބާޠިލު ބުނުމެއްކަމުގައިނޫނީ ނުވެއެވެ. އެހެނީ، އެއީ ލާޒިމުކަމެއްނަމަ ސަލަފުން އެކަން ކުރައްވާނެތީއެވެ.


ތައުވީލުކުރުމުގެ ނުބައި ވަބާ މިދިވެހިރާއްޖޭގައިވެސް ވަރަށް ބޮޑަށް ފެތުރިފައިވެއެވެ. އެގޮތުން ކީރިތި ޤުރުއާނުގެ ތަރުޖަމާތަކަށްދާންދެން މީގެ އަސަރުކޮށްފައިވެއެވެ. ރައީސް ނާޞިރުގެ ދައުރުގައި ނެރެވުނު ތަރުޖަމާގައާއި ރައީސް މައުމޫނުގެ ދައުރުގައި ނެރެވުނު ތަރުޖަމާގައިވެސް ވަރަށް ގިނަ ޞިފަފުޅުތައް ތައުވީލުކުރެވިފައިވެއެވެ. އެގޮތުން މިޘާލެއްގެގޮތުން އަންނަނިވި އާޔަތަށް ނަޒަރުހިންގައިލާނަމެވެ. (تَبَارَكَ الَّذِي بِيَدِهِ الْمُلْكُ...) (ސޫރަތުލްމުލްކު: 1)
މާނައީ: އެކަލާނގެ އަތްޕުޅުގައި ވެރިކަންވާ ރަސްކަލާނގެ މަތިވެރިވެވޮޑިގެންފިއެވެ.


މިއީ، މިއާޔަތުގެ އެންމެ ޞައްޙަ އެއް ތަރުޖަމާއެވެ. އެހެންނަމަވެސް، ރައީސް ނާޞިރުގެ ދައުރުގައި ނެރެވުނު ތަރުޖަމާގައިވަނީ "އެކަލާނގެ ޤުދުރަތުގައި ހުރިހާ ބާރަކާއި މުލްކެއް ހުރި ކަލާނގެ ހުރިހާ އުނިޞިފަތަކުން ހުސްދުރުވެވޮޑިގަންނަވަތެވެ." [5]  މިފަދައިންނެވެ. އަދި ރައީސް މައުމޫނުގެ ދައުރުގައި ނެރެވުނު ތަރުޖަމާގައިވަނީ "އެކަލާނގެ ޔަދު ޤުދުރަތްޕުޅުގައި ވެރިކަންވާ ރަސްކަލާނގެ މަތިވެރިވެވޮޑިގެންފިއެވެ." [6]  މިފަދައިންނެވެ. އަޅުގަނޑުމެން މަސައްކަތްކުރަންވީ މިކަމުން ދިވެހި މުޖުތަމަޢުއާއި އެންމެހާ މުސްލިމުން ސަލާމަތްކުރެވޭތޯއެވެ.
(ނިމުނީ)­­­­­­­


[1]  معتقد أهل السنة والجماعة في توحيد الأسماء والصفات للأستاذ الدكتور محمد بن خليفة التميمي، ص 79
[2]  القول المفيد على كتاب التوحيد للشيخ ابن عثيمين: 1/17
[3]  نقض عقائد الأشاعرة في كتاب مناهل العرفان لتوفيق علوان، ص 24-27
[4]  انظر: الآثار المروية عن السلف في العقيدة لتوفيق بن كمال طاس: 2/651
[5]  ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ޞ 986
[6]  القرآن الكريم ގެ ދިވެހި ތަރުޖަމާ ޞ 1206

 
ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ތަޙްރީފުކުރުމާއި ތައުޠީލުކުރުމާއި...(1)
 
 
 
މިވެބްސއިޓްގައިވާ ލިޔުންތައް އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވަންވާނީ ދާލަގެ ހުއްދަ ލިބިގެންނެވެ.
Copyright © 2011 Dhaala. All rights reserved.