header
ގުޅޭ ލިޔުންތައް
އިސްމާޢީލް ރިޔާޟް، ތ.ކަނޑޫދޫ
02 11 2011
asmaaullah,pic

ތަޢުޠީލުކުރުން
ބަހުގެގޮތުން ތަޢުޠީލުކުރުން: އައްތަޢުޠީލު ނެގިފައިވަނީ އަލްޢަޠުލު އިންނެވެ. މާނައަކީ ދޫކޮށްލުމެވެ.


އަލްއަސްމާއު ވައްޞިފާތުގެ ބާބުގައި ތަޢުޠީލުކުރުމަކީ: [1]  ހުރިހާ އިސްމުފުޅުތަކާއި ސިފަފުޅުތަކެއް ނުވަތަ އެއިން ބައެއްވިޔަސް އަދި (އެއަށްއޮތް) މަގުތައްވެސް ﷲ ތަޢާލާއަށް ނަފީކުރުމެވެ. ނުވަތަ އެހެންގޮތަކަށް ބުނަނީނަމަ، އެއީ، އިލާހުވަންތަކަމުގެ ޞިފަފުޅުތައް ނަފީކުރުމާއި ﷲ ތަޢާލާގެ ޛާތުފުޅަށް އެޞިފަފުޅުތައް ލިބިވޮޑިގެންވާކަމަށް އިންކާރުކުރުމެވެ.


ތަޢުޠީލުކުރި މީހުން ދެބަޔަކަށް ބެހިގެންވެއެވެ. އެއީ، ފިލޯސަފަރުންނާއި އަހުލުލްކަލާމެވެ.
ތަޢުޠީލުކުރި މީހުންގެ ތެރެއިން ފިލޯސަފަރުން ދެބަޔަކަށް ބެހިގެންވެއެވެ. އެއީ، أهل الفلسفة البحته އާއި أهل الفلسفةالباطنية އެވެ. أهل الفلسفة الباطنية ގެ ދެބައިގަނޑެއްވެއެވެ. އެއީ، ރާފިޟާއިންނާއި ޞޫފީންނެވެ.


ތަޢުޠީލުކުރި މީހުންގެ ތެރެއިން އަހުލުލްކަލާމުގެ [2]  މީހުން 5 ބަޔަކަށް ބެހިގެންވެއެވެ. އެއީ، ޖަހުމީންނާއި، މުޢުތަޒިލީންނާއި، ކަލާބީންނާއި، އަޝްޢަރީންނާއި އަދި މާތުރީދީންނެވެ. [3]


ތަޢުޠީލުކުރި މީހުން އެކަން ކުރުމަށްޓަކައި ދައްކައިއުޅޭ އެއް ބަހަނާއަކީ މާތް ﷲ އަށް ޞިފަފުޅުތައް ޘާބިތުކުރުމުން ދޭހަކޮށްދެނީ އެކަލާނގެއަކީ (އިންސާނުންފަދަ) ޖިސްމެއްކަމުގައެވެ. އަދި އެއީ، ކީރިތި ޤުރުއާނާއި ރަސޫލުﷲ (صلى الله عليه وسلم) ގެ ޞައްޙަ ސުންނަތުގައި ވާރިދުވެފައިވާ ޞިފަފުޅުތަކާއި އިންސާނުންގެ ސިފަތަކާއި އެއްވައްތަރުކަމުން ކަމުގައެވެ. އަދި މިބައިމީހުން ދެކޭގޮތުގައި ﷲ ތަޢާލާ މަޚުލޫޤުތަކުންނާއި އެއްވައްތަރުކުރުމުން ދުރުކުރާނަމަ، އެޞިފަފުޅުތައް ނަފީކުރަންޖެހެއެވެ. [4]  އަނެއް ބަހަނާއަކީ ޞިފަފުޅުތައް ގިނަވުމުން قدماء [5]  އިން ގިނަވާކަމުގެ ދަޢުވާއެވެ. މިބައިމީހުން ބުނާގޮތުން ޞިފަފުޅުތައް ޘާބިތުކުރުމުން ކޮންމެ ޞިފަފުޅަކީވެސް ވަކި އިލާހެއްގެގޮތުގައި ވެގެންދެއެވެ! އަދި މިއީ އުލޫހިއްޔަތުގައި ޝިރުކުކުރުންކަމުގައި މިބައިމީހުން ދެކެއެވެ. [6]


އެހެންނަމަވެސް، މިއީ ޤަބޫލުކުރެވޭނޭ ވާހަކަތަކެއް ނޫނެވެ. ފުރަތަމަކަމަކީ، މާތް ﷲ ގެ ޞިފަފުޅުތަކަކީ ކީރިތި ޤުރުއާނާއި ރަސޫލުﷲ (صلى الله عليهوسلم) ގެ ޞައްޙަ ސުންނަތުން ޘާބިތުވެފައިވާ ޞިފަފުޅުތަކެކެވެ. އަދި ރަސޫލުﷲ (صلى الله عليه وسلم) އާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންވަނީ މިޞިފަފުޅުތައް ޤަބޫލުކުރައްވާފައެވެ. އެކަމަކީ މަޚުލޫޤުތަކުންނާ އެއްފަދަވާ ނުވަތަ އެޞިފަފުޅެއް ޘާބިތުވުމުން މާތް ﷲ އީ ޖިސްމެއްގެގޮތުގައި ދޭހަކޮށްދޭ ކަމެއްނަމަ، ރަސޫލުﷲ (صلى الله عليه وسلم) އާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން އެޞިފަފުޅުތައް ނަފީކުރައްވާނެކަން ގައިމެވެ. [7] ޙަޤީޤަތުގައި މިބައިމީހުންނަށް ރައްދުދިނުމަށްޓަކައި އަންނަނިވި ދެއާޔަތް ފުދެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (... قُلْ أَأَنْتُمْ أَعْلَمُ أَمِاللَّهُ ...) (ސޫރަތުލްބަޤަރާ: 140)
މާނައީ: އެކަން އޮތްގޮތް ބޮޑަށް އެނގިފައިވަނީ ތިޔަބައިމީހުންނަށް ހެއްޔެވެ؟ ނުވަތަ ﷲ އަށް ހެއްޔެވެ؟ (ޔަޢުނީ: އެކަން އެނގިގެންވަނީ ﷲ އަށެވެ.)


އަދިވެސް ވަޙީކުރައްވާފައިވެއެވެ. (...وَهُوَ السَّمِيعُ الْبَصِيرُ ) (ސޫރަތުއްޝޫރާ: 11)
މާނައީ: އަދި އެކަލާނގެއީ އައްސަވާވޮޑިގެންވާ، ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.


ދެވަނަ ކަމަކީ، އިންސާނުންނަށް ބެލިކަމުގައިވިޔަސް އެބައިމީހުންގެ ޞިފަތަކަކީ އެބައިމީހުންނާ ވަކިން އުފެދިފައިވާ އެއްޗެއްކަމުގައެއް ނުވެތެވެ. އެހެނެއްކަމަކު، އެޞިފަތަކަކީ އެބައިމީހުންގެ ހަށިގަނޑާ ގުޅިފައިވާ ޞިފަތަކެކެވެ. އެހެންކަމުން، ﷲ ތަޢާލާއަށް ޞިފަފުޅުތައް ޘާބިތުކުރުމުން، އިތުރު އިލާހުންތަކެއް ނުއުފެދެއެވެ. އަދި އެކަލާނގެއަށް ޞިފަފުޅުތައް ޘާބިތުކުރުމަކުން، އެކަލާނގެއާއެކު އެހެން ފަރާތެއް ބައިވެރިކުރިކަމަކަށް ނުވާނެތެވެ! އަދި ދަންނަންޖެހޭ ނުކުތާއަކީ ޣައިބުގެ ކަންކަން ބުއްދިން ދެނެއެއް ނުގަނެވޭނެކަމާއި އޭގެ ބަދަލުގައި ވަޙީއިން އައިސްފައިވާގޮތަށް މިފަދަ ކަންކަމަށް ޙުކުމްކުރަންޖެހޭނެކަމެވެ. [8]
(ނުނިމޭ)


[1]  معتقد أهل السنة والجماعة في توحيد الأسماء والصفات ص 76
[2]  އަހުލުލްކަލާމަކީ ޢަޤީދާގެ މައްސަލަތަކުގައި އަމިއްލަ ބުއްދިން ޙުކުމްކުރި މީހުންނެވެ.
[3]  ނޯޓު: އެހެނެއްކަމަކު، އަޝްޢަރީންނާއި މާތުރީދީން މަޝްހޫރުވެފައިވަނީ ތައުވީލުކުރުމަށެވެ.
[4]  فرق الضالة مع الرد عليها للدكتور عبد الستار عبد الرحمن ص 62
[5]  މިއީ قديمގެ ގިނަގޮތެވެ. މާނައަކީ އެއްޗަކަށް ފެށުމެއް ނުވުމެވެ. ޢިލްމުލްކަލާމުގެ ދަންނަބޭކަލުންގެ އަރިހުގައި قديمއަކީ އެފަރާތެއް ވޮޑިގެންވުމުގައި ފެށުމެއްނުވާ ފަރާތެވެ. ކުރީގެ މަރުޖިޢު ބައްލަވާ ޞ 50 (ފުޓްނޯޓު)
[6]  انظر هامش: شرح أصول إعتقاد أهل السنة والجماعة للالكائي- تحقيق د/ أحمد بن سعد الغامدي 1/249
[7]  فرق الضالة مع الرد عليها ص 62
[8]  انظر هامش: شرح أصول إعتقاد أهل السنة والجماعة للالكائي- تحقيق د/ أحمد بن سعد الغامدي 1/249

 
ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ތަޙްރީފުކުރުމާއި ތައުޠީލުކުރުމާއި...(1)
 
 
 
މިވެބްސއިޓްގައިވާ ލިޔުންތައް އަމާނާތްތެރިކަމާއެކު ބޭނުންކުރެއްވުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ. ވިޔަފާރީގެ އުޞޫލުން ބޭނުންކުރައްވަންވާނީ ދާލަގެ ހުއްދަ ލިބިގެންނެވެ.
Copyright © 2011 Dhaala. All rights reserved.